Advertisement

ހޯމް މިނިސްޓަރުގެ ތުހުމަތު: "މުއިއްޒުގެ ކެމްޕޭނަށް ފަންޑު ކުރަނީ ގޭންގުތަކުން"

8 ސެޕްޓެންބަރު 2023 - 00:26 2

އަހުމަދު އާއިދު

އަހުމަދު އާއިދު

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ : ވިދާޅުވީ މުއިއްޒުގެ ކެމްޕޭނަށް ފަންޑު ކުރަނީ ކުށްކުރާ ގޭންގުތަކުން ކަމަށް - ފޮޓޯ: މިރާން ނާޝިމް / އަދަދު


ހޯމް މިނިސްޓަރުގެ ތުހުމަތު: "މުއިއްޒުގެ ކެމްޕޭނަށް ފަންޑު ކުރަނީ ގޭންގުތަކުން"

8 ސެޕްޓެންބަރު 2023 - 00:26 2

އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕޭނަށް ފަންޑުކުރަނީ ރާއްޖޭގައި ހަރަކާތްތެރިވާ ކުށްކުރާ ގޭންގުތަކުން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ތުހުމަތުކުރައްވައިފި އެވެ.

ރިޔާސީ ކެމްޕޭނުގައި އެމްޑީޕީ އާއި ގުޅިފައިވާ ޕާޓީތަކުން ބާއްވާ އެންމެ ފަހު ބޮޑު ޖަލްސާގައި ވާހަކަދައްކަވަމުން އަދާލަތު ޕާޓީގެ ރައީސްކަންވެސް ކުރައްވާ އިމްރާން އައްޑޫގައި ހުންނަވާ މިރޭ ތުހުމަތުކުރެއްވީ، އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ކެމްޕޭނަށް ގޭންގުތަކުން ސީދާ ފަންޑުކުރާ ކަމަށެވެ.

"ރާއްޖޭގެ ހުރިހާ ލޮބުވެތި ރައްޔިތުން ވިސްނާވަޑައިގަންނަވާ، މިސާލެއްގެ ގޮތުން ޕީއެންސީގެ ކެންޑިޑޭޓު ކާމިޔާބު ކުރައްވައިފިނަމަ ނައިބު ރައީސް އުޅޭ ހިލާލީގެ ވާނީ ގޭންގުތައް އޮޕަރޭޓުކުރާ ކޮމާންޑު ސެންޓަރަކަށް"

އިދިކޮޅު ރަނިން މޭޓު ހުސެއިން މުހައްމަދު ލަތީފަށް ނިސްބަތްކޮށް އެހެން އެ ތުހުމަތު ކުރެއްވުމަށް ފަހު އިމްރާން ވަނީ، މުއިއްޒުގެ ވެރިކަމެއްގައި ކޮމިޝަނާ އޮފް ޕޮލިސް އަދި ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް އައްޔަންކުރެވޭނީ ގޭންގު ލީޑަރުން ކަމަށްވެސް ވިދާޅުވެފަ އެވެ.

"މިއީ އަޅުގަނޑު ހަދައިގެން ދައްކާ ވާހަކައެއް ނޫން ސަލާމަތީ ބާރުތަކުގެ ބޭފުޅުންނަށް މިކަން ވަރަށް ރަނގަޅަށް އިނގިވަޑައިގަންނަވާނެ، އަޅުގަނޑަށް އިނގޭ އަޅުގަނޑު މި ދައްކަނީ ކިހާ ނުރައްކާތެރި ވާހަކައެއްކަން" އިމްރާން ވިދާޅުވި އެވެ.

އިމްރާން ވިދާޅުވީ މިރޭ ދެއްކެވި ވާހަކައިގެ ސަބަބުން އޭނާ އަދި އާއިލާ ނުރައްކަލަށް ލެވުނު ނަމަވެސް ގައުމާއި ރައްޔިތުންގެ ހައްގުގައި އެ ވާހަކަ ހިއްސާ ކުރަންޖެހޭ ކަން ގަބޫލުކުރާ ކަމަށެވެ.

ރިޔާސީ ކެމްޕޭނަށް ހިނގަމުންދާ ހަރަދާއި ފަންޑު ލިބޭ ފަރާތްތަކުގެ ތަފުސީލަށް "އަދަދު" އިން ދަނީ ހުރިހާ ކެންޑިޑޭޓުން އަދި ޕާޓީތަކުގައި އެދެމުންނެވެ. އެގޮތުން މިއަދު ޕީޕީއެމް/ޕީއެންސީ ގެ ލީޑަޝިޕާ އެ ސުވާލު ކުރުމުން، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ ކެމްޕޭން ހަރަދު މީޑިއާތަކަށް ހާމަކުރުމަށް އިންކާރުކުރައްވާފަ އެވެ.

"ކެމްޕޭނު ހަރަދާ އެދޭ މައުލޫމާތު އަޅުގަނޑުމެން ނޫސް ކޮންފަރެންސްގައި ހާމަކުރާކަށް ބޭނުމެއް ނުވޭ. އެ ނުވެސް ޖެހޭނެ ދެއްތޯ. އެއީ ކެމްޕޭނަށް ކުރާ ހަރަދުގެ ތަފްސީލު ދޭން ޖެހޭނީ އިލެކްޝަން ކޮމިޝަނަށް އެކަނި. އެހެންވީމަ އެއީކީ އަޅުގަނޑުމެން ނޫސްވެރިންނާ ހިއްސާކުރަން ޖެހޭ މައުލޫމާތެއް ނޫން،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އެންމެ ފަހުން 2018 ގައި ބޭއްވި އިންތިހާބުގައިވެސް ޕީޕީއެމުން ވާދަކުރި ކެންޑިޑޭޓު، ކުރީގެ ރައީސް އަބްދުﷲ ޔާމީން 2018 ވަނަ އަހަރު ހިންގެވި ކެމްޕޭނުގެ މާލީ ބަޔާނުގައި ފައިސާ ހަރަދު ކުރިވަރު ހިމަނާފައި ހުރީ ތަރުތީބު ކުރުމެއް ނެތި އެވެ. އަދި ފައިސާ ދިން ބޭނުމެއް ނޭނގޭ ގޮތަށް ވެސް އެކި މީހުންނާ ފައިސާ ހަވާލުކޮށްފައި ހުއްޓެވެ.