3 ސެޕްޓެންބަރު 2023 - 22:14 2
ނިމާ ހަސަން
ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުއިއްޒު. ކެމްޕޭނުގައި ގުރައިދުއަށް ވަޑައިގެން އެރަށަށް އެއާޕޯޓެއްގެ ވައުދުވެވަޑައިގެންނެވި -- ފޮޓޯ: ޕީޕީއެމް
3 ސެޕްޓެންބަރު 2023 - 22:14 2
ތ އަތޮޅު ތިމަރަފުށްޓާ އެއް ފަޅެއްގައި އޮންނަ އެ އަތޮޅު ގުރައިދޫގައި ވެސް އެއާޕޯޓު އަޅައިދޭން ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވައުދުވެއްޖެ އެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ތ. އަތޮޅު ގުރައިދުއަށް ވަޑައިގެން އޭނާގެ ވެރިކަމެއްގައި ގުރައިދުއަށް ކޮށްދެއްވަން ގަސްތުކުރާ ކަންކަން ލިސްޓު ކުރައްވަމުން މުއިއްޒު ވިދާޅުވީ އެންމެ މުހިންމު ކަމަކަށް އެ ރަށުގައި އެއާޕޯޓެއް އަޅުއްވާ ދެއްވާނެ ކަމަށެވެ.
މުއިއްޒު ވިދާޅުވި ގޮތުގައި ތ އަތޮޅުގައި ފަތުރުވެރިކަން ފުޅާކުރަން ޖެހޭ ކަމަށާއި, އެއީ އެ އަތޮޅުގެ އިގްތިސޯދަށް އެކަމުގެ އަސަރުކޮށް, އަތޮޅަށް ފުދުންތެރިކަން ގެނެސްދޭނެ ކަމެކެވެ.
މުއިއްޒު ވިދާޅުވީ ގުރައިދޫގައި އެއާޕޯޓު ތަރައްގީ ކުރާނީ އެކަމަށް ބޭނުންވާ ބިން ހިއްކައިގެންނެވެ. އެއާޕޯޓަށް ބޭނުންވާ ބިން ގުރައިދޫގައި ހިއްކާއިރު, އެ ފަޅުގައި އޮންނަ ގާދިއްފުށްޓަށް ވެސް އެކަށީގެންވާ ވަރަށް ބިން ހިއްކާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ގުރައިދު އާއި ގާދިއްފުށީގެ އިތުރުން އެ ފަޅުގައި އޮންނަނީ ތިމަރަފުށްޓެވެ. ތިމަރަފުށްޓާއި ގުރައިދޫއާ ދެމެދުގެ ދިގުމިނަކީ 21 ކިލޯ މީޓަރެެވެ. ތިމަރަފުށީގައި އެއާޕޯޓު އަޅައިގެން މިހާރު ވެސް ހިންގަމުން ދަނިކޮށް, މުއިއްޒު ވަނީ މިއަދު އެ ފަޅުގެ އަނެއް ފަޅީގައި އޮންނަ ގުރައިދޫގައި ވެސް އެއާޕޯޓު އަޅައިދޭން ވައުދުވެފަ އެވެ.
އަދި ގުރައިދޫއާ 20 ކިލޯމީޓަރު ދުރުގައި އޮންނަ ވިލުފުށީގައި ވެސް އެއާޕޯޓެއް އެޅުމަށް މުއިއްޒު ވަނީ ވައުދުވެވަޑައިގެންފަ އެވެ. ވިލުފުށީ އެއާޕޯޓުގެ ވައުދަކީ ރައީސް ސޯލިހު ވެވަޑައިގެންނެވި ވައުދެކެވެ. އެ އެއާޕޯޓުގެ އަމަލީ މަސައްކަތް ފެށުމަށް ވާންޖެހޭ ތައްޔާރީތައް ވުމަށް މިހާރު ވަނީ ފަށައިފަ އެވެ.
Comment