Advertisement

ޓީޓީ ޓީމަށް ކުރީގެ ރަން ކާމިޔާބީން ލިބެނީ ބޮޑު ހިތްވަރެއް

21 އޮގަސްޓު 2023 - 11:31 0


ޓީޓީ ޓީމަށް ކުރީގެ ރަން ކާމިޔާބީން ލިބެނީ ބޮޑު ހިތްވަރެއް

21 އޮގަސްޓު 2023 - 11:31 0

މީގެ ހަތަރު ވަރަކަށް އަހަރު ކުރިން، 2019 ވަނަ އަހަރު މޮރިޝަސްގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި ރާއްޖެއިން ޖުމްލަ 15 މެޑަލް ހޯދިއިރު، އެންމެ ގިނަ މެޑަލް ހޯދި ކުޅިވަރަކީ ޓޭބަލް ޓެނިހެވެ.

މުޅި ގައުމު އެ ޓީމަކަށް ޓަކައި ފަހުރުވެރިވި ޓީމުގައި ހިމެނޭ، ޓީީޓީ ކުޅުންތެރިން ވަނީ އެ ފަހަރުގެ ގޭމްސްގައި ތިން ރަން މެޑެއްޔާއި ދެ ރިހި މެޑަލް ހޯދައިފަ އެވެ.

އެ އަހަރުގެ އައިއޯއައިޖީގައި އެންމެ ވިދުން ގަދަވި އެއް ކުޅުންތެރިއަކީ ރާއްޖޭގެ ޓީޓީ ތަރި ފާތިމަތު ދީމާ އަލީ އެވެ. އެގޮތުން ގޭމްސްގައި ދީމާ ތިން ރަން މެޑެލް ހޯދިއިރު، އަންހެން ސިންގަލްސް ބައިން ރަން މެޑަލް ހޯދީ ފައިނަލް މެޗުގައި ރާއްޖޭގެ އައިޝަތު ރަފާ ނާޒިމް އަތުން 4-1 ސެޓުން މޮޅުވެގެންނެވެ. އެއާއެކު، އަންހެން ސިންގަލްސް ބައިން ރަފާ ވަނީ ރިހި މެޑަލް ހޯދައިފަ އެވެ.

މީގެ އިތުރުން، ޓީޓީގެ އަންހެން ޑަބަލްސް އިވެންޓުން ރަން މެޑެލް ހޯދީ ދީމާ އާއި ރަފާގެ ޕެއާ އެވެ. މި ބައިން ދީމާ އާއި ރަފާ ރަން މެޑަލް ހޯދީ ފައިނަލް މެޗުގައި ރާއްޖޭގެ މުއީނާ މުޙައްމަދާއި ފާތިމަތު ޖުމާނާ ނިމާލުގެ ޕެއާ ބަލިކޮށްގެންނެވެ. ފައިނަލުގައި ވާދަކުރުމުން، އަންހެން ޑަބަލްސް ބައިން މުއީނާ އާއި ޖުމާނާ އަށް ވެސް ވަނީ ރިހި މެޑަލް ލިބިފަ އެވެ.

އައިއޯއައިޖީގައި ޓީޓީގެ ޓީމު އިވެންޓުން ވެސް ރާއްޖޭގެ އަންހެން ޓީމު ވަނީ ރަން މެޑަލް ހޯދައިފަ އެވެ. މޮރިޝަސްއާ ދެކޮޅަށް އެ ފަހަރު ކުޅުނު ފައިނަލް މެޗުން ރާއްޖެ މޮޅުވެފައިވަނީ 3-2 ގޭމުންނެވެ.

މި ކާމިޔާބީތަކާ އެކު ޓީޓީގެ ވިދުން ރާއްޖޭގައި ގަދަވެގެންދިޔައިރު، މަޑަގަސްކަރައިގައި މި މަހު ފަށާ އައިއޯއައިޖީގައިވެސް ޓީޓީއަށް ކުރެވޭ އުންމީދު ބޮޑެވެ. އެގޮތުން މި ފަހަރުގެ އައިއޯއައިޖީއަށް އެކުލަވާލި އަންހެން ޓީޓީ ޓީމުގައި 2019 ވަނަ އަހަރު މެޑަލް ހޯދި ތިން ކުޅުންތެރިއަކު ހިމެނެ އެވެ. އެ ކުޅުންތެރިންނަނީ ދީމާ އާއި ރަފާގެ އިތުރުން ޖުމާނާ އެވެ. އެ ކުޅުންތެރިން އަލުން އެނބުރި އައިއޯއައިޖީގައި ވާދަކުރަން އަންނަނީ ކުރީގެ ޖޯޝާއި ފޯރީގެ އިތުރުން އެތައް ބައެއްގެ އުންމީދު ގުޅިފައިވާ ކާމިޔާބީއެއް ހޯދުމަށެެވެ.

ޓީޓީ އެސޯސިއޭޝަނުން މައުލޫމާތުދޭ ގޮތުން މި އަހަރުގެ އައިއޯއައިޖީގައި ރާއްޖޭގެ ޓީޓީ ޓީމުގެ އެންމެ ބޮޑު އެއް އާމަޒަކީ އެންމެ ފަހުން ވާދަކުރި ގޭމްސްގައި ހޯދި މެޑަލްތައް ދިފާއުކޮށް، އިތުރު ކާމިޔާބީ ހޯދުމެވެ.

އެންމެ ފަހުން ބޭއްވި އައިއޯއައިޖީ އަށް ފަހު، އެންމެ ބޮޑަށް ގިނަ ބަޔެއްގެ ސަމާލުކަން ހުއްޓުނު ކުޅިވަރަކީ ޔަގީނުން ވެސް ޓީޓީ އެވެ. އެހެންކަމުން މި ފަހަރުގެ ގޭމްސްގައި އެ ޓީމަށް ކާމިޔާބު ހޯދަން ބަލާއިރު، ޗެލެންޖް ބޮޑެވެ.

ޓީޓީ އެސޯސިއޭޝަންގެ ރައީސް، އަލީ ރަޝީދު (އައްޔަ) ވެސް ފާހަގަކުރައްވާފައިވާ ގޮތުގައި އެންމެ އުނދަގޫ އެއް މަސައްކަތަކީ ކާމިޔާބީ ތަކުރާރު ކުރުމަށް ފަހު، ދެން އޮތް ހަރުފަތަށް ދިއުމަށް މަސައްކަތް ކުރުމެވެ. އެ ގޮތުގެ މަތިން ބަލާއިރު، އެންމެ ފަހުން އައިއޯއައިޖީގެ ކާމިޔާބީގެ ފިޔަވަޅު މަތީގައި ސާބިތުވެ ތިބެ، ކުރިއަށް ދިއުމަށް ކުރެވޭ އުންމީދުތައް ނުހަނު ބޮޑެވެ. ޓީޓީ ޓީމު މި ފަހަރުގެ އައިއޯއައިޖީ އަށް ތައްޔާރު ވަނީ އެ އަމާޒުގަ އެވެ.

ނޯޓް


މިއީ މި މަހު 25 އިން އަންނަ މަހުގެ ހަތަރަކަށް މަޑަގަސްކަރާގައި ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އަށް މޯލްޑިވްސް މީޑިއާ އިން ތައްޔާރުކޮށްފައިވާ އާޓިކަލް އެކެވެ.