4 ސެޕްޓެންބަރު 2023 - 16:03 0
މުހައްމަދު ޖަމްޝަތު ވަހީދު
ކުޑަހުވަދޫގައި ސަރުކާރުން ގާއިމުކުރާ ކުޑަކުދިންގެ ރެޒިޑެންޝަލް މަރުކަޒު---
4 ސެޕްޓެންބަރު 2023 - 16:03 0
ދ. ކުޑަހުވަދޫގައި ސަރުކާރުން ގާއިމުކުރާ ކުޑަކުދިންގެ ރެޒިޑެންޝަލް މަރުކަޒުގެ މަސައްކަތް ނިންމައި މި މަސްތެރޭ ހުޅުވާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެެވެ.
މިނިސްޓަރު މިފަދައިން ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕޭނަށް ހދ. މަކުނޫދޫގައި ރޭ ބޭއްވި ޖަލްސާގަ އެވެ.
އެ ޖަލްސާގައި އިމްރާން ވިދާޅުވީ ކުށުގެ ވެއްޓަށް ހުށަހަޅިފައިތިބި ކުދިން އިސްލާހުކޮށް އުފެއްދުންތެރި ޒުވާނުން ގޮތުގައި އަނބުރާ މުޖުތަމައަށް ގެންނާނެ ގޮތް ރައީސް ސޯލިހަށް އެނގިވަޑައިގަންނަވާ ކަމަށެވެ. އަދި އެކަން ހާސިލުކުރުމަށް ގާނޫނު ބަދަލުކޮށް ފަރުވާދޭ މަރުކަޒުތައް އަޅައި އުފެއްދުންތެރި މިސްރާބަކަށްް މި ސަރުކާރުން އަމާޒު ހިފާފައިވާ ކަމަށް ވިދާޅުވި އެެވެ.
އެގޮތުން ކުރިން މާފުށީގައި ހިންގި އިސްލާހިއްޔާގެ މަސައްކަތް ހުއްޓުނުތާ 20 އަހަރު ފަހުން މި ސަރުކާރުން އަލުން އެ މަސައްކަތް ފަށަން ތައްޔާރުވެފައިވާ ކަމަށާއި އެ ބޭނުމަށް ކުޑަހުވަދޫގައި ގާއިމުކޮށްފައިވާ ސެންޓަރު މި ސެޕްޓެމްބަރު މަސް ނިމުމުގެ ކުރިން ހުޅުވައި ހިދުމަތް ދޭން ފަށާނޭ ކަމަށް އިމްރާން ވިދާޅުވި އެވެ.
"އިރާދަކުރެއްވިއްޔާ ސެޕްޓެމްބަރު މަސް ނިމޭއިރުގަ، މީގެ 20 އަހަރު ކުރިން ހުއްޓިފައި ހުރި މަސައްކަތް އަޅުގަނޑުމެން މި ފަށައިގަންނަނީ. 20 އަހަރު ކުރިން މާފުށީގައި ހުރި އިސްލާހިއްޔާ ވަނީ އުވާލެވިފަ. އެއްގޮތަކަށްވެސް އަތްނުލެވި އޮތް މަސައްކަތް، މި ސެޕްޓެމްބަރު މަސް ނިމޭއިރު އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކުޑަހުވަދޫ ސެންޓަރުގައި ފަށައިގަންނާނަން" އިމްރާން ވިދާޅުވި އެވެ.
ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ ދަށުން، ކުޑަކުދިންނަށް ފަރުވާ ދީ، އެ ކުދިން ބެލެހެއްޓުމަށް ކުޑަކުދިންގެ ކަރެކްޝަނަލް މަރުކަޒުތަކެއް އަޅަން ޖެހެ އެވެ. އަދުލުގެ ގާނޫނުގެ ދަށުން ކުށުގެ ވެށިން ގެންނަ ކުއްޖެއްގެ މައްސަލަ ފުލުހުން ތަހުގީގުކޮށް، އަދި ޕީޖީން އެ މައްސަަލަ ކޯޓަށް ފޮނުވައި ކުށް ސާބިތުވެއްޖެ ނަމަ ފިޔަވަޅެއްގެ ގޮތުން ދެން އެ ކުއްޖާ ގެންދާނީ އިސްލާހު ކުރުމަށް ފަރުވާ ދޭ ކޮންމެވެސް މަރުކަޒަކަށެވެ. އޭގެ ތެރޭގައި ރެސިޑެންޝަލް ޓްރީޓްމެންޓްގެ އިތުރުން، ޖުވެނައިލް ޑިޓެންޝަލް ސެންޓަރާއި ލޯންގްޓާމް ސެކިއޯ ފެސިލިޓީ ހިމެނެ އެވެ.
އެގޮތުން މި ސެންޓަރު ބޭނުންކުރާނީ ކުޑަކުދިން އިސްލާހުކޮށްގެން އަލުން މުޖުތަމައަށް ނެރުން ބޭނުންވާ ޕްރޮގްރާމްތައް ހިންގުމަށެވެ. މިތަނުގައި ބައިތިއްބާ ކުދިންނަކީ ކުށުގެ ރެކޯޑަށް ބަލާފައި މުޖުތަމައުން އެކަހެރިކޮށްގެން ރިހެބިލިޓޭޓް ކުރަން ޖެހޭ ގިންތީގެ ކުދިންނެވެ. އަދި މިތަނުގައި ކުދިން ބައިތިއްބާނީ ފުރިހަމަ ކުރަން ޖެހޭ ޕްރޮގްރާމްތައް ނިމެންދެންނެވެ.
Comment