Advertisement

ނިޒާމީ ވޯޓަކަށް ދާން ތާއީދު ކުރައްވާ ކަމަށް ނައިފަރު ދާއިރާގެ މެމްބަރު ޝިޔާމް ވިދާޅުވެއްޖެ

19 ސެޕްޓެންބަރު 2023 - 14:28 0

ހަސަން މުހައްމަދު

ހަސަން މުހައްމަދު

ނައިފަރު ދާއިރާގެ މެމްބަރު ޝިޔާމް: ވިދާޅުވީ ނިޒާމީ ވޯޓަކަށް ދިޔަތާ 16 އަހަރު ފާއިތުވެފައިވާ ކަމަށާއި އަނެއްކާ ވެސް އެފަދަ ވޯޓެއް ނެގުމަކީ މައްސަލައެއް ނޫން ކަމަށް -- ފޮޓޯ: މަޖިލިސް


ނިޒާމީ ވޯޓަކަށް ދާން ތާއީދު ކުރައްވާ ކަމަށް ނައިފަރު ދާއިރާގެ މެމްބަރު ޝިޔާމް ވިދާޅުވެއްޖެ

19 ސެޕްޓެންބަރު 2023 - 14:28 0

ވެރިކަން ކުރާ ނިޒާމާ ގުޅޭ ގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިޔުމަށް ތާއީދު ކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެ އެވެ.

ނިޒާމީ ވޯޓެއް ނެގުމަށް ޑިމޮކްރެޓްސްގެ މެމްބަރު އިލްޔާސް ލަބީބް ހުށަހެޅުއްވި ގަރާރަށް ބަހުސް ކުރައްވަމުން ޝިޔާމް މިއަދު ވިދާޅުވީ، ނިޒާމުގެ ވޯޓެއް ނެގީ މީގެ 16 އަހަރު ކުރިން ކަމަށާއި ނިޒާމުގައި ހުރި ގޯސްކަމަކީ ކޮބައިތޯ އަނެއްކާ ވެސް ރައްޔިތުން ކައިރި އެހުމަށް އޭނާ ތާއީދު ކުރައްވާ ކަމަށެވެ.

"މި ނިޒާމުގައި ކޮބައިތޯ ގޯސް ކަމަކީ އަނެއްކާ ވެސް ރައްޔިތުން ކުރެ އަހާލުމަކީ އަޅުގަނޑު ހަމަ ތާއީދުކުރާ ކަމެއް. ރައްޔިތުން ކައިރިން އަހާލައިގެން ރައްޔިތުން ބޭނުންވާ ގޮތަކަށް އަނެއްކާ ކުރިއަށް ދިޔުމަކީ އަޅުގަނޑުމެން ނުރުހޭ ކަމެއް ނޫން، ރުހޭ ކަމެއް އިއްޒަތްތެރި ރައީސް," ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވީ ސެޕްޓެމްބަރު 9، ގައި ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 21 ޕަސެންޓު މީހުން ވޯޓުނުލާ ކަމަށާއި އެއީ ކަންބޮޑުވުމެއް ކަމަށެވެ.

"ވޯޓުލެވޭ އާބާދީގެ ފަސް ބައިކުޅަ އެއް ބައި ވޯޓެއް ނުލާ. ގާތްގަނޑަކަށް 21 އިއްސައްތަ، ވޯޓުލެވޭ އާބާދީގެ ރައްޔިތުން ވޯޓުނުލާ މިއޮތީ ފުރަތަމަ ބުރުގައި އިއްޒަތްތެރި ރައީސް. މިއީ އަޅުގަނޑުމެން ކަންބޮޑުވާ ކަމެއް. ރައްޔިތުންގެ ކޮން ނުތަނަވަސްކަމެއްތޯ އޮތީ ވޯޓުނުލާން ނުނިކުތީ،" އޭނާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މިއަދުގެ ޖަލްސާ ނިންމާނީ ގަރާރާމެދު ގޮތެއް ނިންމައި، އެ ނިންމާ ގޮތެއް އިލެކްޝަންސް ކޮމިޝަނަށް ފޮނުވުމަށްފަހު ކަމަށެވެ. އިލްޔާސް މިއަދު ހުށަހެޅުއްވި ގަރާރުގައި ބުނަނީ އޮކްޓޯބަރު 30، ގެ ކުރިން ނިޒާމާ ގުޅޭ ވޯޓެއް ނެގުމަށެވެ.

ނިޒާމީ ވޯޓެއް އެންމެ ފުރަތަމަ ރާއްޖޭގައި ނެގެނީ ގާނޫނު އަސާސީ އިސްލާހު ކުރަމުންދިޔައިރު އޯގަސްޓް 17، 2007 ގަ އެވެ. އެ އިންތިހާބުގައި ރިޔާސީ ނިޒާމަށް 95،619 ވޯޓު ލިބުނެވެ. އެއީ 62 ޕަސެންޓު ވޯޓެވެ. ބަރުލަމާނީއަށް 58،504 ވޯޓު ލިބުނެވެ. އެއީ 37.9 ޕަސެންޓު ވޯޓެވެ.