Advertisement

ރާއްޖެ ސަރަހައްދުގައި އުޅުނު ލަންކާގެ ބޯޓުތައް ފުލުހުުންނާ ހަވާލުކޮށްފި

20 ސެޕްޓެންބަރު 2023 - 22:06 0

ސިފައިންގެ ބެލުމުގެ ދަށުން ލަންކާ މަސް ބޯޓު ގެންނަނީ: އެ ބޯޓުތައް ހޯދީ މަހިބަދޫ ދޯންޏަކުން ރިޕޯޓު ކުރުމުން -- ފޮޓޯ: އެމްއެންޑީއެފް


ރާއްޖެ ސަރަހައްދުގައި އުޅުނު ލަންކާގެ ބޯޓުތައް ފުލުހުުންނާ ހަވާލުކޮށްފި

20 ސެޕްޓެންބަރު 2023 - 22:06 0

ދިވެހިރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުގައި ހަރަކާތްތެރިވަމުންދަނިކޮށް ސިފައިން އަތުލައިގަތް ސްރީ ލަންކާގެ ފަސް މަސް ބޯޓު މިއަދު ފުލުހުންނާ ހަވާލުކޮށްފި އެވެ.

އެ ފަސް މަސް ބޯޓު ވެސް އަތުލައިގަތީ މިދިޔަ ހޯމަ ދުވަހެވެ. އޭގެ ތެރެއިން ހަތަރު ބޯޓު ހޯދީ ކ. ކާށިދޫ އިރުން 85 މޭލު ބޭރުން ކަމަށެވެ. އަދި އަނެއް ބޯޓު ފެނުނީ ޅ. އަތޮޅު އިރުން 74 ނޯޓިކަލް މޭލު ބޭރުން ކަމަށް ސިފައިން ބުންޏެވެ.

ކާށިދޫ ބޭރުން އަތުލި ބޯޓުތައް ދިވެހި ސަރުކާރުގެ ބެލުމުގެ ދަށަށް ގެންދިޔައީ ކޯސްޓްގާޑުގެ ޕެޓްރޯލް އުޅަނދެއް ކަމަށްވާ "ނޫރައްދީން" އިން ކަމަށް ސިފައިން ބުންޏެވެ. އަނެއް ބޯޓު އަތުލީ ކޯސްޓްގާޑުގެ ގާޒީ ބޯޓުން ކަމަށް ސިފައިން ބުންޏެވެ.

އެ ހުރިހާ ބޯޓުތަކެއް ވެސް މިއަދު ދޫނިދޫ ބަނދަރަށް ވައްދައި، ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށް ސިފައިން ބުންޏެވެ.

އެމްއެންޑީއެފްއިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އެ ބޯޓުތައް ރާއްޖެ ސަރަހައްދުގައި އުޅެނިކޮށް ރިޕޯޓު ކުރީ ދިވެހި މަސް ދޯންޏެއް ކަމަށްވާ "އަސުރުމާ 3" އިން ކަމަށެވެ. އެއީ އދ. މަހިބަދޫގެ ދޯންޏެކެވެ.

"މި ފުރުސަތުގައި ދިވެހި މަސްކަނޑުތައް ބެލެހެއްޓުމުގައި އެމްއެންޑީއެފް ކޯސްޓްގާޑުން ކުރަމުން ގެންދާ މަސައްކަތްތަކުގައި މަސްވެރިން ދެއްވާ އެހީތެރިކަމާއި އެއްބާރުލެއްވުން ފާހަގަކޮށް ޝުކުރު ދަންނަވަން،" ސިފައިން ބުނެފައިވެ އެވެ.