Advertisement

ތިލަފުއްޓަށް އިތުރުކުރަން ހަމަޖެހިފައިވާ 117.73 ހެކްޓަރުގެ ބިން ހިއްކަން ފަށައިފި

17 ސެޕްޓެންބަރު 2023 - 12:03 0

މުހައްމަދު ޖަމްޝަތު ވަހީދު

މުހައްމަދު ޖަމްޝަތު ވަހީދު

ތިލަފުށި ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްދަނީ---ފޮޓޯ: އާބަންކޯ


ތިލަފުއްޓަށް އިތުރުކުރަން ހަމަޖެހިފައިވާ 117.73 ހެކްޓަރުގެ ބިން ހިއްކަން ފަށައިފި

17 ސެޕްޓެންބަރު 2023 - 12:03 0

ތިލަފުށީގެ މާސްޓާޕްލޭނާ އެއްގޮތަށް އެ ރަށު ދެވަނަ ފިޔަވައްސައް އިތުރުކުރާ ބިމުގެތެރެއިން 117.73 ހެކްޓަަރު ހިއްކުމުގެ މަސައްކަތް ފަށައިފި އެވެ.

ތިލަފުށީގެ މާސްޓާ ޕްލޭން ފަރުމާކޮށްފައި ވަނީ ސިނާއީ ދާއިރާގައި މިހާރު ހުރި މައްސަލަތަކަށް ހައްލު ހޯދައިދިނުމަށެވެ. އެ ޕްލޭނުގެ ދަށުން އާބަންކޯ އިން ތިލަފުށީގެ ދެވަނަ ފިޔަވަހި ހިއްކަން ރާވާފައިވަނީ ޖުމްލަ ހަ ސަރަހައްދަކަށް ބަހާލައިގެންނެވެ. މީގެ ތެރެއިން ދެ ސަރަހައްދެއް ހިއްކުމުގެ މަސައްކަތް މިހާރުވެސް އަންނަނީ ކުރަމުންނެވެ. އެއީ އޭރިއާ "ސީ" އަދި "ޑީ" އެވެ.

އާބަންކޯ އިން މިއަދު ހާމަކުރި ގޮތުގައި އެ މަޝްރޫއުގެ ދަށުން މިހާތަނަށް ހިއްކަން ނުފަށައި އޮތް ހަަތަރު ސަރަހައްދުގެވެސް އަމަލީ މަސައްކަތް މިހާރު ވަނީ ފަށާފަ އެވެ. އެގޮތުން ހިއްކަން ނުފަށައި ބާކީ އޮތް ހަތަރު ސަރަހައްދުގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް 14 ސެޕްޓެމްބަރު 2023 ގައި ފަށާފައިވާ ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ. އެއީ ޖުމްލަ 117.73 ހެކްޓަރުގެ ބިމެެވެ.

އެއީ އެރިއާ "އޭ" އިން 71.5 ހެކްޓަރުގެ ބިމާއި އޭރިއާ "ބީ" އިން 39.6 ހެކްޓަރުގެ ބިމާއި އޭރިއާ "އީ" އިން 5.9 ހެކްޓަރުގެ ބިމުގެ އިތުރުން އޭރިއާ "އެފް" އިން 0.73 ހެކްޓަރު ބިމެވެ. މި ހަތަރު ސަރަހައްދު ހިއްކުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ޗައިނާ ހާބަރ އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑް އާ އެވެ.

ތިލަފުށި ހިއްކާނެ ގޮތުގެ ކުރެހުމެއް---


އާބަންކޯ އިން ބުނީ ތިލަފުށީގެ ބިންހިއްކައި ތަރައްގީކުރުމުގެ މައިގަނޑު ބޭނުމަކީ މާލެ ސަރަހައްދުގެ ރަށްތަކުގެ އިންޑަސްޓްރިއަލް ހަބަކަށް ތިލަފުށި ބަދަލުކޮށް ތަފާތު ފުރުސަތުތައް ހޯދައިދިނުމަށް ކަމަށެވެ. އެ މަޝްރޫއުގެ ދަށުން ރާއްޖޭގެ އިންޑަސްޓްރިއަލް މަސައްކަތްތަކަށް އިންގިލާބީ ކުރިއެރުމެއް ލިބިގެންދާނެ ކަމަށާއި މާލެ ސަރަހައްދު ތަރައްގީކުރުމަށް ވެސް ވަރަށް ބޮޑު އެހީއަކަށް ވެގެންދާނެ ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުންޏެވެ.

އިންޑަސްޓްރިއަލް މަސައްކަތްތައް މާލެ ސަރަހައްދުން ތިލަފުށްޓައް ބަދަލުކުރުމުން މުޖަތަމައު އަށާއި ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތައް ވަރަށްބޮޑަށް ކުޑަކުރެވިގެންދާނެ ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުންޏެވެ.

ތިލަފުށީގެ ބިންހިއްކުމުގެ މަޝްރޫއަކީ ދިވެހި ސަރުކާރުގެ ލަފަޔާ އިރުޝާދުގެ ދަށުން މީހުން ދިރިއުޅޭ ސަރައްހައްދުތަކާއި ދުރުގައި ސިނާއީ މަސައްކަތްތައް ހިންގުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން އާބަންކޯއިން ކުރިއަށް ގެންދާ މަޝްރޫއެކެވެ.

ތިލަފުށީގެ މާސްޓާ ޕްލޭންގެ ދަށުން ބޮޑެތި ބިންތައް ދޫކުރެވި އެކިއެކި އުމްރާނީ މަސައްކަތްތައް ކުރުމަށް ޖާގަ ލިބިގެންދާނެ އެވެ. އަދި ތިލަމާލެ ބްރިޖުން ހުޅުމާލެ، މާލެ، ވިލިމާލެ، އަދި ގުޅީފަޅު ތިލަފުށްޓާއި ގުޅުވާލެވުމުން އިގްތިސާދީ ގޮތުން އިންގިލާބީ ކުރި އެރުންތަކެއް ލިބިގެންދާނެ އެވެ.