22 އޮގަސްޓު 2023 - 13:16 1
ނިމާ ހަސަން
ރައީސް ސޯލިހުގެ ކެމްޕޭން ތަރުޖަމާނު މާރިޔާ ދީދީ. މާލޭގައި އެމްޑީޕީގެ ޖަލްސާއެއް ބާއްވަން ޖާގަ ދިނުމަށް ސިޓީ ކައުންސިލުން ހުރަސް އަޅާ ކަމަށް ތުހުމަތު ކުރި. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު
22 އޮގަސްޓު 2023 - 13:16 1
މާލޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕޭނު ޖަލްސާ ބޭއްވުމަށް ސިޓީ ކައުންސިލުން ހުރަސް އަޅަމުންދާ ކަމުގެ ތުހުމަތު އެ މަނިކުފާނުގެ ކެމްޕޭން ތަރުޖަމާނު އަދި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މިއަދު ކުރައްވައިފި އެވެ.
ސޯލްޓު ކެފޭ އިމާރާތުގައި ހުންނަ ރައީސް ސޯލިހުގެ ކެމްޕޭނު އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާރިޔާ ވިދާޅުވީ އެމްޑީޕީގެ ޖަލްސާއެއް ބާއްވަން މާލެ ސިޓީ ކައުންސިލުގައި އެދެމުންދާ ކަމަށެވެ. ނަމަވެސް ދެ ފަހަރު މަތިން އެދުމުން ވެސް ހުއްދަ ނުދިން ކަމަށް އޭނާ ވިދާޅުވި އެވެ.
"އެމްޑީޕީން ޖަލްސާއެއް ބޭއްވުމަށްޓަކައި މިހާރު ސިޓީ ކައުންސިލުން އެދެމުން ދަނީ. ފުރަތަމަ ފަހަރު ވެސް އެހެން ކަމެއް އޮތޭ ކިޔައިފަ ނުދެއްވީ. ދެން އަނެއްކާވެސް އެދުނީމަ އެރޭ އެތަން އެހެން ބަޔަކު ހިފާފައޭ ބުނާއިރު އެތާ އެތެރޭގައި އުޅުއްވާ ކައުންސިލަރުން އެބަ ވިދާޅުވޭ އެކަމެއް ނެތޭ." މާރިޔާ ވިދާޅުވި އެވެ.
ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި އެންމެ ވާދަވެރިކޮށް ފެނިގެން ދަނީ އެމްޑީޕީގެ ކެންޑިޑޭޓު، ރައީސް ސޯލިހާއި ޕީއެންސީގެ ކެންޑިޑޭޓު، މާލޭ ސިޓީގެ މޭޔަރު މުހައްމަދު މުއިއްޒެވެ.
މޭޔަރެއްގެ ގޮތުގައި މުއިއްޒު ހުންނެވި ސިޓީ ކައުންސިލުން ރައީސް ސޯލިހުގެ ކެމްޕޭނަށް ހުރަސް އަޅަމުން ދިޔަސް، ސަރުކާރުން ގާނޫނުއަސާސީގައިވާ ގޮތުގެ މަތިން ވާދަވެރި ޕާޓީތަކާއި, ވާދަވެރިންނަށް ކެމްޕޭނު ކުރުމުގެ ފުރުސަތު ދަނީ ދެމުން ކަމަށް މާރިޔާ ވިދާޅުވި އެވެ.
"އިހަށް ރޭ, އާބަންކޯއިން އެ ހުއްދަ ލިބިގެން އެ ބޭފުޅުން މުއިއްޒުގެ ޖަލްސާއެއް ދެވަނަ ފިޔަވަހީގައި ބޭއްވީ،" މުއިއްޒުގެ މެނިފެސްޓޯ އިއުލާނު ކުރަން ހިޔާ ފެލެޓު ސަރަހައްދުގައި ބޭއްވި ޖަލްސާއަށް އިޝާރާތްކޮށް މާރިޔާ ވިދާޅުވި އެވެ.
ސަރުކާރުން ޒިންމާދާރު ކަމާއެކު ޑިމޮކްރެޓިކް އުސޫލުން ކަން ކުރިޔަސް, މާލެ ސިޓީގެ މޭޔަރު ކަމުގައި ހުންނަންވައިގެން ވެސް މުއިއްޒު އަމަލުކުރައްވަމުން ގެންދަވަނީ ގާނޫނުއަސާސީގައިވާ ގޮތާ ހިލާފަށް ކަމަށް މާރިޔާ ވިދާޅުވި އެވެ.
"މާލޭގެ މޭޔަރެއްގެ ގޮތުގައި ހުންނަވައިގެން ވެސް އެ ގެންދަވަނީ ގާނޫނުއަސާސީގައިވާ ގޮތަށް ކަންކަން ނުކުރައްވާ, އެކި ގޮތްގޮތުން ސަރުކާރަށް ނުވަތަ އެމްޑީޕީގެ ކެމްޕޭނަށް ހުރަސް އެޅުމަށްޓަކައި މަސައްކަތް ކުރައްވަމުން." އޭނާ ވިދާޅުވި އެވެ.
މާލޭގެ ބިންތަކާއި މަގުތަކުގައި އިވެންޓުތައް ބޭއްވޭނީ ސިޓީ ކައުންސިލްގެ ހުއްދަ ނަގައިގެންނެވެ.
Comment