Advertisement

ލޯން އެއްބަސްވުމެއްގެ ދަށުން ބާސެލޯނާގެ ފާޓީ ބްރައިޓަން އަށް!

31 އޮގަސްޓު 2023 - 13:16 0


ލޯން އެއްބަސްވުމެއްގެ ދަށުން ބާސެލޯނާގެ ފާޓީ ބްރައިޓަން އަށް!

31 އޮގަސްޓު 2023 - 13:16 0

ބާސެލޯނާ (އޮގަސްޓް 31) - ލޯން އެއްބަސްވުމެއްގެ ދަށުން މި ސީޒަންގެ ނިޔަލަށް އިނގިރޭސި ޕްރިމިއާ ލީގުގެ ބްރައިޓަން އަށް ބަދަލުވާން ބާސެލޯނާގެ ޒުވާން ފޯވާޑް އަންސޫ ފާޓީ ނިންމައިފި އެވެ.

ފާޓީ، 20، އަކީ ބާސެލޯނާގެ ޔޫތު ޓީމުން ވިދާލުމަށް ފަހު 2019 އިން ފެށިގެން ސީނިއާ ޓީމަށް ކުޅެމުން އަންނަ ކުޅުންތެރިއެކެވެ. އެ ގޮތުން، 2019، 2020 އަދި 2021 ގެ ސީޒަންގައި ޔޫތު ކުޅުންތެރިއެއްގެ ގޮތުގައިހުރެ އަންސޫ ފާޓީ ދެއްކި މޮޅު ކުޅުމާއިއެކު އޭނާ ހޯދުމަށް ޔޫރަޕްގެ ބޮޑެތި ކުލަބުތަކުންވެސް ބޭނުންވި އެވެ.

ނަމަވެސް 2021/22 ސީޒަންގައި އޭނާ އަށް ލިބުނު ބޮޑު އަނިޔާއެއްގެ ސަބަބުން ނުވަ މަސް ދުވަހަށް ކުޅުމާ ދުރުގައި ހުންނަން ޖެހުނެވެ. އޭގެ ފަހުންވެސް އަނިޔާގެ ހިޔަނި އެޅި އޭނާގެ ފޯމު ދަށްވި އެވެ. ނަތީޖާއެއްގެ ގޮތުން މި ސީޒަންގައި ކޯޗު ޒަވީ ހެނާންޑޭޒް އޭނާ އަށް ފުރަތަމަ އެގާރައިން ފުރުސަތު ނުދެ އެވެ.

މި ސީޒަންގައި މިހާތަނަށް ބާސެލޯނާ އިން ކުޅުނު ތިން މެޗުގައިވެސް ފަޓީ ކުޅެން އެރީ ބެންޗުންނެވެ. ޓީމުން ފުރުސަތު ނުލިބޭތީ ކުލަބު ބަދަލުކުރަން ބޭނުންވެ ޕްރިމިއާ ލީގުގެ ކުލަބަކަށް ބަދަލުވާން ފާޓީ މަސައްކަތް ފެށި އެވެ.

އެންމެ ފަހުން ފާޓީގެ ސޮއި ހޯދާފައިމިވަނީ ޕްރިމިއާ ލީގުގެ ބްރައިޓަން އިންނެވެ. އެއް އަހަރުގެ ލޯން އެއްބަސްވުމެއްގެ ދަށުން ފާޓީ ބްރައިޓަން އަށް ބަދަލުވާއިރު، އޭނާގެ ކޮންޓްރެކްޓް ދާއިމީ ކުރުމުގެ ފުރުސަތެއް އެ ކުލަބަކަށް ނެތެވެ.

ފާޓީ ހޯދުމަށް ބްރައިޓަންގެ އިތުރުން އިނގިރޭސި ކުލަބު ޓޮޓެންހަމާއި، ޗެލްސީގެ އިތުރުން ސްޕެއިންގެ ސެވިއްޔާއިން ވެސް މަސައްކަތްކުރި އެވެ.

ސްޕެއިންގެ ގައުމީ ޓީމަށްވެސް ޒުވާން އުމުރުގައި ކުޅެންފަށާފައިވާ ފާޓީ މި ވަގުތު ހުރީ ޕްރިމިއާ ލީގުގެ ކުލަބަށް ސޮއިކުރުމަށް ބްރައިޓަންގަ އެވެ. ފާޓީ ބްރައިޓަން އަށް ސޮއިކުރުމުގައި އެންމެ ބޮޑު ނުފޫޒެއް އޮތީ ބްރައިޓަންގެ ކޯޗު ރޮބާޓޯ ޑި ޒާބީގެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.