Advertisement

ދަށް ޓީމެއް ފޮނުވާތީ އޭޝިއަން ގޭމްސް އަށް އިންޑިއާ ކޯޗު ސްޓިމަކް ނުދާނެ

13 ސެޕްޓެންބަރު 2023 - 11:37 0

ސާފް ޗެމްޕިއަންޝިޕްގެ ތެރެއިން އިންޑިއާގެ ކޯޗު ސްޓިމަކް (ކ،2) އެ ޓީމުގެ ޕްރެކްޓިހެއްގެ ތެރެއިން ކުޅުންތެރިންނަށް ބުނެދެނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


ދަށް ޓީމެއް ފޮނުވާތީ އޭޝިއަން ގޭމްސް އަށް އިންޑިއާ ކޯޗު ސްޓިމަކް ނުދާނެ

13 ސެޕްޓެންބަރު 2023 - 11:37 0

އިންޑިއަން ސުޕަ ލީގު (އައިއެސްއެލް)ގެ ކްލަބްތަކުން ކުޅުންތެރިންނަށް ރިލީސް ދޭން ދެކޮޅު ހަދާތީ، އޯލް އިންޑިއާ ފުޓްބޯޅަ ފެޑެރޭޝަން (އޭއައިއެފްއެފް) އިން އޭޝިއަން ގޭމްސް އަށް ދެ ވަނަ ފަންތީގެ ޓީމެއް ފޮނުވަން ނިންމިއިރު، ޓީމާ އެކު ނުދިއުމަށް އިންޑިއާ ކޯޗު އީގޯ ސްޓިމަކް ނިންމާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

އަންނަ ހަފްތާގައި އޭޝިއަން ގޭމްސްގެ ފުޓްބޯޅަ އިވެންޓް ފަށާއިރު، އިންޑިއާ އިން މި މުބާރާތަށް ދިއުމަށް ސްޓިމަކް ބޭނުންވި 23 އަހަރުން ދަށުގެ ޓީމާއި ސީނިއާ ތިން ކުޅުންތެރިންގެ ތެރެއިން މެޖޯރިޓީ ކުޅުންތެރިންނަށް ރިލީސް ލިބޭ ގޮތެއް ވަނީ ނުވެފަ އެވެ. އެހެންވެ، ތަކުރާރުކޮށް ސްޓިމަކް ވަނީ މި ކަމަށް ހައްލެއް ހޯދައިދޭން އޭއައިއެފްއެފް ކިބައިން އެދިފަ އެވެ. އެކަމަކު، ހައްލެއް ނުލިބި އެންމެ ފަހުން އޭއައިއެފްއެފް އިން ނިންމީ ދެ ވަނަ ފަންތީގެ ޓީމެއް އޭޝިއަން ގޭމްސް އަށް ފޮނުވުމަށެވެ.

އޭޝިއަން ގޭމްސްގައި އިންޑިއާ ހިމެނެނީ ގޭމްސްގެ ހޯސްޓް ޗައިނާގެ އިތުުރުން ބަންގްލަދޭޝް އާއި މިޔަންމާއާ އެކު ގްރޫޕް އޭގަ އެވެ. ފުރަތަމަ މެޗުގައި އިންޑިއާ ކުޅެން ޖެހެނީ ޗައިނާއާ އެވެ.

އޭޝިއަން ގޭމްސް އަށް ގެންދާ ސީނިއާ ތިން ކުޅުންތެރިންގެ ގޮތުގައި ސްޓިމަކް ހިމެނީ ޓީމުގެ ކެޕްޓަން، ސުނިލް ޗެތުރީ، ޑިފެންޑަރު ސަންދޭޝް ޖިންގަން އަދި ގޯލްކީޕަރު، ގުރްޕްރީތު ސިންގް ސާންދޫ އެވެ.

އައިއެސްއެލް ކްލަބްތަކުން ކުޅުންތެރިން ދޫކުރަން އެއްބަސްނުވީ މިއީ ފީފާ ކަލަންޑަރު ތެރޭގައި ކުޅޭ މުބާރާތެއްގެ ގޮތުގައި ނުބެެލެވޭތީ އެވެ. އެކަމަށް ވާހަކަ ދައްކައިގެން އޭއައިއެފްއެފް އިން ހައްލެއް ގެނެވޭތޯ ކުރި މަސައްކަތް ކާމިޔާބެއް ނުވި އެވެ.