16 އޮގަސްޓު 2023 - 19:13 0
އަމަން ހަލީމް
އއ. އުކުޅަހުގައި މިރޭ ބޭއްވި އެމްޑީޕީގެ ކެމްޕޭން ޖަލްސާގައި ރައީސް ސޯލިހު ވާހަކަފުޅު ދައްކަވަނީ. --- ފޮޓޯ: އަބްދުالله އިޔާން/އަދަދު
16 އޮގަސްޓު 2023 - 19:13 0
ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތަކަކީ އިގުތިސޯދީ ބޮޑު ބަދަލެއްގެ ބިންގާ ކަމަށާއި އެ މަސައްކަތްތައް ނިންމަން އަދި ދުވަސްކޮޅެއް ބޭނުންވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.
ރިޔާސީ ދެވަނަ ދައުރަކަށް ކެމްޕެއިން ކުރައްވަމުން ގެންދަވާ ރައީސް ސޯލިހު މިހެން ވިދާޅުވީ އއ. އުކުޅަހުގައި ބޭއްވި ޖަލްސާއެއްގައި، ދެވަނަ ދައުރަކަށް ރައްޔިތުންގެ ވޯޓު ހައްގު ކަމަށް އެ މަނިކުފާނަށް ގަބޫލުކުރެވޭ ސަބަބުތައް ވިދާޅުވަމުންނެވެ.
.އެގޮތުން ކުރީގެ ރައީސް ޔާމީންގެ ސަރުކާރަށް އިޝާރާތްކުރައްވާ, އެ "އަނިޔާވެރިކަމަށް" އަނބުރާ ދާން ދިވެހިން ބޭނުންނުވާ ކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ މި ސަރުކާރު ތަފާތުކަން ރައްޔިތުންނަށް ފެންނާނެ ކަމަށެވެ.
"އަޅުގަނޑުމެން ތަޖުރިބާކޮށްފިން 2013 އިން 2018 އަށް ވެރިކަމެއް. އަދި 2018 އިން މިއަދާ ހަމައަށް ތިބޭފުޅުން ތިގެންދަވަނީ ވެރިކަމެއް ތަޖުރިބާކުރަމުން. އަޅުގަނޑަށް ހަމަ ޔަގީން ތަފާތުތަކެއް ތިބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ," ރައީސް ސޯލިހު .ވިދާޅުވި އެވެ.
ކުރިން ދެއްކެވި ތަރައްގީ އާއި އިގުތިސޯދީ ބިންގަލުގެ ވާހަކަ، މި ރިޔާސީ އިންތިހާބުގައި އެމްޑީޕީން ބޭނުންކުރަމުން އަންނަ 'އުފާވެރި އަމާން ރާއްޖެ' ޝިއާރާ ގުޅުވާލާ ރައީސް ވިދާޅުވީ މިހާރު ކުރަމުންދާ މަސައްކަތްތައް ނިމުމުން އޮތީ އެ ރާއްޖެއަށް ދިޔުން ކަމަށެވެ.
"އަޅުގަނޑު ދެންނެވިހެން މި ރާއްޖޭގެ ހުރިހާ ރަށަކަށް އަޅުގަނޑުމެން މިދަނީ އުފާވެރި އަމާން ރާއްޖެއެއް ދިވެހިންނަށް ހޯދައިދިނުމަށްޓަކައި ކުރަން ޖެހޭ މައިގަނޑު މަސައްކަތްތައް ކޮށް ނިންމަމުން. ދެން އޮތީ އެ ރާއްޖެއަށް އަޅުގަނޑުމެން ދިޔުން," ރައީސް ސޯލިހު ވިދާޅުވި އެވެ.
އުކުޅަހުގައި ބޭއްވި ޖަލްސާގައި ރައީސް ސޯލިހު ވާހަކަފުޅު ދައްކަވަނީ. ރައްޔިތުން ގޮތް ނިންމަވާއިރު ވިސްނާވަޑައިގަތުމަށް އެދިވަޑައިގެންނެވި --- ފޮޓޯ: އަބްދުالله އިޔާން/އަދަދު
އުކުޅަހުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި މިރޭ ލޯންޗުކުރި އެމްޑީޕީގެ މެނިފެސްޓޯގެ ތިންވަނަ ސިޔާސަތު، 'އަމާން މުޖުތަމައު'އަށް ވެސް އަލިއަޅުއްވާލެއްވި އެވެ.
ރައީސް ސޯލިހު ވިދާޅުވި ގޮތުގައި، އުފާވެރި މުޖުތަމައު ސިޔާސަތު ވަނީ އެ ޕާޓީން ކުރިން ލޯންޗުކުރި، 'އުފާވެރި ދިރިއުޅުން' ސިޔާސަތާ ގުޅިލާމެހިފަ އެވެ. އަދި ސަރުކާރުގެ އަމާޒަކީ އެކަން ހަގީގަތަކަށް ހަދަން ބޭނުންވާ ކަންކަން ފަހިކޮށްދިނުން ކަމުން މުސްތަގުބަލުގައި އެކަންކަން ތަންފީޒުކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"އަމާޒަކީ ދުޅަހެޔޮ ބަދަހި މުޖުތަމައެއްގައި، އުފެއްދުންތެރި ފުދުންތެރި ޖީލެއް ބިނާކުރުން. އާ ޒުވާނުންގެ ޖީލާއެކީ، ޝާމިލް އޯގާތެރި އާއިލާއެއް ވެސް ބިނާކުރުން. އަދި މި އަސާސްގެ މަތީގައި އަމާން މުޖުމަތައެއް ވެސް ގާއިމްކުރުން. މިކަމަށް ބާރުލިއްބައިދޭ އިގުތިސޯދީ ބޮޑު ބަދަލާ، ހެޔޮވެރިކަމުގެ ނިޒާމު ވެސް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ތަނުގައި ތަންފީޒުކުރާނަން," ރައީސް ސޯލިހު ވިދާޅުވި އެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment