17 ސެޕްޓެންބަރު 2023 - 17:22 0
17 ސެޕްޓެންބަރު 2023 - 17:22 0
ރޯމް، އިޓަލީ (ސެޕްޓެމްބަރު 17) - މަނާބޭހުގެ ގޮތުގައި ލިސްޓުކޮށްފައިވާ ބޭހެއް ބޭނުންކޮށްފައިވާތީ ޔުވެންޓަސް އަށް ކުޅެމުން އަންނަ ފްރާންސްގެ މިޑްފީލްޑަރު ޕައުލް ޕޮގްބާ މި ވަގުތު ވަގުތީ ސަސްޕެންޝަނެއްގައި ހުރިއިރު، އޭނާގެ މައްސަލަައިގައި ގޮތެއް ނިންމަން އަންނަ މަހު އަޑުއެހުމެއް ބޭއްވުމަށް ތާވަލުކޮށްފި އެވެ.
އިޓާލިއަން ލީގުގައި ޔުވެންޓަސް އިން އުދިނޭޒީއާ ދެކޮޅަށް ކުޅުނު މެޗަށް ފަހު، ޕޮގްބާ ވަނީ ޑޯޕިން ޓެސްޓެއް ކޮށްފަ އެވެ. އެ މެޗުގައި ޔުވެންޓަސްގެ ބެންޗުގައި އިން ޕޮގްބާގެ އެ ރޭންޑަމް ޓެސްޓްގެ ނަތީޖާގެ ރިޕޯޓްތައް ބެލުމަށް ފަހު، އިޓަލީގެ އެންޓި ޑޯޕިން އެޖެންސީ (ނާޑޯ) އިން ބުނެފައިވަނީ މަނާބޭހުގެ ގޮތުގައި ލިސްޓުކޮށްފައިވާ ބޭހެއް ބޭނުންކޮށްފައިވާކަން ޕޮގްބާގެ ސާމްޕަލުން އެނގޭ ކަމަށެެވެ.
އެކަމާ ގުޅޭގޮތުން ދިން އިންޓަވިއުއެއްގައި ޔުވެންޓަސްގެ ކޯޗު މަސިމޯ އަލެގްރީ އާއި ޕޮގްބާ ވެސް ވަނީ ގަސްދުގައި އެ ފަދަ ކަމެއް ކޮށްފައިނުވާނެ ކަމަށް ބުނެފަ އެވެ. އެހެންވެ، ނާޑޯގެ އެ ނިންމުމާ ދެކޮޅަށް ޔުވެންޓަސްގެ ހުއްދައާ އެކު ޕޮގްބާ ވަނީ އެޕީލެއް ކޮށްފަ އެވެ.
ޕޮގްބާގެ އެޕީލާ އެއްގޮތަށް ބާއްވާ ކައުންޓަ-އެނަލައިސިސް އަޑުއެހުން މިހާރު ވަނީ އަންނަ މަހުގެ ފަސް ވަނަ ދުވަހަށް ތާވަލުކޮށްފަ އެވެ. މި އަޑުއެހުމުގައި މިއީ ޕޮގްބާގެ މައްޗަށް ސާބިތުވާނެ ކުށެއްގެ ގޮތުގައި ކަނޑައަޅައިފިނަމަ، ދެ އަހަރު ދުވަހުގެ ސަސްޕެންޝަނެއް ޕޮގްބާ އަށް އަންނާނެ އެވެ.
ހިލޭ ޓްރާންސްފާއެއްގައި މިދިޔަ އަަހަރު މެންޗެސްޓާ ޔުނައިޓެޑް ދޫކޮށް، ޕޮގްބާ އަލުން ޔުވެންޓަސް އަށް ބަދަލުވީ ހަތަރު އަހަރުގެ ޑީލެއްގަ އެވެ. އެކަމަކު، މިދިޔަ ސީޒަނުގައި ކަކުލަށް ލިބުނު ސީރިއަސް އަނިޔާއެއްގެ ސަބަބުން ދިގު މުއްދަތަކަށް ކުޅުމާ ދުރުގައި ހުރުމަށް ފަހު، މި ސީޒަނުގައި އެނބުރި އައިސް މިހާތަނަށް ދެ މެޗެއްގައި ކުޅުނެވެ. އެއީ ބޮލޯނިއާ އާއި އެމްޕޮލީއާ ދެކޮޅަށް ޔުވެންޓަސް އިން ކުޅުނު މެޗުތަކުގަ އެވެ.
Comment