Advertisement

ލިވަޕޫލާއި ވެސްޓް ހޭމް ފެށީ މޮޅަކުން

22 ސެޕްޓެންބަރު 2023 - 11:42 0


ލިވަޕޫލާއި ވެސްޓް ހޭމް ފެށީ މޮޅަކުން

22 ސެޕްޓެންބަރު 2023 - 11:42 0

ލަންޑަން (ސެޕްޓެމްބަރު 22) - ޔުއެފާ ޔޫރޮޕާ ލީގުގެ އާ ސީޒަނުގައި ރޭ ފުރަތަމަ މެޗުތައް ކުޅުނުއިރު، ލިވަޕޫލާއި ވެސްޓް ހޭމް ޔުނައިޓެޑް މޮޅުވެއްޖެ އެވެ.

އެކަމަކު، ޔޫރަޕްގައި ބްރައިޓަން އިން ކުޅުނު ފުރަތަމަ މެޗުން ގްރީސްގެ އޭއީކޭ އެތަންސް އަތުން 3-2 އިން ބަލިވެއްޖެ އެވެ.

ލިވަޕޫލުން ވަނީ ފަހަތުން އަރައި 3-1 އިން އޮސްޓްރިއާގެ ލާސްކް އަތުން މޮޅުވެފަ އެވެ. މިދިޔަ ސީޒަނުގެ ޔުއެފާ ކޮންފަރެންސް ލީގުގެ ޗެމްޕިއަން ވެސްޓް ހޭމް ޔުނައިޓެޑުން ވަނީ އަމިއްލަ ދަނޑުގައި ސާބިއާގެ ބާކާ ޓޮޕޯލާ ބަލިކޮށްފަ އެވެ.

ލާސްގެ ފްލޯރިއަން ފްލެކާ މެޗުގެ 14 ވަނަ މިނިޓްގައި އެ ޓީމަށް ލީޑުނަގައިދިންއިރު، ފުރަތަމަ ހާފު ނިމުނީ އެ ނަތީޖާގަ އެވެ. ލިވަޕޫލަށް ފުރަތަމަ ހާފުގައި އެއްވަރުކޮށްދޭން ޑާވިން ނޫނޭޒަށް ރަނގަޅު ފުރުސަތުތަކެއް ލިިބި ބޭނުމެއް ނުކުރެވުނެވެ. އެކަމަކު، މެޗުގެ ދެ ވަނަ ހާފު ފެށިގެން، 56 ވަނަ މިނިޓްގައި ލިވަޕޫލަށް އެއްވަރުކޮށްދިނީ ނޫނޭޒް ޖެހި ޕެނަލްޓީންނެވެ. މިއީ ލުއިޒް ޑިއާޒަށް ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެވެ. ލިވަޕޫލުން ލީޑުނެގީ ޑިއާޒް ޖެހި ގޯލުންނެވެ.

ބެންޗުން އަަރައި ލިވަޕޫލްގެ ފަހު ގޯލު ޖެހީ މުހައްމަދު ސަލާހު އެވެ. މި މެޗުން ލިވަޕޫލް މޮޅުވިއިރު، މިއީ އެ ޓީމުގެ ކޯޗަކަށް ހުރެ ޔާގަން ކްލޮޕް ޔޫރަޕްގައި ހޯދި 50 ވަނަ މޮޅެެެވެ. މިއީ އެ ކްލަބްގެ ކޯޗެއް މި އަދަދަށް ޔޫރަޕްގައި މެޗުން މޮޅުވި ފުރަތަމަ ފަހަރެވެ.

ވެސްޓް ހޭމް ދަނޑުގައި ޓޮޕޯލާ އަށް ލީޑުނަގައިދިނީ ޕީޓާ ސްޓަނިޗް އެވެ. ވެސްޓް ހޭމް އިން އެއްވަރުކުރީ ޓޮޕޯލާގެ ނިމާންޏާ ޕެޓްރޮވިޗް އަތުން ބައިކޮޅަށް ވަން ގޯލުންނެެވެ. ވެސްޓް ހޭމް މޮޅުކޮށްދިން ގޯލުތައް ޖެހީ މުހައްމަދު ކުޑޫސް އާއި ތޯމަސް ސޫޝެކް އެވެ.

ބްރައިޓަން ދަނޑުގައި އޭއީކޭގެ ގޯލުތައް ޖެހީ ޖިބްރީލް ސިޑީބޭ، މިޔަޓް ގަސިނޯވިޗް އަދި އެޒެކީލް ޕޮންސާ އެެވެ. ބްރައިޓަންގެ ދެ ގޯލު ވެސް ޖެހީ ޖޮއާއޯ ޕެޑްރޯ އެވެ.