Advertisement

އިންޑިއާގައި ފެތުރެމުންދާ ނިޕާ ވައިރަހާ ބެހޭ ގޮތުން އެނގެނީ ކޮން އެއްޗެއް؟

17 ސެޕްޓެންބަރު 2023 - 07:17 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ނިޕާ ވައިރަސް ޖެހުމުން މަރުވުމުގެ ފުރުސަތު ބޮޑު. -- ފޮޓޯ: އޭއެފްޕީ


އިންޑިއާގައި ފެތުރެމުންދާ ނިޕާ ވައިރަހާ ބެހޭ ގޮތުން އެނގެނީ ކޮން އެއްޗެއް؟

17 ސެޕްޓެންބަރު 2023 - 07:17 0

އިންޑިއާގެ ސްޓޭޓެއްގައި ނިޕާ ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށް މިދިޔަ ހަފުތާގައި ފިޔަވަޅު އަޅަން ފެށި އެވެ. މިއީ ޖަނާވަރުންގެ ގައިން އިންސާނުންނަށް ފޯރާ ވައިރަހެކެވެ. ގަދަ ހުމެއް އައިސް މަރުވުމުގެ ފުރުސަތު ބޮޑު މި ވައިރަސް ފެންނަނީ ވަރަށް މަދުންނެވެ.

ތިރީގައި އެ ވަނީ މިހާތަނަށް މި ވައިރަހާ ބެހޭ ގޮތުން ޔަގީންވާ ބައެއް މުހިއްމު މައުލޫމާތެވެ.

ނިޕާ ވައިރަހަކީ ކޮބާ؟

ނިޕާ ވައިރަސް އެންމެ ފުރަތަމަ ފެނުނީ 1998 ވަނަ އަހަރު އެވެ. އެ ފަހަރު ވައިރަސް ފެތުރުނީ މެލޭޝިއާގައި އޫރު ގެންގުޅޭ ބައެއްގެ ތެރޭގަ އެވެ. ވައިރަހަށް ނަން ދިނީ އެންމެ ފުރަތަމަ ފެނުނު އަވަށަށް ނިސްބަތްކޮށްގެންނެވެ.

މި ވައިރަސް އާއްމުކޮށް ފެންނަނީ ވަރަށް މަދުންނެވެ. އެކަމަކު މިއީ ދުނިޔޭގައި ބަލިމަޑުކަމެއް ފެތުރުމުގެ ފުރުސަތު ބޮޑު ވައިރަހަކަށް ވާތީ އިތުރު ދިރާސާ ކުރުން މުހިއްމު ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ލިސްޓުކޮށްފައިވެ އެވެ.

އާއްމުކޮށް މި ވައިރަސް އިންސާނުންނަށް ފޯރަނީ ޖަނަވާރުންގެ ގައިން ނުވަތަ ތަގައްޔަރުވެފައިވާ ކާނާއިންނެވެ. އެކަމަކު އެއް އިންސާނެއްގެ ގައިން އެހެން އިންސާނެއްގެ ގަޔަށް ފޯރުމުގެ ފުރުސަތު ވެސް އޮވެ އެވެ.

އާއްމުކޮށް މި ވައިރަސް ފެންނަނީ ވާލުގެ ގައިންނެވެ. ދޭތެރެ ދޭތެރެއިން މި ބަލި ފެތުރެނީ ވާލުގެ ސަބަބުން ކަމަށް ބެލެވިފައިވެ އެވެ.

އަލާމާތްތަކުގެ ތެރޭގައި ގަދަޔަށް ހުން އައުން، ހޮޑުލެވުން، ނޭވާލާ ނިޒާމުގެ އިންފެކްޝަން ހިމެނެ އެވެ. ހާލު ގޯސްވެ ފިޓުޖެހި، ސިކުނޑި ދުޅަވެ، ކޯމާއަށް ދިޔުން ވެސް އެކަށީގެންވެ އެވެ.

ނިޕާ ވައިރަހަށް ވެކްސިނެއް ހޯދިފައެއް ނުވެ އެވެ.

މީގެ ކުރިން ބަލި ފެތުރުނީ ކިހިނެއް؟

އެންމެ ފުރަތަމަ މެލޭޝިއާގައި ނިޕާ ވައިރަސް ފެތުރުނު އިރު، 100 އަށް ވުރެ ގިނަ މީހުން މަރުވި އެވެ. ވައިރަސް ކޮންޓްރޯލް ކުރުމުގެ ގޮތުން މިލިއަނަކަށް ވުރެ ގިނަ އޫރު މަރާލި އެވެ.

ސިންގަޕޫރުގައި ވެސް ވައިރަސް ފެތުރި، 11 މީހުން ބަލިވި އެވެ. އެކަމަކު މަރުވީ އެންމެ މީހެކެވެ. ވައިރަސް ފެތުރުނީ މެލޭޝިއާއިން އިމްޕޯޓް ކުރި އޫރު ގެންގުޅު ބަޔެއްގެ މެދުގަ އެވެ.

އޭގެ ފަހުން މި ބަލި ފެނިފައި ވަނީ ބަންގްލަދޭޝާއި އިންޑިއާގަ އެވެ. ދެ ގައުމުގައި ވެސް އެންމެ ފުރަތަމަ ނިޕާ ވައިރަހުގެ އައުޓްބްރޭކެއް އައީ 2001 ގަ އެވެ.

އޭގެ ފަހުން މިހާތަނަށް ނިޕާ ވައިރަހުގެ އެކި އައުޓްބްރޭކްތަކުގައި ބަންގްލަދޭޝުން 100 އަށް ވުރެ ގިނަ މީހުން މަރުވެފައިވެ އެވެ. އަދި އިންޑިއާގައި ދެ އައުޓްބްރޭކެއްގައި 50 މީހުން މަރުވި އެވެ.

މިދިޔަ މަހުން ފެށިގެން ކެރަލާ ސްޓޭޓުން ވައިރަސް ފެންނަމުންދާ އިރު، ދެ މީހުން މަރުވެފައިވެ އެވެ. ސްކޫލްތައް ބަންދުކޮށް، ގިނަ ބަޔަކު ޓެސްޓް ކުރަން މިހާރު ވަނީ ފަށައިފަ އެވެ.

މިއީ ފާއިތުވި ފަސް އަހަރުގެ ތެރޭގައި ކެރަލާއިން ނިޕާ ވައިރަސް ފެނުނު ހަތަރު ވަނަ ފަހަރެވެ. އެންމެ ފުރަތަމަ 2018 ގައި އެ ސްޓޭޓުގަައި ނިޕާ ފެތުރި 17 މީހުން މަރުވި އެވެ.

ކޮންމެ ފަހަރަކު ވެސް ހަރުކަށި ފިޔަވަޅު އަޅައިގެން ހަފުތާތަކެއްގެ ތެރޭގައި ބަލި ފެތުރުން ކޮންޓްރޯލް ކުރެވެ އެވެ.