Advertisement

ރައީސްގެ ސިޓީގައި ކަނޑުން ބައެއް ގެއްލޭ ފަދަ ވާހަކައެއް ނެތް: ބާ ކައުންސިލް

4 ސެޕްޓެންބަރު 2023 - 22:12 2

ޗާގޯސް


ރައީސްގެ ސިޓީގައި ކަނޑުން ބައެއް ގެއްލޭ ފަދަ ވާހަކައެއް ނެތް: ބާ ކައުންސިލް

4 ސެޕްޓެންބަރު 2023 - 22:12 2

ދިވެހިރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ އިން ވަކިކުރުމުގެ މައްސަލައިގެ ތެރެއިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެ ގައުމުގެ ބޮޑުވަޒީރަށް ފޮނުއްވި ސިއްރު ސިޓީގައި ދިވެހިރާއްޖޭގެ ސަރަހައްދީ މިނިވަންކަން ގެއްލޭ ފަދަ ވާހަކައެއް، އަދި އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) ނިންމުމަށް އެއްވެސް އަސަރެއް ކުރާނެ ވާހަކައެއް ނެތް ކަމަށް، ބާ ކައުންސިލުގެ ލޯ ރިފޯމް އެންޑު ރިސާޗު ކޮމިޓީން މިރޭ ބުނެފި އެވެ.

ހޮނިހިރު ދުވަހު ގެނެސްދިން ރާއްޖެ ޓީވީގެ "ފަށާއިރު" ޕްރޮގްރާމުގައި ރައީސް ސޯލިހު ވިދާޅުވީ، ބާ ކައުންސިލުން އެ މައްސަލައިގައި ކުރާ ދިރާސާއަށް ބޭނުންވެގެން ސިޓީ ދޭން އެދުމުން އެ ކައުންސިލާ އެ ސިޓީ ހިއްސާ ކުރައްވާފައިވާނެ ކަމަށެވެ.

"... އަދި ބާ ކައުންސިލުން މިހާރު އެކަމާ ގުޅިގެން އެ ހިނގާ ރިޕޯޓެއް ތައްޔާރު ކުރުމުގެ މަސައްކަތުގައި އެބޭފުޅުން އެދިވަޑައިގެން އަޅުގަނޑުމެންވާނީ ހިއްސާ ވެސް ކޮށްފައި. އެހެންވީމާ އެ ބޭފުޅުންނަށް ސިޓީގައި އޮތް އެއްޗެއް އެނގިވަޑައިގަންނަވާނެ ވަރަށް ސާފުކޮށް،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ދިވެހިރާއްޖެ އާއި ޗާގޯސްއާ ދެމެދު އޮތް ކަނޑުގެ ސަރަހައްދު ބައިނަލްއަގްވާމީ ކޯޓު މެދުވެރިކޮށް ދެ ގައުމުގެ މެދުގައި ބެހި ގޮތާ ގުޅޭ ދިރާސާއެއް ކުރާ ބާ ކައުންސިލްގެ ލޯ ރިފޯމް އެންޑް ރިސާޗު ކޮމިޓީންއާ ހަވާލާ ދެއްވައި އެ ކައުންސިލްގެ ރައީސް އިސްމާއީލް ވިޝާމް ވިދާޅުވީ ރައީސް ސޯލިހު ފޮނުއްވި ސިޓީގެ އަސްލު ކޮމިޓީން ބަލާފައިވާ ކަމަށެވެ.

"މައްސަލަ ދިރާސާ ކުރަން ސަބް ކޮމިޓީން ގެނައި ފައިލްގައި އެ ސިޓީގެ ލިޔުން އޮތް. އެ ލިޔުމާއި އަސްލު ސިޓީއާ އެއްގޮތްތޯ ބެލިން. އޮރިޖިނަލް ސިޓީ ވެސް[ރައީސް އޮފީހުން] ދެއްކި. އޭގައި ނެތް މައްސަލައަށް އަސަރެއް ކުރާނެ އެއްވެސް ވާހަކައެއް. އަދި ރާއްޖޭގެ ސަރަހައްދުގެ މިނިވަންކަން ގެއްލިގެންދާނެ ފަދަ ވާހަކައެއް ވެސް ނެތް،" ވިޝާމް ވިދާޅުވި އެވެ.

އެ މައްސަލަ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީން އަދި ނުނިންމަ އެވެ.

ރައީސް ސޯލިހު ވިދާޅުވީ މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީ ސިއްރުގެ ގޮތުގައި ބާއްވާ ހަމައެކަނި ސަބަބަކީ ދައުލަތުގެ އުސޫލުތަކަށް އިހުތިރާމް ކުރުމުގެ ގޮތުން ކަމަށެވެ. ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލާ ގުޅޭ އެއްވެސް ބާވަތެއްގެ ވާހަކައެއް އެ ސިޓީގައި ނޯންނާނެކަމުގެ ޔަގީންކަން ވެސް ރައީސް ވެސް ވިދާޅުވެ އެވެ.