Advertisement

ހޯމް އެޑްވާންޓޭޖް ނަގައި، ޓީމެއްގެ ގޮތުގައި ކުޅެގެން މޮޅުވެވޭނެ: ހަމްޕު

18 ސެޕްޓެންބަރު 2023 - 15:23 0

މާޒިޔާ މެޗެއްގެ ތެރެއިން ގޯލު ޖެހުމަށް ފަހު ހަމްޕު އުފާފާޅުކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


ހޯމް އެޑްވާންޓޭޖް ނަގައި، ޓީމެއްގެ ގޮތުގައި ކުޅެގެން މޮޅުވެވޭނެ: ހަމްޕު

18 ސެޕްޓެންބަރު 2023 - 15:23 0

އޭއެފްސީ ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަން، ބަޝުންދަރާ ކިންގްސްއާ ދެކޮޅަށް މާދަމާ ކުޅޭ މެޗަށް ނުކުންނައިރު، ހޯމް އެޑްވާންޓޭޖް ނަގައި، ޓީމެއްގެ ގޮތުގައި ކުޅެގެން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް މޮޅުވެވޭނެ ކަމަށް އެ ޓީމުގެ ތަރި ހަމްޒާ މުހައްމަދު (ހަމްޕު) ބުނެފި އެވެ.

މާދަމާ ހަވީރު ބަޝުންދަރާ ކިންގްސްއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސުވާލަކަށް ޖަވާބުދެމުން ހަމްޕު ބުނީ އަމިއްލަ ގައުމުގައި ކުޅޭއިރު އެ އެޑްވާންޓޭޖް އިންނާނެ ކަމަށެވެ.

"އެ އެޑްވާންޓޭޖް އިންނާނެ. މަސައްކަތް ކުރެވޭނީ އިންޝާﷲ، މަސައްކަތް ކުރާނަން ތިން ޕޮއިންޓް ލިބޭތޯ،" މެޗާ މެދު ދެކޭގޮތް ހިއްސާ ކުރަމުން ހަމްޕު ބުންޏެވެ.

މާޒިޔާ އިން އެންމެ ފަހުން ރަސްމީ މެޗެއް ކުޅެފައިވަނީ މީގެ ހަތަރު ހަފްތާއެއްހާ ދުވަސް ކުރިންނެވެ. ދިވެހި ޕްރިމިއާ ލީގު މެދުކަނޑާލާފައި މި އޮތް މުއްދަތުގައި އޭއެފްސީ ކަޕަށް ޓީމު ތައްޔާރުވާން މާޒިޔާ އަށް މެޗުތަކެއް ކުޅެވުނީ 23 އަހަރާއި 21 އަހަރުން ދަށުގެ ގައުމީ ޓީމާ އެކު ކަމަށް މާޒިޔާގެ ކޯޗު ބޮސްނިއާގެ މިލޮމީރް ސެސްލިޖާ (މިލޯ) ވަނީ ބުނެފަ އެވެ.

ބަޝުންދަރާ އިން އޭއެފްސީ ޗެމްޕިއަންސް ލީގުގެ ކޮލިފައިން މެޗެއްގައި ޔޫއޭއީގެ ޝާރްޖާ އެފްސީ އަތުން 2-0 އިން ބަލިވެގެން މި ފަހަރުގެ އޭއެފްސީ ކަޕްގައި ކުޅެން ޖެހުނަސް އެ ޓީމުން މި މުބާރާތަށް ފޯކަސް ކުރާނީ ވިސްނުންތެރިކަމާ އެކު ކަމަށް ބަޝުންދަރާގެ ކޯޗު އޮސްކާ ބްރުޒޮން ވަނީ ބުނެފަ އެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ހަމްޕު މީޑިއާގެ ސުވާލުތަަކަށް ޖަވާބުދެނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


ބަޝުންދަރާ އަތުން މޮޅުވާނަމަ ހަމްޕުގެ ނަޒަރުގައި ހޯމް އެޑްވާންޓޭޖް ނެގުމޭ އެއްވަރަށް ޓީމެއްގެ ގޮތުގައި ހިތްވަރުކުރަން ޖެހޭނެ އެވެ.

"ދެން، ހަމަ ޓީމެއް ގޮތުގައި މަސައްކަތް ކޮށްގެން ވާނީ، އެހެން މި ބުނަނީ، ފުދޭ ވަރަކަށް ދުވަސްވެއްޖެ އޮފިޝަލް ރަނގަޅު މެޗެއް ނުކުޅޭތާ، އެބައި ދައްކާނެ، އެކަމަކު ޓީމެއްގެ ގޮތުގައި މަސައްކަތް ކުރެވިއްޖިއްޔާ ކާމިޔާބު ލިބޭނެ،" ރާއްޖޭގައި މި ވަގުތު ހުރި އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ، ހަމްޕު ބުންޏެވެ.

މާޒިޔާގެ ކޯޗު މިލޯ ވަނީ ބަޝުންދަރާ ބަލިކުރަން މާޒިޔާ އިން ބޭނުންވާ "މޯޓިވޭޝަން" ދައްކައި، ޓީމުގެ ކުޅުންތެރިން ގައުމީ ރޫހެއްގައި އެ ހިތްވަރު ނެރޭނެ ކަމަށެވެ. އެއީ މާޒިޔާގައި ތިބީ ގައުމީ ޓީމުގެ ވެސް ގިނަ ކުޅުންތެރިން ކަމަށް މިލޯގެ ވާހަކައިގައި ފާހަގަކުރި އެވެ.

އެ ހިތްވަރު މާޒިޔާ އިން ނެރޭނެތޯ ސުވާލުކުރުމުން ހަމްޕުގެ ޖަވާބަކީ "އިރާދަކުރެވިޖިއްޔާ" އެވެ.

މި ފަހަރުގެ އޭއެފްސީ ކަޕްގައި މި ގްރޫޕް ފަށާ މެޗު ރާއްޖޭގައި އޮތުމަކީ ވެސް އޮތް އެޑްވާންޓޭޖެއް ކަމަށާއި އެ ގޮތަށް ވިސްނައިގެން ކުޅުންތެރިން ތިބީ "އެއް ރޫހެއްގައި މި މެޗު ނަގަން ރެޑީވެގެން" ކަމަށް ހަމްޕު ބުނެފައިވެ އެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އޮސްކާ އާއި ބަޝުންދަރާގެ ކެޕްޓަން ބްރެޒިލްގެ ރޮބީނިއޯ ވަނީ މާޒިޔާ އިން އެންމެ ބޮޑަށް ސަމާލުވާންޖެހޭނެ ކުޅުންތެރިއަކީ ހަމްޕު ކަމަށް ބުނެފަ އެވެ.

މާޒިޔާ އިން ވަނީ މިދިޔަ ދެ އަހަރުގެ އޭއެފްސީ ކަޕް ސެންޓްރަލައިޒްކޮށް ކުޅުނުއިރު ބަޝުންދަރާއާ ދެކޮޅަށް ކޮންމެ އަހަރަކު ވެސް ކުޅެފަ އެވެ. އެ ގޮތުން، 2021 ވަނަ އަހަރު މާލޭގައި ކުޅުނު މެޗުން ބަޝުންދަރާ މޮޅުވީ 2-0 އިންނެވެ. އަދި މިދިޔަ އަހަރު އިންޑިއާގެ ކަލްކަތާގައި ކުޅުނު މެޗުން މާޒިޔާ ބަލިވީ 1-0 އިންނެވެ. މި ފަހަރުގެ އޭއެފްސީ ކަޕްގައި މާޒިޔާ އާއި ބަޝުންދަރާ ކުޅޭ މެޗު ފަށާނީ މާދަމާ 15:00 ގަ އެވެ.