6 ސެޕްޓެންބަރު 2023 - 11:36 0
ރައްޔާން މުހައްމަދު
ޖަޕާނުން ފޮނުވުމަށް ރާވާފައިވާ ޖައްވީ އުޅަނދުގެ ކުރެހުމެއް. ފޮޓޯ: ޖޭއޭއެކްސްއޭ
6 ސެޕްޓެންބަރު 2023 - 11:36 0
ޖަޕާނުން ހަނދަށް ފޮނުވާ ޖައްވީ އުޅަނދު މި ހަފްތާގެ ބުރާސްފަތި ދުވަހު ލޯންޗްކުރުމަށް ނިންމައިފި އެވެ. މިދިޔަ ހަފްތާ ލޯންޗް ކުރުމަށް އޮތް ނަމަވެސް މޫސުން ގޯސްވުމުގެ ސަބަބުން މި މިޝަން ވަނީ ފަސްކޮށްފަ އެވެ.
މިއީ ޖަޕާން އެރޯސްޕޭސް އެކްސްޕްލޮރޭޝަން އެޖެންސީ (ޖޭއޭއެކްސްއޭ) އުޅަނދެއް ހަނދަށް ތިރިކުރުމަށް މަސައްކަތްކުރާ ފުރަތަމަ ފަހަރެވެ. އޭގެ ކުރިން މޭގަ ޖަޕާންގެ ޕްރައިވެޓް ކުންފުންޏަކުން ވަނީ މި މަސައްކަތްކޯށް ނާކާމިޔާބު ވެފަ އެވެ.
ޖަޕާނުން ފޮނުވުމަށް ތައްޔާރުކޮށްފައިވާ އުޅަނދު "ސްމާޓް ލޭންޑާ ފޯ އިންވެސްޓިގޭޓިން މޫން (ސްލިމް) އަކީ އެހެން އުޅަނދުތަކާއި އަޅާކިޔާއިރު ކުޑަ އުޅަނދެކެވެ. އެގޮތުން ބަރުދަނުގައި ހުރީ 200 ކިލޯގްރާމެވެ. އިންޑިއާގެ ޗަންދްރަޔާން 3 ގައި 1750 ކިލޯ ހުއްޓެވެ.
ސްލިމްގެ މައިގަނޑު މަގުސަދަކީ ކަނޑައެޅިފައިވާ ސަރަހައްދުގެ 100 މީޓަރު ރޭޑިއަސްއަކަށް ކާމިޔާބުކަމާއެކު ޖެއްސުމެވެ. ޖޭއޭއެކްސްއޭ އިން ބުނެފައިވަނީ ޖައްސަން ފަސޭހަތަނެއްގައި ޖެއްސުމުގެ ބަދަލުގައި ބޭނުންތަނެއްގައި ޖެއްސިދާނެކަން މި މިޝަން އިން ދައްކާދޭނެ ކަމަށެވެ.
ޖޭއޭއެކްސްއޭ އިން ބުނެފައިވަނީ އެފަދަ "ޕިންޕޮއިންޓް" ލޭންޑިންގެ ސަބަބުން ހަނދުގެ ޝައުގުވެރި ހިސާބުތަކަށް އުޅަނދުތައް ފޮނުވާ ސާމްޕަލް ކަލެކްޓްކުރެވޭނެ ކަމަށެވެ. އަދި މުސްތަގުބަލުގައި މި ޓެކްނޮލޮޖީގެ ބޭނުންކޮށްގެން އެހެން ޕްލެނެޓްތަކަށް ވެސް އެންމެ ފުރިހަމަ ދަތުރުތައް ކުރެވޭނެކަމަށް އެފަރާތުން ވަނީ ބުނެފަ އެވެ.
ސްލިމް ލޭންޑް ކުރުމަށް ނިންމާފައިވަނީ ހަނދުގެ އީކުއޭޓާ ގާތުގައިވާ "ޝިއޯލީ" ގެ ނަން ދެވިފައިވާ ކްރޭޓަރެއް ކައިރިއަށެވެ. ކްރޭޓަރެއްގެ ބިން އެއްވަރު ނުވުމަކީ ވެސް މި މިޝަން އިން އަރައިގަންނަން ބޭނުންވާ ގޮންޖެހުމެއްކަން ވެސް ޖޭއޭއެކްސްއޭ އިން ވަނީ ފާހަގަކޮށްފަ އެވެ.
ސްލިމް ހަނދަށް ވާސިލްވާން ހަތަރު މަހާ ހަ މަސް ދުވަސް ނަގާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. މީގެ ސަބަބަކީ ވަރުގަދަ ރޮކެޓެއްގެ ބަދަލުގައި ދުނިޔޭގެ އޯބިޓްގެ ބޭނުން ހިފައިގެން ދަތުރުކުރާތީ އެވެ.
ޖޭއޭއެކްސްއޭގެ އުންމީދަކީ މި މިޝަންގެ ސަބަބުން ޖައްވީ ދިރާސާކުރުމުގެ އައު ދޮރުތަކެއް މުޅި ދުނިޔެއަށް ހުޅުވިގެން ދިޔުމެވެ.
Comment