Advertisement

ޒުވާން ޓީމަށް ނުފުރުނީ މިނިސްޓްރީއާ ހެދިއެއް ނޫން: ޔޫތު މިނިސްޓްރީ

6 ސެޕްޓެންބަރު 2023 - 16:12 0

އިސްމާއީލް އަޒްމީން

އިސްމާއީލް އަޒްމީން

ގައުމީ ފުޓްބޯޅަ ޓީމާއި ބަންގްލަދޭޝް ކުޅުނު އެކުވެރިކަމުގެ މެޗުގެ ތެރެއިން އެފްއޭއެމްގެ ރައީސް ބައްސާމް (ވ) ޔޫތު މިނިސްޓަރު މަހުލޫފް.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


ޒުވާން ޓީމަށް ނުފުރުނީ މިނިސްޓްރީއާ ހެދިއެއް ނޫން: ޔޫތު މިނިސްޓްރީ

6 ސެޕްޓެންބަރު 2023 - 16:12 0

އޭއެފްސީ އޭޝިއަން ކަޕްގެ 23 އަހަރުން ދަށުގެ ކޮލިފައިންގައި ވާދަކުރުމަށް ރާއްޖޭގެ ގައުމީ 23 އަހަރުން ދަށުގެ ޓީމު ޗައިނާ އަށް ދިޔުމަށް ބޭނުންވާ ފައިސާ ހަމަ ނުޖެހިގެން މުބާރާތުން ވަކިވުމުގެ ޒިންމާ ޔޫތު މިނިސްޓްރީން ނަގަން ނުޖެހޭނެ ކަމަށް ބުނެފި އެވެ.

ކުޅިވަރާ ބެހޭ ވުޒާރާއިން މިހެން ބުނެފައިމިވަނީ މުބާރާތުގައި ވާދަކުރާ ރާއްޖޭގެ 23 އަހަރުން ދަށުގެ ޓީމަށް ދަތުރުކުރުމަށް ބޭނުންވާ ފައިސާ ހަމަނުޖެހިގެން މުބާރާތުން ވަކިވާން ޖެހި، އެކަމުގައި މިނިސްޓްރީން ވެސް އެހީތެރިކަން ނުލިބުނުކަމަށް އެފްއޭއެމުން ބުނެފައިވަނިކޮށެވެ.

އޭއެފްސީ އޭޝިއަން ކަޕްގެ 23 އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖެ ވާދަކުރަން ޖެހުނީ ކޮލިފައިން ގްރޫޕް ޖީގައި އިންޑިއާ، ޗައިނާ އަދި ޔޫއޭއީއާ އެވެ. ޗައިނާގައި ކުޅެން ހަމަޖެހިފައިވާ މެޗުތަކުގެ ތެރެއިން ރާއްޖެ ފުރަތަމަ މެޗުގައި މިއަދު ނުކުންނަން ޖެހުނީ އިންޑިއާއާ ދެކޮޅަށެވެ.

އެފްއޭއެމުން މައުލޫމާތުދިން ގޮތުގައި ޓީމްގެ ދަތުރުގެ ހަރަދަށް މިލިއަނެއްހާ ރުފިޔާ ހަރަދުވެ އެވެ. އެ ފައިސާ ހަމަޖެއްސުމަށް އެކި ފަރާތްތަކާ އެކު މަސައްކަތް ކުރެވުނު ކަމަށާއި، މުބާރާތުގެ މައުލޫމާތު ޔޫތު މިނިސްޓްރީއާވެސް ހިއްސާކޮށްފައިވާނެ ކަމަށެވެ. އަދި އެ ފައިސާގެ އިންތިޒާމްތައް ފަހުވަގުތާ ހަމައަށް އެފްއޭއެމަކަށް ހަމައެއް ނުޖެއްސުނު ކަމަށެވެ.

ޓިކެޓުގެ ކަންކަން ހަމަނުޖެހިގެން މެޗުތައް ފަސްކޮށްދޭން އެދުނު ކަމަށާއި، ނަމަވެސް މުބާރާތުގެ ހުރިހާ މެޗެއް އެއްފަހަރާ ލަސް ނުކުރެވޭތީ ރާއްޖެއިން މުބާރާތުން ވަކިވާން ނިންމީކަމަށެވެ.

އެފްއޭއެމުން އިއްޔެ ހާމަކުރި މައުލޫމާތުތަކާ ގުޅިގެން ޔޫތު މިނިސްޓްރީން މިއަދު ބުނީ ރާއްޖޭގެ ޓީމް މުބާރާތަށް ދިޔުމަށް ބޭނުންވާ ފައިސާ ހަމަނުޖެހުމުގެ ޒިންމާ އެ މިނިސްޓްރީން ނަގަން ނުޖެހޭނެކަމަށެވެ.

"2023 ވަނަ އަހަރު ބައިވެރިވާން ޖެހޭ ބައިނަލްއަގްވާމީ މުބާރާތްތައް އެންގުމަށް ހުރިހާ ކުޅިވަރު އެސޯސިއޭޝަންތަކަށް 2022 ވަނަ އަހަރު ވާނީ އަންގާފައި. 23 އަހަރުން ދަށް، އަދި 16 އަހަރުން ދަށުގެ ޓީމުތައް ފުރާކަންވެސް އަންގާފައިވަނީ މިދިޔަ މަހު. ހަމަ އެހެންމެ، ކޮލިފިކޭޝަން މެޗުތަކުގެ ހަރަދަކީ ފީފާ އިން ފުޓްބޯޅަ އެސޯސިއޭޝަންތަކަށް ހަމަޖައްސާ ހަރަދެއް ކަމުން، މިކަމުގެ ޒިންމާ ޔޫތު މިނިސްޓްރީގެ ފަރާތުން އުފުލަން ޖެހޭނެ އެއްވެސް ސަބަބެއް ނެތްކަން ފާހަގަކޮށްލަން" މިނިސްޓްރީގެ ފަރާތުން މިކަމާ ގުޅިގެން ފޮނުވި މެސެޖުގައިވެ އެވެ.

އޭއެފްސީ 23 އަހަރުން ދަށުގެ ކޮލިފައިންގައި ވާދަކުރެވޭ ގޮތް ނުވެ ޒުވާން ޓީމު މުބާރާތުން ވަކިވާން ޖެހުނުއިރު، މިހާރު ކުރިއަށްދާ 16 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕަށް ބޫޓާން އަށް ދިޔުމަށް ވެސް ގައުމީ 16 އަހަރުން ދަށުގެ ޓީމަށް އުނދަަގޫތަކެއް ދިމާވި އެވެ. އެ ގޮތުން ކުރިން ފުރަން ކަނޑައަޅާފައި އޮތް ދުވަހު ނުފުރި މުބާރާތަށް ޓީމަށް ދެވޭ ވަރުވީ އޭގެ ދެ ދުވަސް ފަހުންނެވެ.

ސޯޅަ އަހަރުން ދަށުގެ ޓީމަށް ނުފުރުމުގައި ވެސް ދިމާވި މައްސަލަ އަކީ ޓިކެޓު ހޯދުމަށް ބޭނުންވާ ފައިސާގެ ދަތިކަންކަން ކަމަށް މައުލޫމާތު ލިބެ އެވެ.

މި ވަގުތު މާލީގޮތުން ބޮޑު މައްސަލަތަކެއްގައި އުޅޭ ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަނުގެ ދަރަނިތައް އިތުރުވަމުން އަންނަކަން ފާހަގަކޮށްލަން ޖެހެ އެވެ. އެނ ގޮތުން ފީފާގެ ޖޫރިމާނާތަކާއި، ކުރީގެ ކޯޗުންނަށް ދޭންޖެހޭ ފައިސާ އާއި އަމިއްލަ ކުންފުނިތަކަށް ދޭންޖެހޭ ފައިސާތައް ވެސް ނުދެއްކި އެފްއޭއެމްގެ އިދާރީ ހިންގުމަށްވެސް އުނދަގޫތަކެއް ވަނީ ދިމާވެފަ އެވެ.