Advertisement

އައިއޯއައިޖީ 2023: ސްވިމިން ޓީމުން އިތުރު ގައުމީ ދެ ރެކޯޑެއް ހަދައިފި

30 އޮގަސްޓު 2023 - 11:35 0

ސްވިމިން އިވެންޓެއްގެ ތެރެއިން ފެތުންތެރިޔާ، ސައުޝަން ފަތަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ


އައިއޯއައިޖީ 2023: ސްވިމިން ޓީމުން އިތުރު ގައުމީ ދެ ރެކޯޑެއް ހަދައިފި

30 އޮގަސްޓު 2023 - 11:35 0

މަޑަގަސްކަރާގައި މިހާރު ކުރިއަށްދާ އިންޑިއަން އޯޝަން އައިލަންޑް ގޭމްސް(އައިއޯއައިޖީ)ގައި ފިރިހެނުންގެ 4 ގުނަ 200 މީޓަރ ފްރީސްޓައިލް ރިލޭ އިވެންޓާއި އަންހެނުންގެ 50 މީޓަރު ބެކްސްޓްރޯކްގެ ޤައުމީ ރެކޯޑް ރާއްޖޭގެ ފެތުންތެރިން އާކޮށްފި އެވެ.

އައިއޯއައިޖީގައި ރަނގަޅު ކުރިއެރުންތަކެއް ހޯދަމުން އަންނަ ގައުމީ ފަތާ ޓީމުން ވަނީ މިހާތަނަށް ނުވަ ގައުމީ ރެކޯޑެއް ހަދާފަ އެވެ.

އެންމެ ފަހުން ސްވިމިން ޓީމުގެ ފެތުންތެރިން ހަދާފައިވާނީ ފިރިހެނުންގެ 4 ގުނަ 200 މީޓަރ ފްރީސްޓައިލް ރިލޭ އިވެންޓާއި އަންހެނުންގެ 50 މީޓަރު ބެކްސްޓްރޯކްގެ ރެކޯޑެވެ.

ފިރިހެނުންގެ 4 ގުނަ 200 މީޓަރ ފްރީސްޓައިލް ރިލޭ އިވެންޓްގެ ރެކޯޑު ހެދި ޓީމްގައި ހިމެނެނީ މުހައްމަދު އާން ހުސައިން، ޢަލީ އިމްއާން، މުހައްމަދު ރިހާން ޝިހާމް އަދި މުބާލް އައްޒާމް އިބްރާހިމް އެވެ. މި ޓީމުން ރޭސް ނިންމީ 8 މިނެޓު 48.87 ސިކުންތުންނެވެ.

މި ރެކޯރޑް އެންމެފަހުން ހަދާފައިވަނީ 2016 ވަނަ އަހަރު އިންޑިއާގެ އައްސާމްގައި އޮތް 12 ވަނަ ސައުތު އޭޝިއަން ގޭމްސްގަ އެވެ. އެފަހަރު އިސްމާއީލް މުއުތަސިމް އަދްނާން، މުހައްމަދު ނަޒްރާން ނަޒީރު، ހަސަން އަޝްރަފް އަދި މުބާލް އައްޒާމް އިބްރާހިމް ހިމެނުނު ޓީމުން ވަނީ 9 މިނެޓު 41.96 ސިކުންތުން ފަތައިގެން ރެކޯދު ހަދާފަ އެވެ.

އަންހެނުންގެ 50 މީޓަރ ބެކްސްޓްރޯކް އިވެންޓްގެ ޤައުމީ ރެކޯޑު އައިޝަތު ސައުސަން މުގުރާލީ 34.32 ސިކުންތުން ރޭސް ނިންމައިގެންނެވެ.

މި ރެކޯޑު ކުރިން އޮންނަނީ ގައުމީ ޓީމްގެ ފެތުންތެރިޔާ ހަމްނާ އަހުމަދުގެ އަތުގަ އެވެ. ހަމްނާ ވަނީ މިދިޔަ އަހަރު އިނގިރޭސިވިލާތުގެ ބާމިންހަމްގައި އޮތް ކޮމަންވެލްތު ގޭމްސްގައި ފަތައި 34.51 ސިކުންތުން ރޭސް ނިންމާފަ އެވެ.

އައިއޯއައިޖީގެ ފެތުމުގެ އިވެންޓުގައި މިއަދު އޮތީ 400 މީޓަރު އިންޑިވިޖުއަލް މެޑްލޭ އާއި 50 މީޓަރު ފްރީ ސްޓައިލް އިވެންޓުތަކާއި 4 ގުނަ 100 މީޓަރު މިކްސް މެޑްލޭ ރިލޭ އެވެ.