Advertisement

މުބާލް، 17 އަހަރުވީ ފެތުމުގެ ގައުމީ ރެކޯޑެއް މުގުރާލައިފި

26 ސެޕްޓެންބަރު 2023 - 09:47 0

އޭޝިއަން ގޭމްސްގެ އިވެންޓެއްގައި މުބާލް ފަތަނީ.--- ފޮޓޯ: ނައުޝަމް ވަހީދު/ އިމޭޖަސް.އެމްވީ


މުބާލް، 17 އަހަރުވީ ފެތުމުގެ ގައުމީ ރެކޯޑެއް މުގުރާލައިފި

26 ސެޕްޓެންބަރު 2023 - 09:47 0

ޗައިނާގެ ހަންޒޫގައި މިހާރު ކުރިއަށްދާ 19 ވަނަ އޭޝިއަން ގޭމްސްގައި ފަތައި ރާއްޖޭގެ ގައުމީ ޓީމުގެ ފެތުންތެރިޔާ މުބާލް އައްޒާމް އިބްރާހިމް، 17 އަހަރުވީ ފިރިހެނުންގެ 100 މީޓަރުގެ ބްރެސްޓް ސްޓްރޯކްގެ ގައުމީ ރެކޯޑު މުގުރާލައިފި އެވެ.

މިމަހުގެ 23 އިން އަންނަ މަހުގެ އަށްވަނަ ދުވަހުގެ ނިޔަލަށް ޗައިނާގައި ކުރިއަށްދާ، އޭޝިއަން ގޭމްސްގައި މުބާލް ގައުމީ ރެކޯޑު ހެދީ އެއް މިނެޓު 14.73 ސިކުންތުން ރޭސް ނިންމައިގެންނެވެ. މި ރެކޯޑު ކުރިން އޮތީ 17 އަހަރު ކުރިން 10 ވަނަ ސައުތު އޭޝިއަން ގޭމްސްގައި ހަސަން އަޝްރަފް އެވެ. އެއީ، 2006 ވަނަ ސްރީ ލަންކާގައި ކުރިއަށްދިޔަ ގޭމްސްގައި އަޝްރަފް ގައުމީ ރެކޯޑު ހެދީ އެއް މިނެޓު 16:33 ސިކުންތުން ރޭސް ނިންމައިގެންނެވެ.

މުބާލްގެ އިތުރުން އަލީ އިމްއާން އާއި މިރާލް އައިން ލަތީފް ވެސް ވަނީ ގައުމީ ރެކޯޑެއް އާކޮށްފަ އެވެ.

އިމްއާން ރެކޯޑު ހެދީ 100 މީޓަރ ބެކްސްޓްރޯކް އިވެންޓުންނެވެ. އޭނާ ރޭސް ނިންމީ އެއް މިނެޓު 04:64 ސިކުންތުންނެވެ. ހަތަރު ފެތުންތެރިން ވާދަކުރި ހީޓުން އިމްއާން ދިޔައީ ދެވަނައަށެވެ.

މި އިވެންޓުގެ ގައުމީ ރެކޯޑު ކުރިން އިމްއާން ހެދީ މި އަހަރު ޖަޕާނުގެ ފުކުއޯކާގައި ބޭއްވުނު 20 ވަނަ ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕްސްގަ އެވެ. އެ މުބާރާތުގައި އިމްއާންގެ ޓައިމިން އަކީ އެއް މިނެޓު 04.98 ސިކުންތުންނެވެ.

މި ގޭމްސްގެ އަންހެނުންގެ 200 މީޓަރު ބަޓަރފްލައި އިވެންޓުގެ ޤައުމީ ރެކޯޑް މިރާލް އައިން ލަތީފް އާކޮށްފަ އެވެ. 20 ވަނަ ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕްސްގައި ތިން މިނެޓު 05:69 ސިކުންތުން ފަތައި މިރާލް ހެދި ރެކޯޑު އޭނާ މިފަހަރު އާކުރީ، ތިން މިނެޓު 04:45 ސިކުންތުންނެވެ.

ނަވާރަ ވަނަ އޭޝިއަން ގޭމްސްގައި ރާއްޖެއިން ނުވަ ކުޅިވަރެއްގައި 75 އެތުލީޓުން އަންނަނީ ވާދަކުރަމުނެވެ. އެއީ އެތުލެޓިކްސް، ބެޑްމިންޓަން، ބާސްކެޓްބޯޅަ ތުރީ އޮން ތުރީ، ބީޗްވޮލީބޯޅަ، ކްރިކެޓް، އީ-ސްޕޯޓްސް، ޝޫޓިން، ސްވިމިން އަދި ޓޭބަލް ޓެނިސް އެވެ.

މި ގޭމްސްގައި ވާދަކުރާ ރާއްޖޭގެ ބީޗުވޮލީބޯޅަ ޓީމްގެ އިވެންޓުތައް ވަނީ ނިމިފަ އެވެ. އެގޮތުން މިމަހުގެ 21 ގައި އާދަމް ނަސީމް (އެޑަމް) އާއި އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ)ގެ ޕެއާ ވަނީ ޗައިނާގެ ޕެއާއާ ވާދަކޮށް 21-11، 21-12 އިން ބަލިވެފަ އެވެ. އަދި ޖެހިގެން އައި ދުވަހު ފިލިޕީންސް އަތުން ވެސް ހަމަ މި ނަތީޖާއިން ބަލިވެ، ރާއްޖޭގެ ޕެއާ ވަނީ ކަޓައިފަ އެވެ.

އަންހެން އަދި ފިރިހެން ޓޭބަލް ޓެނިސް އިވެންޓުގައި ގައުމީ ޓީޓީ ޓީމް ގްރޫޕް ސްޓޭޖުގައި ކުޅުނު މެޗުތަކުން ބަލިވެ ވަނީ ކަޓައިފަ އެވެ. މިހާރު ކުރިއަށްދަނީ އިންޑިވިޖުއަލް އިވެންޓުތަކެވެ.