މެންޗެސްޓާ (ސެޕްޓެމްބަރު 4) - މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހާގް އާއި ފޯވާޑް ޖޭޑަން ސަންޗޯއާ ދެމެދު މައްސަލަޖެހި ހަމަލާތައް ބަދަލުކޮށްފި އެވެ.
ސަންޗޯއާ ކޯޗާ ދެމެދު ބޮޑު މައްސަލަގަނޑެއް އުފެދިފައިވާކަން ހާމަވީ ރޭ އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލް އާއި މެންޗެސްޓާ ވާދަކުރި މެޗުގެ ތެރެއިން މީޑިއާ އިން ކުރި ސުވާލަކަށް ޓެން ހާގް ދިން ޖަވާބާ ހެދި އެވެ.
އާސެނަލްއާ ދެކޮޅަށް ކުޅުނު ޔުނައިޓެޑް ޓީމުގައި ސަންޗޯ ނެތީ ކީއްވެތޯ ނޫސްވެރިން އެހުމުން ޓެން ހާގް ބުނީ އޭނާ ހިތްހަމަޖެހޭ ލެވެލްގައި ސަންޗޯ އަށް ޕްރެކްޓިސްގައި ޕާފޯމް ނުކުރެވޭ ކަމަށެވެ. އަދި ޓްރެއިނިންގައި ސަންޗޯ ކުރި މަސައްކަތަށް ބަލާއިރު މި މެޗަށް އޭނާ ނެގެން ނެތީ ކަމަށް ވެސް ޓެން ހާގް ބުނެފައިވެ އެވެ.
ޓެން ހާގް މިހެން ބުނީތާ މާ ގިނައިރުތަކެއް ނުވެ ސަންޗޯ ވަނީ އޭނާގެ ސޯޝަލް މީޑީއާ އެކައުންޓުގައި މި ވާހަކަތައް ދޮގުކޮށްފަ އެވެ.
ސަންޗޯ ބުނީ ނޫސްތަކުގައި މީހުން ލިޔެފައި ހުންނަ ވާހަކަ ގަބޫލުނުކުރަން އެދޭ ކަމަށާއި، އެއީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ. އޭނާ ބުނީ ޓްރެއިނިންތައް ދަނީ ވަރަށް ރަނގަޅަށް ކަމަށާއި، ޓީމުން ފުރުސަތު ނުލިބޭ ސަބަބަކީ ޓްރެއިނިންތަކުގައި މަސައްކަތް ނުކުރެވުން ނޫން ކަމަށެވެ.
ސަންޗޯ ބުނީ އޭނާ އަކީ ގޯސް މީހެއްގެ ގޮތުގައި ދައްކަން ބަޔަކު މަސައްކަތް ކުރަމުން އަންނަ ކަމަށާއި، ހަގީގަތާ ހިލާފު ވާހަކަދައްކަން ފުރުސަތު ނުދޭނެ ކަމަށެވެ. އަދި ވެގެން އުޅޭގޮތާ ގުޅޭގޮތުން ވާހަކަ ނުދައްކާ އޭނާ އަބަދުވެސް ބޭނުންވަނީ ރަނގަޅަށް ތަމްރީން ހަދައި ކުޅުން ރަނގަޅު ކުޅުމަށް ކަމަށެވެ.
މީގެ ދެ އަހަރު ކުރިން ވަނަ އަހަރު ޖަރުމަންގެ ބޮރޫޝީއާ ޑޯޓްމުންޑުން ޔުނައިޓެޑަށް ސަންޗޯ ބަދަލުވީ 90 މިލިއަން ޕައުންޑަށެވެ. އޭނާ އަށް އެކަށީގެންވާ ކުޅުމެއް ޔުނައިޓެޑުގައި ނުދެއްކޭއިރު، ކޯޗު ޓެން ހާގްގެ ގޭމް ޕްލޭންގައި ސަންޗޯ ނުހިމެނޭ ކަމަށް މީގެ ކުރިންވެސް އަޑުތައް ފެތުރުނެވެ. އަދި ކުލަބުން އޭނާ ވިއްކާލަން ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް މީޑީއާ ރިޕޯޓްތައް ބުނެ އެވެ.
Comment