Advertisement

ޖޮކޮވިޗް 24 ވަނަ ގްރޭންޑް ސްލޭމް ކާމިޔާބުކޮށް ރެކޯޑަކާ ހަމަކޮށްފި

11 ސެޕްޓެންބަރު 2023 - 12:35 0


ޖޮކޮވިޗް 24 ވަނަ ގްރޭންޑް ސްލޭމް ކާމިޔާބުކޮށް ރެކޯޑަކާ ހަމަކޮށްފި

11 ސެޕްޓެންބަރު 2023 - 12:35 0

ނިއުޔޯކް، ޔުނައިޓެޑް ސްޕޯޓްސް (ސެޕްޓެމްބަރު 11) - ޔޫއެސް އޯޕަންގެ ތަށި އުފުލާލައި، ނޮވަކް ޖޮކޮވިޗްގެ ކެރިއަރުގައި ކާމިޔާބުކުރި 24 ވަނަ ގްރޭންޑް ސްލޭމް ޓެނިސް މުބާރާތުގެ ތަށްޓާ އެކު ރެކޯޑަކާ ހަމަކޮށްފި އެވެ.

ޖޮކޮވިޗްގެ 24 ވަނަ ގްރޭންޑް ސްލޭމް ކާމިޔާބީއާ އެކު، އޭނާ ވަނީ ކުރީގެ ކުޅުންތެރިޔާ، މަގަރެޓް ކޯޓްގެ ރެކޯޑާ ހަމަކޮށްފަ އެެވެ. މަގަރެޓް ކޯޓުގެ ރެކޯޑަކާ ކުޅުންތެރިއަކަށް ހަމަކުރެވިފައި މި ވަނީ، އޭނާ ރެކޯޑް ހެދިތާ 50 އަހަރު ފަހުންނެވެ.

މި ފަހަރުގެ ޔޫއެސް އޯޕަން ފައިނަލުގައި ޖޮކޮވިޗް، 36، ވަނީ 6-3 7-6 (7-5) 6-3 އިން ޑަނީލް މެޑްވެޑޭވް ބަލިކޮށްފަ އެވެ. މި މޮޅާ އެކު، ޖޮކޮވިޗަކީ ޔޫއެސް އޯޕަން ކާމިޔާބު ކުރި އެންމެ ދުވަސްވީ ކުޅުންތެރިޔާ އެވެ. ކާމިޔާބު ހޯދިއިރު، ޖޮކޮވިޗްގެ އުމުރަކީ 36 އަހަރާއި ތިން މަހެވެ. މިއީ ޖޮކޮވިޗްގެ ހަތަރު ވަނަ ޔޫއެސް އޯޕަން ތަށްޓެވެ.

ޖޮކޮވިޗްގެ 24 ގްރޭންޑް ސްލޭމް ކާމިޔާބީގެ ތެރެއިން ދެ ބައިކުޅަ އެއްބައި ޓްރޮފީ ހާސިލްކޮށްފައިވަނީ އޭނާގެ އުމުރުން 30 އަހަރުވީ ފަހުންނެވެ. އެންމެ ފަހުން ޖޮކޮވިޗް ވާދަކުރި 10 ގްރޭންޑް ސްލޭމް މުބާރާތުގެ ތެރެއިން ހަތް މުބާރާތް ކާމިޔާބުުރީ އޭނާ އެވެ.

ޔޫއެސް އޯޕަން ފައިނަލަށް ފަހު ޖޮކޮވިޗް ދިން އިންޓަވިއުގައި ބުނެފައިވަނީ ވަކި ހިސާބަކުން ޓެނިސް ކެރިއަރު ހުއްޓާލުމުގެ ވިސްނުމެއް ނެތް ކަމަށާއި ގްރޭންޑް ސްލޭމް މުބާރާތްތަކުގެ ކާމިޔާބީ ގެންދާނީ ކިހާ ހިސާބަކަށްތޯ ވަކި ނަމްބަރެއް ސިކުނޑީގައި ނުގެންގުޅޭ ކަމަށެވެ.

"އަހަރެންގެ ފޯކަސް ހުރީ ކެރިއަރު ކުރިއަށްގެންދަން، މަތީ ފެންވަރުގައި ކުޅެވުނު ވަރަކަށް ކުޅެން ބޭނުން،" ޖޮކޮވިޗް ބުންޏެވެ.

ޔޫއެސް އޯޕަންގެ ކާމިޔާބީއާ އެކު ދުނިޔޭގެ ރޭންކިންގެ އެއް ވަނައިގައި އޮންނާނީ ޖޮކޮވިޗް އެެވެ.