Advertisement

ޕަބްލިކް ނޯޓަރީގެ ސިއްކަ އެހެން ވަކީލަކަށް ދިނުމުން ކުރި 50،000ރ. ގެ ޖޫރިމަނާ ދައްކައިފި

21 އޮގަސްޓު 2023 - 13:10 0

ނަޖާހު މަސްއޫދު

ނަޖާހު މަސްއޫދު

ސިވިލް ކޯޓު ހުންނަ ޖަސްޓިސް ބިލްޑިންގެ އިމާރާތް: ޖޫރިމަނާ ފައިސާ ނުދެއްކުމުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ބާ ކައުންސިލުން ވަނީ އަނބުރާ ގެންގޮސްފައި -- ފޮޓޯ: އަދަދު


ޕަބްލިކް ނޯޓަރީގެ ސިއްކަ އެހެން ވަކީލަކަށް ދިނުމުން ކުރި 50،000ރ. ގެ ޖޫރިމަނާ ދައްކައިފި

21 އޮގަސްޓު 2023 - 13:10 0

ޕަބްލިކް ނޯޓަރީގެ ސިއްކަ އެހެން ވަކީލަކަށް ދިން މައްސަލައިގައި ބާ ކައުންސިލުން ވަކީލަކަށް ކުރި 50،000ރ. ޖޫރިމަނާ ދެއްކުމުން އެ ފައިސާ ހޯދަން ބާ ކައުންސިލުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އަނބުރާ ގެންގޮސްފި އެވެ.

މި މައްސަލައަކީ އަމިއްލަ ދެ ކުންފުންޏެއްގެ ދެމެދުގައި ކުރެވުނު އެއްބަސްވުމެއް ނޯޓަރައިޒް ކުރުމަށްޓަކައި ޕަބްލިކް ނޯޓަރީގެ ގޮތުގައި މަސައްކަތް ކުރުމުގެ ހުއްދަ ނެތި، މ. ނައިންހައުސް، ޒުންނަވާރު ސަލީމް އެހެން ވަކީލެއް ކަމަށްވާ ގއ. ދާންދޫ، ބީޗްވިލާ، މެހެނާޒު ހުސެއިންގެ ޕަބްލިކް ނޯޓަރީ ސިއްކަ ބޭނުންކޮށްގެން ނޯޓަރީގެ ހިދުމަތް ދީފައިވާތީ އެ ދެ މީހުން ޖޫރިމަނާ ކުރި މައްސަލައެކެވެ. މެހެނާޒު ޖޫރިމަނާ ކުރީ އޭނާގެ ސިއްކަ ޒުންނަވާރަށް ދިނުމުންނެވެ.

އެ މައްސަލައިގައި އެ ދެ މީހުން ވެސް 50،000ރ. އިން ޖޫރިމަނާ ކުރަން ބާ ކައުންސިލުން ނިންމީ، މެއި 23، 2021 ގައި ބޭއްވި އެ ކައުންސިލުގެ ދެވަނަ ބައްދަލުވުމުގަ އެވެ. ބާ ކައުންސިލުގެ ވެބްސައިޓުން އެނގޭ ގޮތުގައި، މިއީ ޕަބްލިކް ނޯޓަރީގެ ގަވައިދާ ހިލާފުވެގެން އެ ކައުންސިލުން ވަކީލުންތަކެއް ޖޫރިމަނާ ކުރި ފުރަތަމަ ފަހަރެވެ.

މި މައްސަލައިގައި މެހެނާޒުގެ މައްޗަށް ކުރި ޖޫރިމަނާ ނުދައްކައިގެން ބާ ކައުންސިލުން މި އަހަރުގެ މާޗު މަހު ސިިވިލް ކޯޓުގައި ދައުވާ ކުރި ނަމަވެސް، އޭނާ އެ ފައިސާ ދެއްކުމުން ބާ ކައުންސިލުން ދައުވާ އަނބުރާ ގެންދަން އެދިފައިވެ އެވެ. އެގޮތަށް އެދުމުން މައްސަލައިގެ ދައުވާ ފޯމު ސިވިލް ކޯޓުން ބާތިލު ކުރީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

ބާ ކައުންސިލުން މި މައްސަލައިގައި މީގެ ކުރިން ބުނެފައިވާ ގޮތުގައި، މެހެނާޒު ވަނީ އޭނާގެ ޕަބްލިކް ނޯޓަރީ ސިއްކަ، އެ މަސައްކަތް ކުރުމުގެ ހުއްދަ ބާ ކައުންސިލުން ދީފައި ނުވާ ޒުންނަވާރަށް ދީފަ އެވެ. އަދި ޕަބްލިކް ނޯޓަރީގެ ހިދުމަތް ދޭ ފަރާތަކީ ހިދުމަތް ލިބިގަންނަ ފަރާތުގެ ގާނޫނީ ވަކީލަށް ވެގެން ނުވާނެ ކަމަށް އޮންނަ އުސޫލާ ވެސް ހިލާފުވެފައިވާ ކަމަށް ބާ ކައުންސިލުން ބުނެފައިވެ އެވެ.

އޭގެ އިތުރުން، ނޯޓޮރައިޒްކޮށްދޭ ލިޔުމުގެ ބާވަތާއި ސޮއި ކުރި ފަރާތްތަކުގެ މައުލޫމާތު ބަލަހައްޓާފައި ނުވާ ކަމަށާއި، ބާ ކައުންސިލުން ހުއްދަ ދިނުމުގެ ކުރިން ވެސް އޭނާ އެކި ފަރާތްތަކަށް ނޯޓަރީގެ ހިދުމަތް ދީފައިވާ ކަމަށް އެ ކައުންސިލުން ބުނެފައިވެ އެވެ.

ޕަބްލިކް ނޯޓަރީގެ ހިދުމަތް ދިނުމުގެ ހުއްދަ ނެތި، ޒުންނަވާރު، މެހެނާޒުގެ ސިއްކަ ބޭނުންކޮށްގެން އެއްބަސްވުން ނޯޓަރައިޒް ކޮށްދީ، އެ ސިއްކައިގައި މެހެނާޒުގެ ސޮއިކޮށްފައިވާ ކަމަށް ވެސް ބާ ކައުންސިލުން ބުނެފައިވެ އެވެ. އޭނާއަށް ކުރި 50،000ރ. ގެ ޖޫރިމަނާ ދެއްކި ކަމެއް އަދި އެނގިފައި ނުވެ އެވެ.

ަޕަބްލިކް ނޯޓަރީއެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ގަވާއިދު


ޕަބްލިކް ނޯޓަރީގެ މަސައްކަތްތައް: (4) (ހ) ޕަބްލިކް ނޯޓަރީއެއްގެ މަސައްކަތަކީ ގާނޫނީ ލިޔެކިޔުންތަކުގައި ސޮއިކުރާ ފަރާތްތަކުގެ އައިޑެންޓިޓީ ބަލައި، ކަށަވަރުކޮށްދީ، އެފަދަ ލިޔެކިޔުމުގައި ސޮއިކުރާ ފަރާތްތަކަށް އޭގައި ބަޔާންކުރާ އެއްޗެއް އެނގޭކަން ކަށަވަރުކޮށް، އެފަދަ ލިޔެކިޔުންތަކުގައި އެފަރާތްތަކުން ސޮއިކުރިކަން ހެކިކޮށްދީ، އެނޫން ވެސް އެފަދަ ލިޔުންތަކުގެ ސައްހަކަން ކަށަވަރުކޮށްދިނުމުގެ ގޮތުން ކުރަންޖެހޭ ކަންކަން ކުރުމެވެ.

ޕަބްލިކް ނޯޓަރީގެ ގަވައިދާ ހިލާފުވާ ފުރަތަމަ ފަހަރު އަދަބަކީ 25،000ރ. އާއި 50،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ. ދެވަނަ ފަހަރު 50،000ރ. އާއި 150،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރާއިރު، އެއަށް ވުރެ އިތުރުވެއްޖެ ނަމަ 150،000ރ. އާއި 300،000ރ. އާ ދެމެދުގެ އަަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ.