Advertisement

އިންޓަ އޮފީސް/ކުންފުނިތަކުގެ ހޭންޑްބޯޅަ މުބާރާތް ފަށަނީ

14 ސެޕްޓެންބަރު 2023 - 17:52 0

މިދިޔަ އަހަރުގެ އިންޓަ އޮފީސް/ކުންފުނިތަކުގެ ހޭންޑްބޯޅަ މުބާރާތުގެ މެޗެއްގެ ތެރެއިން - ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


އިންޓަ އޮފީސް/ކުންފުނިތަކުގެ ހޭންޑްބޯޅަ މުބާރާތް ފަށަނީ

14 ސެޕްޓެންބަރު 2023 - 17:52 0

ޖުމްލަ އެކު، 26 ޓީމެއް ބައިވެރިވާ ހަ ވަނަ އިންޓަ އޮފީސް/ކޮންޕެނީ ހޭންޑްބޯލް ޗެމްޕިއަންޝިޕް 2023 މާދަމާ ފަށަން ތައްޔާރުވެއްޖެ އެވެ.

މާދަމާ އިން ފެށިގެން އަންނަ މަހުގެ 10 ވަނަ ދުވަހާ ހަމައަށް ކުރިއަށްދާ މި މުބާރާތް ކުރިއަށްދާނީ ދެ ޑިވިޝަނަކަށެވެ. ދެ ޑިވިޝަންގައި ވެސް އަންހެން އަދި ފިރިހެން ބައިގެ މެޗުތައް ކުރިއަށްދާނެ އެވެ.

ފުރަތަމަ ޑިވިޝަނަށް ބަލާއިރު އަންހެން ބައިގައި ހަތަރު ޓީމް އަދި ފިރިހެން ބައިގައި ތިން ޓީމް ވާދަކުރެ އެވެ. އަންހެން ބައިގައި ވާދަކުރާ ހަތަރު ޓީމަކި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)، މޯލްޑިވްސް އިމިގްރޭޝަން އަދި މިނިސްޓްރީ އޮފް ފިނޭންސް އެވެ. ފިރިހެން ބައިގައި ވާދަކުރަނީ މޯލްޑިވްސް މަނިޓަރި އޮތޯރިޓީ (އެމްއެމްއޭ)، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަދި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އެވެ.

މުބާރާތުގައި އެންމެ ގިނަ ޓީމް ވާދަކުރަނީ ދެވަނަ ޑިވިޝަންގެ އަންހެން ބައިގަ އެވެ. މިގޮތުން މިބައިގައި ޖުމްލަ 20 ޓީމަކުން ވާދަކުރެ އެވެ. އަބަދުވެސް އެންމެ ފޯރިގަދަ ބައިގެ ގޮތުގައި ފާހަގަވެފައި އޮންނަ ދެވަނަ ޑިވިޝަންގެ އަންހެން ބައިގެ ޓީމްތައް ބަހާލާފައިވަނީ ހަތަރު ގްރޫޕަކަށެވެ. ކޮންމެ ގްރޫޕަކުން ދެ ޓީމް ކުއާޓާ ފައިނަލަށް ހޮވޭނެ އެވެ.

ދެވަނަ ޑިވިޝަންގެ ފިރިހެން ބައިގައި ވާދަކުރަނީ ފަސް ޓީމަކުންނެވެ. އެއީ އެމްއޭސީއެލް، ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް)، އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް (އެވްސެކް)، މާލޭ ވޯޓާ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އަދި އިމިގްރޭޝަން އެވެ.

މުބާރާތުގެ ފައިނަލް މެޗުތައް އޮންނާނީ އޮކްޓޯބަރު ނުވަ ވަނަ ދުވަހާއި 10 ވަނަ ދުވަހު އެވެ.

މިދިޔަ އަހަރުގެ އިންޓަ އޮފީސް/ކޮމްޕެނީ ހޭންޑްބޯޅަ މުބާރާތުގެ ފުރަތަމަ ޑިވިޝަންގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ހޯދީ އެމްޕީއެލް އެވެ. އަންހެން ބައިގެ ޗެމްޕިއަންކަން ހޯދީ އިމިގްރޭޝަން އެވެ. ދެ ވަނަ ޑިވިޝަންގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން ހޯދިއިރު، އަންހެން ބައިގެ ޗެމްޕިއަންކަން ހޯދީ އެމްއޭސީއެލް އެވެ.