Advertisement

ރައްޔިތުންގެ ބަސް އިއްވައި، ވެރިންނަށް އޮތް މިންވަރު ދައްކާލައިފި

10 ސެޕްޓެންބަރު 2023 - 11:43 1

ހަސަން މުހައްމަދު

ހަސަން މުހައްމަދު


ރައްޔިތުންގެ ބަސް އިއްވައި، ވެރިންނަށް އޮތް މިންވަރު ދައްކާލައިފި

10 ސެޕްޓެންބަރު 2023 - 11:43 1

ދިވެހިރާއްޖޭގައި އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުން ވަރަށް ބައިވަރު މުހިންމު ކަންކަން ހާމަވެ، އެނގިއްޖެ އެވެ. މިއަދުގެ ސިޔާސީ ލީޑަރުންނަށް ދިވެހިންގެ ތާއީދު އޮތް މިންވަރު ވަރަށް ރީއްޗަށް ފެނި، ފިކުރިތައް ބެހި ގުޅިތަކަށް އެޅިއްޖެ އެވެ.

އިދިކޮޅު ޕީޕީއެމް/ޕީއެންސީއަށް މީގެ ކުރީގެ ރިޔާސީ އިންތިހާބުގައި ވެސް ގާތްގަނޑަކަށް ލިބުނު މިންވަރަށް ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވޯޓު ލިބުނުއިރު ދަ ޑިމޮކްރެޓްސްގެ އިލްޔާސް ލަބީބަށް ވެސް ލިބިވަޑައިގެންނެވި ވަރު ވަރަށް ގިނަ ބަޔަކަށް ދިމާކުރި އެވެ.

އިއްޔެގެ އެންމެ ބޮޑު ހައިރާންކަމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެން ވޯޓުގެ މަދުކަމެވެ. އަނެއް ކަމަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް އޮތް ތާއީދު އިންތިހާއަށް ކުޑަ ކަމެވެ.

ރިޔާސީ އިންތިހާބުގައި އަލަށް ވާދަ ކުރެއްވި އެމްއެންޕީގެ މުހައްމަދު ނާޒިމާއި އަމިއްލަ ގޮތުން ވާދަ ކުރެއްވި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން ފާރިސް މައުމޫނާއި ހަސަން ޒަމީލު އަށް ކެންޑިޑޭޓުންގެ ތެރެއިން އިންތިހާބުގެ ފުލަށްދިޔައިރު ތާއީދު އޮތް މިންވަރު ރަނގަޅަށް ހާމަވެގެންދިޔަ އެވެ.

ޕީޕީއެމްގެ ހުރިހާ ވޯޓެއް ޑރ. މުއިއްޒަށް

މިދިޔަ ރިޔާސީ އިންތިހާބުގައި އެއިރުގެ ރައީސް އަބްދުﷲ ޔާމީނަށް ލިބިވަޑައިގަތީ 96،052 ވޯޓެވެ. އޭގެ ކުރިން 2013 ގައި ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ޔާމީން ހޯއްދެވީ 61،278 ވޯޓެވެ. އަދި އިންތިހާބު ކާމިޔާބު ކުރެއްވީ 111،203 ވޯޓު ހޯއްދަވައިގެނެވެ.

އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ޑރ. މުއިއްޒަށް ލިބިވަޑައިގަތީ 100،691 ވޯޓެވެ. މިއީ ޔާމީންއަށް ކާމިޔާބުވި 2013 ވަނަ އަހަރަށް ވުރެ މަދު އަދި ނާކާމިޔާބުވި 2018 އަހަރަށް ވުރެ ގިނަ ވޯޓެވެ.

ނިސްބަތުން ބަލާ ނަމަ ޔާމީންއަށް 2013 ވަނަ އަހަރުގެ ދެ ވަނަ ބުރުގައި ލިބިވަޑައިގެންނެވި ވޯޓު އިއްޔެ ފުރަތަމަ ބުރުގައި މުއިއްޒަށް ލިބިވަޑައިގެންނެވި އަދަދަށްވުރެ މާ ބޮޑުތަން އިތުރެއް ނޫނެވެ. އެދެމުގައި ހުރީ 10،512 ވޯޓުގެ ތަފާތެވެ.

އެހެންކަމުން ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ތާއީދު ކުރާ އެންމެނާއި ޕީޕީއެމްގެ އެންމެންގެ ވޯޓު ޑރ. މުއިއްޒަށް ލިބިވަޑައިގެންނެވި ކަމަށް ބުނެވިދާނެ އެވެ. އަދި މިދިޔަ ފަސް އަހަރު ޕީޕީއެމްގެ ވޯޓުތަކަށް މާ ބޮޑެތި ބަދަލުތަކެއް ވެސް އައިސްފައި އޮތް ކަމަކަށް ނުބެލެވެ އެވެ.

ރައީސްއަށް ލިބުނު ތާއީދު އުއްމީދު ކުރިވަރަށްވުރެ ދަށް

އިއްޔެ އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ރައީސް ސޯލިހަށް ލިބިވަޑައިގަތީ 85,260 ވޯޓެވެ. އެއީ ވޯޓުލީ އާބާދީގެ 38.2 ޕަސެންޓު މީހުންނެވެ. ދެ ވަނަ ބުރަކަށް ވާދަ ކުރެއްވި ރައީސަކަށް މިހާ މަދު ޕަސެންޓޭޖެއް ލިބުނު މިއީ ފުރަތަމަ ފަހަރެވެ.

އެންމެ ފުރަތަމަ 2008 ވަނަ އަހަރު ބޭއްވި މަލްޓި ޕާޓީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ރައީސް މައުމޫނަށް ލިބިވަޑައިގަތީ 71،731 ވޯޓެވެ. އެކަމަކު އެއީ ވޯޓުލީ އާބާދީގެ 40.63 ޕަސެންޓު މީހުންނެވެ. ދެ ވަނަ ބުރުގައި މައުމޫން 82،121 ވޯޓު ހޯއްދެވި އެވެ. އެއީ ވޯޓުލީ މީހުންގެ 45.79 ޕަސެންޓެވެ.

ކުރިން، 2013 ވަނަ އަހަރު ބޭއްވި ރިޔާސި އިންތިހާބުގެ ފުރަތަމަ ބުރުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް 97،764 ވޯޓު ލިބިވަޑައިގެންނެވިއިރު އެއީ ވޯޓުލީ މީހުންގެ 46.93 ޕަސެންޓެވެ. ދެ ވަނަ ބުރުގައި އެމަނިކުފާނު 105،181 ވޯޓު ހޯއްދެވި އެވެ. އެއީ 48.61 ޕަސެންޓު ވޯޓެވެ.

ރައީސް ސޯލިހަށް ކާމިޔާބު ލިބިވަޑައިގެންނެވި 2018 ވަނަ އަހަރު ބޭއްވި ހަމައެކަނި ބުރުގައި ޔާމީން 96،052 ވޯޓު ހޯއްދެވި އެވެ. އެއީ ވޯޓުލީ މީހުންގެ އާބާދީގެ 41.6 ޕަސެންޓެވެ.

ގާސިމް އިބްރާހިމް ތާއީދު ވެއްޓުން

ގާސިމް އިބްރާހިމް މިއީ ރިޔާސީ އިންތިހާބެއްގައި ވާދަ ކުރެއްވި ތިން ވަނަ ފަހަރެވެ. އަދި މިއީ އެންމެ މަދުން ވެސް ވޯޓު ލިބުނު ފަހަރެވެ.

އެންމެ ފުރަތަމަ 2008 ގައި ބޭއްވި ރިޔާސީ އިންތިހާބުގައި 27,056 ވޯޓު ހޯއްދެވި އެވެ. އެއީ 15.36 ޕަސެންޓު ވޯޓެވެ. އަދި 2013 ގެ ފުރަތަމަ ބުރުގައި ގާސިމް 48،131 ވޯޓު ހޯއްދެވި އެވެ. އެއީ ވޯޓުލީ މީހުންގެ ތެރެއިން 23.34 ޕަސެންޓެވެ.

އެކަމަކު މިފަހަރު ގާސިމް އިބްރާހިމަށް ލިބިވަޑައިގަތް ކަމަށް ވަގުތީ ނަތީޖާއިން ދައްކަނީ 5,469 ވޯޓެވެ. އެއީ ވޯޓުލީ އާބާދީގެ އެންމެ 2.5 ޕަސެންޓު މީހުންނެވެ. ކުރިއާ އަޅާބަލާއިރު ހައިރާންވާންޖެހޭ ވަރުގެ ނަތީޖާއެކެވެ.

އިއްޔެ ބޭއްވި އިންތިހާބުގައި ގާސިމްއަށް މިހާ މަދުން ވޯޓު ލިބުމުން ގިނަ ބަޔަކު ހައިރާންވި ނަމަވެސް ކެމްޕެއިނުގައި ޖުމްހޫރީ ޕާޓީއަށް ދެއްކުނު ތާއީދަށް ބަލާއިރު މިއީ ބުއްދި ގަބޫލު ކުރެވޭ ނަތީޖާއެކެވެ.

ކެމްޕެއިން ތެރެއިން ފެނުނު ބައެއް ކަންކަމަށް ބަލާއިރު، ކެމްޕެއިން ފެށުމުގެ އިފުތިތާހީ މައި ޖަލްސާއަށް ހާޒިރުވާނެ މީހުން ނުވެގެން ޖަލްސާ ފަސް ކުރަންޖެހުން ހިމެނެ އެވެ. އަދި ރަށްރަށަށް ގާސިމް ވަޑައިގަތުމުން ތާއީދު ނެތް މިންވަރު ފެނި ސީދާ ގާސިމް އެ ވާހަކަ ދެއްކެވުން ވެސް ހިމެނެ އެވެ.

ދަ ޑިމޮކްރެޓްސް ތިން ވަނައަށް

އިންތިހާބަށް ކުޑަތަންވެފައި އޮއްވައި ކުރީގެ ރައީސް ނަޝީދު އުފެއްދެވި ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބަށް 15،528 ވޯޓު ލިބިވަޑައިގަތެވެ. އެއީ ވޯޓުލީ އާބާދީގެ 7 ޕަސެންޓު މީހުންނެވެ.

މިއީ ރިޔާސީ އިންތިހާބެއްގައި އިލްޔާސް ވާދަ ކުރެއްވި ފުރަތަމަ ފަހަރެވެ. އެކަމަކު ގިނަބަޔަކު އިލްޔާސް ދެކުނީ ކުރީގެ ރައީސް ނަަޝީދުގެ ބަދަލުގައި ވޯޓު ދޭންވީ މީހާގެ ގޮތުގަ އެވެ.

އިލްޔާސް އިއްޔެ ހޯއްދެވީ މިދިޔަ ޖެނުއަރީ މަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ނަޝީދަށް ލިބިވަޑައިގެންނެވި ވޯޓާ ދާދި އެއްވަރު އަދަދެއްގެ ވޯޓެވެ. ޖެނުއަރީގެ އިންތިހާބުގައި ނަޝީދު 15،641 ވޯޓު ހޯއްދެވި އެވެ.

މިފަހަރުގެ ވޯޓުތައް ބެހުނު ގޮތުން އެމްޑީޕީ އަދި ޕީޕީއެމް ފިޔަވާ ދެން ތިބި ކެންޑިޑޭޓުންނަށް މާ ގިނަ ވޯޓު ނުލިބުނު ނަމަވެސް އިލްޔާސް ހޯއްދެވި ވޯޓާއެކު އޭނާ ވަޑައިގަތީ އިންތިހާބުގެ ތިން ވަނައަށެވެ.

އުމަރު ތާއީދު އިތުރުން

އުމަރު ނަސީރު އިއްޔެ ހޯއްދެވި ތާއީދަކީ ގިނަ ބަޔަކު ސިހުނު ކަމެކެވެ. މިހާތަނަށް ދައްކާ ގޮތުން އޭނާއަށް 6،311 ވޯޓު ލިބުނެވެ. އެއީ 2.8 ޕަސެންޓު ވޯޓެވެ. އަދި އަމިއްލަ ގޮތުން މިފަހަރު ވާދަ ކުރެއްވި އުމަރު ނަސީރަށް އެ ލިބިވަޑައިގަތީ ޖުމްހޫރީ ޕާޓީގެ ލީޑަރަށް ވުރެ ވެސް ގިނަ ވޯޓެވެ.

މިއީ އުމަރު ނަސީރު ރިޔާސީ އިންތިހާބެއްގައި ވާދަ ކުރެއްވި ދެ ވަނަ ފަހަރެވެ. ކުރިން 2008 ވަނަ އަހަރު ވާދަ ކުރެއްވީ އިސްލާމިކް ޑިމޮކްރެޓިކް ޕާޓީގެ ލީޑަރުގެ ގޮތުގަ އެވެ. އެފަހަރު 2472 ވޯޓު ހޯއްދެވި އެވެ. އެއީ 1.40 ޕަސެންޓު ވޯޓެވެ.

އެހެންކަމުން ވެއެތުވެދިޔަ 15 އަހަރު އުމަރު ނަސީރުގެ ތާއީދު ކޮންމެވެސް ވަރަކަށް އިތުރުވެއްޖެ އެވެ.

ހާވާސާއި ތިން ބޭފުޅުން

އަމިއްލަ ގޮތުން ވާދަ ކުރެއްވި ފާރިސް މައުމޫނަށް ލިބިވަޑައިގަތީ 3097 ވޯޓެވެ. އެމްއެންޕީގެ މުހައްމަދު ނާޒިމްއަށް 1,863 ވޯޓު ލިބުނު ކަމަށް ދައްކަ އެވެ. ހަސަން ޒަމީލަށް ލިބުން ކަމަށް ދައްކަނީ 329 ވޯޓެވެ.

އެ ތިން ބޭފުޅުންގެ ވޯޓު އެއްކޮށްލުމުން 5000 އިން މައްޗަށް އަރަނީ ކިރިޔާ އެވެ. އެހެންކަމުން މިއީ ވޯޓުލާ އާބާދީގެ ވަރަށް މަދު ބަޔެކެވެ. ހާއްސަކޮށް އެމްއެންޕީން ހިންގި ބޮޑު ކެމްޕޭނާ އަޅާބަލާއިރު ލިބުނު ރިޓާން މަދުކަން ފާހަގަވެ އެވެ.

އެންމެ ފަހު ވަގުތު ރިޔާސީ ބަހުސްގައި އަދި ސޯޝަލް މީޑިއާގައި ފާރިސް މައުމޫންގެ ނަން ވިދާލި ނަމަވެސް އިއްޔެގެ ނަތީޖާއިން ދައްކާ ގޮތުގައި ފާރިސް ވެސް ހުންނެވީ ހަވާސާގަ އެވެ.

ޒަމީލަށް ލިބުނީ ބައެއް މީހުން ހީކުރި ވަރަށް ވުރެ ވެސް ގިނައިންނެވެ. ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި އޭނާއަށް ލިބުނީ 0.15 ޕަސެންޓު ވޯޓެވެ. މިއީ ކެންޑިޑޭޓަކަށް ލިބިނު އެންމެ މަދު ވޯޓެވެ.

މިއީ ގިނަ އަހަރުތަކަކަށްފަހު ރައްޔިތުންނަށް ވަރަށް އަމާންކަމާއެކު ބަސް އިއްވަން ލިބުނު އިންތިހާބެކެވެ. މި އިންތިހާބު ބޭއްވީ ސިޔާސީ ހަލަބޮލިކަމެއްގެ ތެރެއަކުން ނޫނެވެ. މިވެނި ބޭފުޅަކަށް ތާއީދު ކުރަން މަޖުބޫރުވެފައެއް ނެތެވެ. ރައްޔިތުން ބަސް އިއްވީ އެމީހަކު ތާއީދު ކުރާ ކެންޑިޑޭޓަކަށް ވޯޓު ދީ ބަސް އިއްވައިގެނެވެ.