Advertisement

ރިޔާސީ ޗާޓުގައި އައްޑޫގެ ދައުރާއި އައްޑޫ މޭޓުގެ އުކުޅު

20 އޮގަސްޓު 2023 - 08:42 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ރިޔާސީ އިންތިހާބު ކާމިޔާބު ކުރަން އެންމެ މުހިންމު "ބެޓަލް ގްރައުންޑް" އަކަށް އައްޑޫ ސިޓީ ވުން - އާޓްވޯކް: ރައްޔާން މުހައްމަދު


ރިޔާސީ ޗާޓުގައި އައްޑޫގެ ދައުރާއި އައްޑޫ މޭޓުގެ އުކުޅު

20 އޮގަސްޓު 2023 - 08:42 0

ރާއްޖޭގެ އެންމެ ދެކުނެވެ. "ސިޓީ" އެއްގެ ދަރަޖަ ދީފައިވާ އައްޑު އަތޮޅަކީ 35،000 އެއްހާ މީހުންގެ ވަޒަނެކެވެ. މި އަހަރުގެ ރިޔާސީ އިންތިހާބުގައި އައްޑޫން ގާތްގަނޑަކަށް 25،000 އެއްހާ މީހުންނަށް ވޯޓުލުމުގެ ހައްގު އެބަ އޮތެވެ. އެއީ ވެރިކަން ކުރާ މާލެ ނެގުމަށް ފަހު އެންމެ ބޮޑު އާބާދީ އެވެ.

ރިޔާސީ އިންތިހާބަށް ވާދަކުރާ "ކެންޑިޑޭޓު - ރަނިން މޭޓު ޕެއާ" ގައި ވެސް އާބާދީގެ ނިސްބަތަށް ގާތްގަނޑަކަށް ތަމްސީލު އެބަ ވެ އެވެ. އެއް ސިޔާސީ ޕާޓީން ކެންޑިޑޭޓަކަށް ކަނޑައެޅީ އައްޑޫއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެކެވެ. ވެރިކަންކުރާ ޕާޓީގެ ރަނިންމޭޓަކީ ސިޔާސީ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި، އައްޑުއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެކެވެ. ސަރުކާރާ ވާދަވެރި އެއް ޕާޓީން، ރަނިންމޭޓަކަށް އައްޑޫގެ ތައުލީމީ ބޭފުޅެކެވެ.

  • އެމްޑީޕީގެ ރަނިން މޭޓު، ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް
  • ޑިމޮކްރެޓްސްގެ ކެންޑިޑޭޓު، ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު
  • އެމްއެންޕީގެ ރަނިން މޭޓު، ޑރ. އަހުމަދު އަދީލް ނަސީރު

ވެރިކަންކުރާ އެމްޑީޕީގެ ރަނިންމޭޓަކަށް އައްޑޫ ހިތަދޫ އަސްލަމް ހަމަޖެއްސެވުމުގެ ކުރިން، މިދިޔަ ފަސް އަހަރު އެމަނިކުފާނުގެ ނައިބަކަށް ހުންނެވި ފައިސަލް ނަސީމް އަދި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ހަމަޖައްސަވަން މަޝްވަރާތަކެއް ދިޔަ އެވެ. ނަމަވެސް އެމްޑީޕީގެ ކިއްލާއެއް ގޮތުގައި އައްޑޫ ދެމެހެއްޓުމަށް، ރަނިންމޭޓުކަމަކީ އެ ކަމަށް ހާއްސަ ސްޓްރެޓެޖީއަކަށް ހެދުމަށް ނިންމީ އެވެ.

"ފުރަތަމަ ރަނިންމޭޓަކަށް ލުމަށް ވިސްނީ މިހާރު ވެސް ހުންނެވި ފައިސަލް، ނޫނީ ފޮރިން މިނިސްޓަރު ޝާހިދު، އެހެންވިޔަސް އައްޑޫގެ ވޯޓު މުހިންމު ވެގެން އައްޑޫ ބޭފުޅަކު ރަނިންމޭޓަކަށް ހަމަޖައްސަން އަސްލަމް ހަމަޖެއްސީ،" މައުލޫގެ ގޮތުން ނަން ނުޖެހުމަށް ޝަރުތުކޮށް މަޖިލީހުގެ މެމްބަރަކު ވިދާޅުވި އެވެ.

ދަ ޑިމޮކްރެޓްސް އާއި އެމްއެންޕީއަކީ އާ ޕާޓީއެކެވެ. ބެލެވޭ ގޮތުގައި އެ ދެ ޕާޓީގެ ސްޓެރެޓެޖީއަކީ ވެސް އައްޑޫން ވީހާ ގިނަ ވޯޓެއް ހޯދުމެވެ.

ޑިމޮކްރެޓްސްގެ ބާނީ އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރިން އެމްޑީޕީގެ ރިޔާސީ ޓިކެޓު ހޯއްދަވަން މަސައްކަތް ކުރެއްވި އިރު ވެސް އިއުލާން ކުރެއްވި ކަމަކީ އެމަނިކުފާނުގެ ރަނިންމޭޓަކަށް ވާނީ އައްޑޫ ބޭފުޅެއް ކަމެވެ. އެމްޑީޕީގެ ޕްރައިމަރީން ލިބުނު ނާކާމިޔާބީއަށް ފަހު، އުފެއްދެވި އާ ޕާޓީން އެމަނިކުފާނުގެ ބަދަލުގައި ނެރުއްވާ އާ ލީޑަރަކަށް ވާނީ އައްޑޫ ބޭފުޅެއް ކަމަށް ބެލެވުނެވެ.

އައްޑޫ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ދަނީ. މި ސަރުކާރުން އައްޑޫއަށް ވަރަށް ބޮޑު ސަމާލުކަމެއް ދީފައިވޭ. -- ފޮޓޯ: އަހުމަދު ރަޝީދު/އަދަދު


އައްޑޫ ހާއްސަވާ ސަބަބާއި އައްޑޫގެ ދައުރު

ސިޔާސީ ތާރީހުގައި އައްޑޫ ބޭފުޅުން

ރާއްޖޭގައި މީހުން ދިރިއުޅެން ފެށީއްސުރެން ވެސް ވެރިކަމުގެ އެންމެ އިސް މަގާމުތަކުގައި އައްޑު އަތޮޅު ބޭފުޅުން ތިއްބެވި އެވެ. ރާއްޖޭގެ ވެރިކަން ވެސް އައްޑޫގެ ބޭފުޅުން މީގެ ތިންސަތޭކައެއްހާ އަހަރު ކުރިން ކޮށްފައިވާ ކަމަށް ތާރީހު ދިރާސާކުރައްވާ ބޭފުޅުން ވިދާޅުވެ އެވެ.

"އައްޑުއަށް ނިސްބަތްވާ ރަސްކަލުން ވެސް ރާއްޖޭގެ ވެރިކަން ކުރައްވާފައި އެބަ ވޭ، ހަތްވަނަ އަލި ރަސްގެފާނާއި، ދިހަވަނަ ހަސަން ރަސްގެފާނު، ރާއްޖޭގެ ވެރިކަމުގެ އެންމެ މަތީ މަގާމުން ވެސް ފުރުއްވި، މިލާދީން 1690 ގެ ފަހުކޮޅު," ތާރީހު ދިރާސާ ކުރައްވާ އަލާ ދީދީ ވިދާޅުވި އެވެ.

އަލާ ފާހަގަ ކުރެއްވި ގޮތުގައި މިއަދެކޭ އެއް ގޮތަކަށް ކޮންމެ ގަރުނަކު ވެސް ޖުޑިޝަރީ ހިންގެވުމުގައި އިސްކޮށް ތިއްބެވީ އައްޑޫގެ ބޭފުޅުންނެވެ. ބަންޑާރަ ނައިބު ކަމާއި އުއްތަމަ ފަނޑިޔާރު ކަމުގެ މަގާމު ވެސް، ސިލްސިލާ ޖީލަކަށް އައްޑޫގެ ބޭފުޅުން ތިއްބެވި އެވެ.

"ޖުޑިޝަރީއިން އައްޑޫ ބޭފުޅުންގެ ޑޮމިނެންސް، މީގެ 500 އަހަރު ކުރިން ބެލިޔަސް އެބަ ފެނޭ، އަލްގާޒީ މުހައްމަދު ޝަމްސުއްދީން އައްޑޫ ބޮޑު ފަނޑިޔާރު ތަކުރުފާނު، އަލްގާޒީ ހުސައިން ކުތުބުއްދީން ފަދަ ބޭފުޅުން އެ ތިއްބެވީ،" އަލާ ދީދީ ވިދާޅުވި އެވެ.

ފެހި ގާނޫނު އަސާސީއަށް ފަހު އައްޑު އަތޮޅުގެ ދެ ބޭފުޅަކު ބަންޑާރަ ނައިބުކަން ކުރެއްވި އެވެ. ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދާއި ދިޔާނާ ސައީދެވެ. ސުއޫދަކީ މިހާރު ވެސް ސުޕްރީމް ކޯޓުގެ ފަނޑިޔާރެކެވެ. ފެހި ގާނޫނު އަސާސީއަށް ފަހު، އުއްތަމަ ފަނޑިޔާރުގެ މަގާމު ވެސް އައްޑޫ ބޭފުޅަކު ކުރެއްވި އެވެ. އެއީ މި ފަހުން އެ މަގާމު އަދާ ކުރެއްވި ފަނޑިޔާރު އަބްދުﷲ ސައީދެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ވެސް އައްޑޫގެ ދެ ބޭފުޅަކު ވަނީ ބަންޑާރަ ނައިބު ކަން ކުރައްވައިފަ އެވެ. އެއީ ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރާއި ކުރީގެ ބަންޑާރަ ނައިބު ޑރ. ހަސަން ސައީދެވެ.

ރާއްޖޭގެ އެންމެ ދެކުނުގެ ތިން އަތޮޅު މީހުން އެތެރެކުރާ މުދަލުން ބޮޑު ޓެކްސްއެއް ދިވެހި ސަރުކާރަށް ދައްކާ ގޮތަށް ގަވައިދެއް ހަދާ އިއުލާންކުރުމާއެކު، އައްޑު އަތޮޅު ހިތަދޫ އަބްދުﷲ އަފީފު އިސްވެ ހުންނަވައި ވަކި ދައުލަތެއް އުފެއްދުމުގެ މަސައްކަތުގެ ތާރީހަށް ބެލި ނަމަވެސް އައްޑުއަކީ އަބަދުވެސް ދިވެހި ސިޔާސީ މަސްރަހުގެ ހާއްސަ ބައެއް ކަން އެނގެ އެވެ.

އިގުތިސޯދީ ހަބަކަށް ފުރިހަމަ އަތޮޅެއް

މާލެ ސަރަހައްދު ފިޔަވައި، އިގުތިސޯދީ މަރުކަޒެއް ގޮތުގައި ތަރައްގީ ކުރުމަށް ދެން އެންމެ ރަނގަޅު އަދި އެންމެ ހައްގުވެރި އިހުތިޔާރަކީ އައްޑޫ އެވެ. އެ ވަރުގެ އާބާދީއެއް މިހާރު ވެސް އެބަ އޮތެވެ. އިތުރަށް ބޮޑު އާބާދީއެއް ތަކާނެ ވަރުގެ ބިމާއި ގުދުރަތީ ވަސީލަތެވެ. މާލެއަށް ވުރެ ވެސް ރަނގަޅީ އެ ތަނެވެ.

ސިޔާސީ ޕާޓީތަކުގެ މެނިފެސްޓޯތަކުގައި އައްޑޫއަށް ދީފައިވަނީ އެ ދައުރެވެ. ޒަމާނުއްސުރެން އަސާސީ ބޭނުންތައް މަރުކަޒުކޮށްފައިވާ މާލެ ތޮއްޖެހުމުގެ މައްސަލައިގެ ހައްލަކަށް މެނިފެސްޓޯގައި ދައްކުވައި ދެނީ އައްޑު އެވެ. ރާއްޖެ ތަރައްގީ ވާނީ އައްޑޫ ވެސް ތަރައްގީ ކޮށްގެން ކަމަށް ބުނެ އެވެ.

"ސްޓެރެޓެޖީކަލީ ރާއްޖޭގެ އެއް ކޮޅު، ފްލައިޓް ޕާތު، ޝިޕިން ރޫޓުތައް ވެސް އަރާ ލޮކޭޝަނެއް، މާލޭގެ އިންފުއެންސްއިން އެ ބިމުގެ އަގު އެރި ގޮތް، އެ އެޑްވާންޓޭޖް މާ ބޮޑު [އައްޑުއަށް]، ރަށްރަށުގެ ބިން އެތުރިފަ އޮތް ގޮތަށް ބަލާއިރު،" އާބަން ޕްލޭނިންގެ ތަޖުރިބާކާރު މުހައްމަދު އިޝާން ސައީދު ވިދާޅުވި އެވެ.

އިނގިރޭސީން އައްޑޫގައި ގާއިމުވެ ތިބި ދުވަސްވަރު ހިތަދުއާއި، އެ ސަރަހައްދުގައި މީހުން ދިރިއުޅޭ އެހެން ރަށްރަށާއި ގަން އިންޓަނޭޝަނަލް އެއާޕޯޓް ގުޅުވާފައި ވެ އެވެ. އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ގުޅިފައިވާ ރަށްރަށް ގުޅުވައިދޭނެ ލިންކް ރޯޑެއް ހެދި އެވެ. ދަތުރުފަތުރާއި މުދާ އުފުލުމުގެ ފަސޭހަކަމަށް ބޭނުންވާ އުމްރާނީ ތަރައްގީ ހަމަޖައްސަން މާ ބޮޑަށް ފަސޭހަ އަތޮޅެކެވެ.

"ރީޖަނައިޒޭޝަން ޕްލޭނުގައި އެބަ އޮވޭ އައްޑޫ އާބަން ހަބަކަށް ހަދަން [މީގެ ކުރީގައި] ލިޔެފައި، އަބަދުވެސް އައިޑެންޓިފައި ކުރެވިފައި އޮތް ލޮކޭޝަނެއް އައްޑުއަކީ،" ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ މާސްޓަ ޕްލޭން ތައްޔާރު ކުރުމުގައި ވެސް އުޅުއްވި އިޝާން ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުތަކުގައި އައްޑޫ ބޭފުޅުން ނެރުއްވި ނަތީޖާ

ދެހާސްއަށްވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އައްޑޫ ފޭދޫއަށް އުފަން ކުރީގެ ބަންޑާރަ ނައިބު ހަސަން ސައީދު ވާދަކުރެއްވި އެވެ. އެ ބުރު އެންމެ ގިނަ ވޯޓު އައްޑޫން ހޯއްދެވީ އޭނާ އެވެ. ދެވަނަ ބުރުގައި ހަސަންގެ ތާއީދު ދެއްވީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު މުހައްމަދު ނަޝީދަށެވެ. އެ ފަހަރު ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ނަޝީދަށް ދެވަނަ ބުރުގައި އައްޑޫން 66 ޕަސެންޓް ވޯޓުު ލިބިވަޑައިގަތެވެ.

ދެހާސްތޭރަވަނަ އަހަރު ނަޝީދު އެ ހިސާބު ޖެއްސެވި އެވެ. އެމަނިކުފާނުގެ ރަނިން މޭޓަކަށް ވާނީ އައްޑޫ ބޭފުޅެއް ކަމަށް މާކުރިން އިއުލާން ކުރެއްވި އެވެ. އެގޮތުން ރަނިން މޭޓަކީ އެމަނިކުފާނުގެ ވެރިކަމުގައި އެޑިއުކޭޝަން މިނިސްޓަރުކަން ކުރެއްވި ޑރ. މުސްތަފާ ލުތުފީ ހަމަޖެއްސެވި އެވެ. އެ ފަހަރު ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓު ހޯއްދެވީ ނަޝީދެވެ.

އިލެކްޝަންސް ކޮމިޝަންގެ ޑޭޓާބޭސްގައި 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ވަކިވަކި އަތޮޅުތަކުން ނަތީޖާ އައި ގޮތް އަދި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ތިން ބުރު ވެސް ވަކިވަކި އަތޮޅުތަކުން ނަތީޖާ އައި ގޮތް ފެންނާކަށް ނެތެވެ.

ދައްކަންވީ ތަރައްގީ، އައްޑޫން މީހެއް ނޫން!

އައްޑޫއަށް ނިސްބަތްވާ ރަނިންމޭޓެއް ކަނޑައެޅުމުގެ އުކުޅަކީ، އައްޑޫން ވޯޓު ހޯދުމަށް ކުރާ ކަމެކެވެ. އެމެރިކާގެ ޑިމޮކްރެޓިކް ޕާޓީން ބަރަކް އޮބާމާ ނުކުތުމާއި، ފަހުން ޖޯ ބައިޑެންގެ ނައިބަކަށް ކަމަލާ ހާރިސް ހަމަޖެހުމުން އެ ގައުމުގައި ދިރިއުޅޭ ކަޅު ނަސްލުގެ ވޯޓަރުންގެ ތާއީދު ލިބުނު ކަމަށްވެ އެވެ.

މީގައި ރަނގަޅެއް އެބަ އޮތެވެ. ކަޅު ނަސްލުގެ މީހުނަށް ކުރާ ތަފާތުކުރުން އެންމެ ރަނގަޅަށް އެނގޭނީ އެ ނަސްލަށް ނިސްބަތްވާ ގާބިލު ބޭފުޅަކަށެވެ. މުޖުތަމައުގައި އޮތް ތަފާތުކުރުންތަކާ ދެކޮޅަށް ސިޔާސަތުތައް ކަނޑައަޅައި ތަންފީޒު ކުރަން ބަލާއިރު، ވެރިކަމުގެ އިސް ސަފުގައި އެ ނަސްލު އެބަ ތަމްސީލުވެ އެވެ.

އައްޑޫގައި ވެސް ގާބިލު ބޭފުޅުން ތިއްބެވިއިރު، އައްޑޫގެ ބޭފުޅަކަށް އައްޑޫގެ ރައްޔިތުން ކުރި ހިތި ތަޖުރިބާތައް ދަންނާނެ އެވެ. ނަމަވެސް ރާއްޖޭގައި މި އުކުޅު މިހާރު ބޭނުން ކުރަމުންދާ ހާލަތަށް ބަލާއިރު، އިންސާނީ ހައްގުތަކަށް މަސައްކަތްކުރައްވާ ބައެއް ހަރަކާތްތެރިންގެ ވެސް ކަންބޮޑުވުން އެބަ އޮތެވެ.

"ނައިބު ރައީސްއަކީ މުޅި ރާއްޖެއަށް ހުންނަ މީހެއް، މަޖިލިސް މެމްބަރު ވެސް، ދާއިރާއިން ހޮވިޔަސް މުޅި ގައުމުގެ މަސްލަހަތުގައި ގާނޫނު ހަދަން ތިބޭ ބަޔެއް، އެ ވާން ޖެހޭނީ ގާބިލު މީހަކަށް، ވަކި ރަށެއްގެ މީހަކަށް ނޫން،" އިންސާނީ ހައްގުތަކުގެ ދާއިރާގައި މަސައްކަތްކުރައްވާ އަހުމަދު މުހައްމަދު (ފޯމީ) ވިދާޅުވި އެވެ.

ފޯމީގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ނުރަނގަޅު ވިސްނުމެއް އޭގެ ސަބަބުން އުފެދިދާނެތީ އެވެ. އެއީ ކޮންމެ ބަޔަކަށް ވެސް އެ މީހުންގެ ތެރެއިން ބަޔަކު ދައުލަތް ހިންގުމުގެ އިސް މަގާމަކަށް އައިސްގެން މެނުވީ އެ ބަޔަކު ނިސްބަތްވާ ސަރަހައްދެއް ތަރައްގީ ނުވާނެ ކަމަށް ދުށުގެ ވިސްނުމެވެ.

އައްޑޫ ބިން ހިއްކުމުގެ މަސައްކަތް ކުރަމުން ދަނީ. މިއީ އައްޑޫގެ ޗާޓު ބަދަލުކޮށްލާނެ ބިޔަ މަޝްރޫއެއް. -- ފޮޓޯ: އަހުމަދު ރަޝީދު/އަދަދު


"އައްޑުއަށް ތަރައްގީ ހައްގު، އައްޑޫ މީހަކު ހުއްޓަސް، ނެތަސް، ބޮޑު އާބާދީއެއް އޮތް ސަރަހައްދަކަށް އިންވެސްޓްކުރަން ޖެހޭ، ލާމަރުކަޒީ އުސޫލުތަކެއްގެ ތެރެއިން، އެކަމަކު ސަރުކާރުން ފެންނަނީ އަދިވެސް ބޮޑު އިންވެސްޓްމަންޓެއް މާލެ ސަރަހައްދަށް ކުރާ ތަން،" ލާމަރުކަޒީ ނިޒާމު ހަރުދަނާކުރަން އަބަދުވެސް ވަކާލާތުކުރައްވާ، ފޯމީ ވިދާޅުވި އެވެ.

މި ކަންބޮޑުވުން އޮތް އަނެއް ބޭފުޅަކީ އައްޑު އަތޮޅަށް ވެސް އުފަން ޑރ. މުހައްމަދު މުނައްވަރެވެ. ނައިބު ރައީސްގެ ދައުރަކީ ރައީސްގެ މަގާމު ހުސްވެއްޖެނަމަ ނުވަތަ ރައީސަށް މަގާމުގެ މަސްއޫލިއްޔަތުތައް ނުއުފުލޭ ހާލަތުގައި ވެރިކަމުގެ ޒިންމާތަކާ ހަވާލުވުމެވެ. ނަމަވެސް ގާނޫނު އާސާސީއާ މާ ދުރު، ސިފަތަކެއްގެ ނައިބު ރައީސެއްގެ ވިސްނުން އާލާވާ ކަން ފެނެ އެވެ. މުނައްވަރު ފާޅުކުރައްވަނީ އެ ކަންބޮޑުވުމެވެ.

"ގާނޫނު އަސާސީ ތަސައްވުރު ކުރާ ކަމަކީ ކެންޑިޑޭޓު ކަނޑައެޅުމުގައި ބަލާ މިންގަނޑުން ރަނިން މޭޓުގެ މިންގަނޑު ވެސް ބެލުން، އެކަމަކު އެހެން ނޫން ދެއްތޯ މި ވަނީ، ކެންޑިޑޭޓުގެ ޕިޔޯނެއް ގޮތަށް، އެއް އިރެއްގައި ވެސް ޕޮލިޓިކަލް ކެރިއާގެ އެމްބިޝަން ނެތް މީހަކު މި ހޯދަނީ،" މުނައްވަރު ވިދާޅުވި އެވެ.

ރަނިން މޭޓުގެ އުކުޅު ބޭނުން ކުރި އެއް ބަޔަކީ އެމްޑީޕީ އެވެ. އެމްޑީޕީއަކީ މިދިޔަ ފަސް އަހަރު ނަތީޖާތަކެއް ނެރެދީ، އެ ނަތީޖާގެ މައްޗަށް ވޯޓު ހޯދުމުގެ ފުރުސަތު ލިބުނު ޕާޓީ އެވެ. އައްޑޫގެ އެކި ރަށްރަށުގައި މަގު ހެދުމާއި ނަރުދަމާގެ މަސައްކަތްތައް ކުރިއަށް އެބަދެ އެވެ. މުޅި އައްޑޫގެ ބިން ބޮޑުވާނެ ބިން ހިއްކުމުގެ ބޮޑު މަޝްރޫއެއް ފަށައި ހަލުވި ސްޕީޑެއްގައި އެ ނިންމަނީ އެވެ.

ނަމަވެސް މުނައްވަރު ދެކެވަޑައިގަންނަވާ ގޮތުގައި ނަތީޖާ ނެރެވުނު ކަމަށް އެމްޑީޕީއަށް ގަބޫލު ކުރެވުނު ނަމަ ރަނިން މޭޓުގެ އުކުޅު ބޭނުން ކުރަން ވެސް ނުޖެހޭނެ އެވެ. ރަނިން މޭޓުގެ އުކުޅުގެ އިތުރަށް ވެސް ބައެއް މަސައްކަތްތައް ކުރަން ޖެހޭތީ ބިން ހިއްކުމުގެ މަޝްރޫއު ހަލުވިކޮށް ހިންގައި، އައްޑޫން ގޯތި ދޫކުރަން ވެސް ފަށަން ޖެހުނީ ކަމަށް އޭނާ ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ނަތީޖާ ބުރަވާނޭ ކޮޅެއް ކަނޑައެޅިގެން ދިއުމުގައި އައްޑޫގެ ދައުރު ބޮޑެވެ. އެ ސިޓީގެ ރުހުން އޮތުމަކީ އިންތިހާބީ އޮޅިގަނޑު ގިރާކުރުމަށް ނުހަނު ބޮޑު މަދަދަކަށް ވާނެ އެވެ. ސިޔާސީ ޕާޓީތަކުން އެ ޖެހީ މި ހިސާބެވެ. މި އުކުޅުގެ ފަންވަރު މި ރިޔާސީ އިންތިހާބުގައި ސާބިތުވެގެންދާނެ އެވެ.