Advertisement

އެމްޑީޕީއާއެކު އޮތް ކޯލިޝަން ރޫޅާލައި، ދެވަނަ ބުރުގައި މުއިއްޒުއަށް ތާއިދުކުރަން އެމްޑީއޭއިން ނިންމައިފި

27 ސެޕްޓެންބަރު 2023 - 00:17 0

ނިމާ ހަސަން

ނިމާ ހަސަން

ރައީސް ސޯލިހާއި ސިޔާމް; އެމްޑީއޭއިން ވަނީ އެ ކޯލިޝަން ރޫޅާލައި, މުއިއްޒުއަށް ތާއިދުކުރަން ނިންމާފައި -- ފޮޓޯ: ޝާބިން/ އަދަދު


އެމްޑީޕީއާއެކު އޮތް ކޯލިޝަން ރޫޅާލައި، ދެވަނަ ބުރުގައި މުއިއްޒުއަށް ތާއިދުކުރަން އެމްޑީއޭއިން ނިންމައިފި

27 ސެޕްޓެންބަރު 2023 - 00:17 0

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެމްޑީޕީއާއެކު ހެދި ކޯލިޝަން ރޫޅާލައި, އެ އިންތިހާބުގެ ދެ ވަނަ ބުރުގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ތާއިދުކުރަން އެމްޑީއޭ އިން ނިންމައިފި އެވެ.

ސަރުކާރު ހިންގާ އެމްޑީޕީ އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު ހަދާފައި އޮތް ކޯލިޝަން ރޫޅާލަން މިރޭ ބޭއްވި އެ ޕާޓީގެ ކުއްލި ކައުންސިލް ބައްދަލުވުމަށް ހުށަހެޅުއްވީ ކައުންސިލް މެމްބަރު މުހައްމަދު އައްބާސް އެވެ.

އޭނާގެ ހުށަހެޅުން ފާސްވީ ބޮޑު އަގުލަބިއްޔަތަކުން 33 ވޯޓު ލިބިގެނެވެ. އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ޕާޓީގެ ނައިބު ރައީސް އަލީ މައުރޫފެވެ. ރައީސް ސޯލިހާއެކު ހަދާފައި އޮތް ކޯލިޝަން ދަމަހައްޓަން ލިބުނީ ޕާޓީގެ ކައުންސިލްގެ އެންމެ ދެ ވޯޓެވެ. އެގޮތަށް ހުށަހެޅުއްވީ ޕާޓީގެ ލީޑަރު އަހުމަދު ސިޔާމް އަހުމަދެވެ.

އެމްޑީއޭއިން، ޑރ. މުއިއްޒަށް ތާއީދު ކުރަން ނިންމީ އޭނާއަކީ ދެފުށްކެހެރި މީހެއް ނޫން ކަމަށާއި ރައީސް ސޯލިހު ދޫނުކޮށްލައްވާނެ ކަމަށް ސެޕްޓެމްބަރު 4، ގައި ދެއްވި ސްޕީޗެއްގައި ސިޔާމް ވިދާޅުވެފައި އޮއްވަ އެވެ.

"އަޅުގަނޑު މިއީ ދެފުށްކެހެރި މީހެއް ނޫން. އަޅުގަނޑު މިހުރީ ސީދާ އިބްރާހީމް މުހައްމަދު ސޯލިހު އަރިހުގައި. އަަޅުގަނޑެއް ގައިމުވެސް އިބްރާހީމް މުހައްމަދު ސޯލިހު ދޫކޮށްލާފައި، މި ފަސް އަހަރަކު އިރާދަކުރެއްވިއްޔާ އެއްވެސް ތަނަކަށް ނުދާނަން،" ސިޔާމް ވިދާޅުވި އެވެ.

މި ހިނގާ ސެޕްޓެމްބަރު 9، ގައި ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެމްޑީޕީން ކޯލިޝަން ހެދީ އެމްޑީއޭގެ އިތުރުން އަދާލަތު ޕާޓީއާ އެވެ. ތިން ޕާޓީގެ ކޯލިޝަނުގެ ގިނަ ދަތުރުތަކުގައި ސިޔާމް ބައިވެރިވެ ވަޑައިގެންނެވި އެވެ.

ނަމަވެސް އިންތިހާބުގެ ފުރަތަމަ ބުރުގައި ދެވަނައަށް ދިޔުމުން, އެމްޑީޕީގެ ކެމްޕޭނުން އެމްޑީއޭ ގެއްލިގެން ދިޔަ އެވެ. އެއަށްފަހު ކޯލިޝަނާއެކު ކުރިއަށް ނުދާން އެމްޑީއޭއިން މި ނިންމީ, އިންތިހާބުގެ ދެވަނަ ބުރަށް ތިން ދުވަހަށް ވެފައި އޮއްވަ އެވެ.

އެމްޑީޕީއާއެކު ހަދާފައި އޮތް ކޯލިޝަން އެމްޑީއޭއިން ރޫޅާލައި، އިދިކޮޅު ކެންޑިޑޭޓަށް ތާއީދުކުރަން ނިންމިއިރު، އެ އިންތިހާބުގައި ވާދަ ކުރި އެމްއެންޕީން ވެސް ވަނީ ޑރ. މުއިއްޒަށް ތާއީދު ކުރުމަށް ނިންމައިފަ އެވެ.

އެމްޑީޕީއާއެކު ކޯލިޝަން ހެދި އަދާލަތު އަދިވެސް އޮތީ އެ ކޯލިޝަނުގަ އެވެ. އަދި އިންތިހާބުގައި ވާދަކުރި ޕާޓީތަކުގެ ތެރެއިން ޖުމްހޫރީ ޕާޓީ އާއި ދަ ޑިމޮކްރެޓްސްއިން ވަނީ ވަކި ކެންޑިޑޭޓަކަށް ތާއިދު ނުކުރަން ނިންމާފަ އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ބާއްވަން ހަމަޖެހިފައި ވަނީ އަންނަ ހޮނިހިރު ދުވަހު އެވެ.