Advertisement

ޕާކިން ސްޓިކާ ޖޫރިމަނާ މާފުކޮށްދޭން މުއިއްޒު ވައުދުވެއްޖެ

23 އޮގަސްޓު 2023 - 22:08 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

މިރޭ ށ. ފުނަދޫގައި މުއިއްޒު ވާހަކަ ދައްކަވަނީ. ގަރާޖު ސިޓީ އުވާލައްވާނެ ކަމަށް ވެސް ވިދާޅުވި --- ފޮޓޯ: ޕީޕީއެމް


ޕާކިން ސްޓިކާ ޖޫރިމަނާ މާފުކޮށްދޭން މުއިއްޒު ވައުދުވެއްޖެ

23 އޮގަސްޓު 2023 - 22:08 0

ސެޕްޓެމްބަރުގައި އޮންނަ ރިޔާސީ އިންތިހާބު ކާމިޔާބުވެއްޖެނަމަ ގަވާއިދާ ހިލާފަށް ޕާކު ކުރުމުން ޖަހާ ސްޓިކާގެ ޖޫރިމަނާ އެއްކޮށް މާފު ކޮށްދިނުމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފި އެވެ.

މިރޭ ށ. ފުނަދޫގައި ބޭއްވި ޖަލްސާގައި މުއިއްޒު ވަނީ ޕާކު ކުރާނެ ޖާގައެއް ނުދައްކައި ޕާކިން ސްޓިކާ ނުޖެހުމަކީ މި ސަރުކާރުގެ ވައުދެއް ކަމަށާއި އެހެން ނަމަވެސް އެކަމަށް އެއްވެސް ގޮތަކަށް އަމަލުކުރަމުން ނުދާ ކަމަށް ވިދާޅުވެފަ އެވެ. އަދި, އެއީ އަދުލުވެރިކޮށް ކުރަމުންދާ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.

"ބަޖެޓުގައި ވެސްޖަހާފައި ހުރޭ ޖޫރިމަނާގެ ފައިސާ. ޕާކިން ސްޓިކާ ޖޫރިމަނާ އިންސާފުވެރިއެއް ނޫން. އަދުލުވެރިކަމެއް ވެސް ނޫން އެއީ. ޕާކިން ޖޫރިމަނާ އެއްކޮށް ހުރިހާ ރައްޔިތުންނަށް މާފު ކޮށްދޭނަން," އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މާލެއަށް ދިމާވެފައިވާ ޕާކިންގެ ޖާގައަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން މަލްޓި ސްޓޯރީ ޕާކިން އިމާރާތްތަކެއް އަޅާނެ އެވެ.

"ގަރާޖު ސިޓީއަށް ސަލާން ޖަހަން ޖެހުން ހުއްޓުވާނަން. ޕާކިންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދޭނަން. އަޅުގަނޑުމެން އަޅައިދޭ ޕާކިން ބިލްޑިންއިން އެ ޖާގަ ލިބިގެންދާނެ,"

މުއިއްޒު ވަނީ ސަރުކާރުން އެފަދަ އިމާރާތެއް އަޅަން ސިޓީ ކައުންސިލަށް ހުއްދަ ނުދޭ ކަމަށް ވިދާޅުވެ ނުރުހުން ފާޅުކުރައްވާފަ އެވެ.

ށ. އަތޮޅަށް ގިނަ އެއާޕޯޓުތަކެއް އަންނަން ޖެހޭ ކަމަށާއި އެއާއެކު އެ އަތޮޅުގައި ޓޫރިޒަމް އިތުރަށް ފުޅާވާން ފުރުސަތު ލިބިގެންދާނެ ކަމަށް މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވި އެވެ. އިކޯ ޓޫރިޒަމްގެ މުހިންމު މަންޒިލަކަށް ފަރުކޮޅު ބަދަލުކުރާނެ ކަމަށް މުއިއްޒު ވައުދުވެވަޑައިގެންނެވި އެވެ.

ފުނަދޫއަކީ އާބާދީ އާއީ ތަރައްގީ އެއްފަސްކުރަމުގެ މަސައްކަތް ކާމިޔާބު ކަމާއެކު ކުރިއަށްދިޔަ ރަށެއްކަން ފާހަގަކުރައްވައި މުއިއްޒު ވަނީ އުތުރުގެ އިންޓެގްރޭޑެޓް ޑިވެލޮޕްމަންޓު ޕްލޭނުގެ ދަށުން އެންމެ އުތުރުގެ ތިން އަތޮޅުގެ ހުރިހާ ރައްޔިތުންނަށް ނަފާވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެކަން ކުރުމުގެ ގޮތުން އިންވެސްޓުމަންޓުތައް ގެނެސް ވަޒީފާތައް އިތުރުކުރާނެ ކަމަށް އޭނާ ވައުދުވެވަޑައިގެންނެވި އެވެ.

"އާބާދީ އާއި ތަރައްގީ އެއްފަސްކުރުމަކީ މަޖުބޫރު ކުރެވޭނެ ކަމެއް ނޫން. އެކަމަކަށް ކަންތައްތައްކެއް ގާއިމުކޮށްދީގެން. ވަޒީފާ ވަރަށް ގިނައިން ލިބެންޖެ. ފަސޭހައިން ގެދޮރު ލިބެން ޖެހޭ. ސިއްހީ ހިދުމަތް މާލެއަށް ނުގޮސް ވާން ޖެހޭ. ދަރިންނަށް ބޭނުންވާ ފެންވަރަށް ތައުލީމު ލިބެން ޖެހޭނެ. މިކަންކަން ވަންޏާ އުފލާ އެކު އަންނާނެ. އެކަން ކުރިއަށް ގެންދެވޭ ފެންވަރަށް މި ރަށް ތަރައްގީ ކޮށްދޭނަން," މުއިއްޒު މިރޭ ވިދާޅުވި އެވެ.

އެއްފަސްކުރުމުން ދައުލަތުގެ ބަޖެޓުން 180 ރަށަށް ހަރަދު ނުކޮށް ކޮންމެ ރައްޔިތަކަށް ހަމަހަމަކަމާ އެކު ހިދުމަތްތައް ފުޅާކޮށް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އަދި, ފުނަދޫގެ ހުރިހާ މަގެއް ޒަމާނީ ފެންވަރަށް ތަރައްގީކޮށް އެ ރަށުގައި ސަރަހައްދީ ފެންވަރުގެ ޒުވާނުންގެ މަރުކަޒެއް ގާއިމުކުރާނެ ކަމަށް މުއިއްޒު ވައުދުވެވަޑައިގެންނެވި އެވެ. އަދި, އެ ރަށުގައި ބިން ހިއްކުމުގެ ބޮޑު މަޝްރޫއުއެއް ވެސް ހިންގަން އޭނާ ވައުދުވެވަޑައިގެންނެވި އެވެ.