ޔާމީނު މިނިވަންކުރަން ކޮށްދެވޭނެ ކަމެއް އަދި ނެތް: ރައީސް

16 އޮގަސްޓު 2023 - 07:05 0

މުހައްމަދު ނަސީމް

މ

އެމްޑީޕީން އއ.ރަސްދޫގައި މިއަދު ބޭއްވި ޖަލްސާގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވާހަކަފުޅުދައްކަވަނީ. ފޮޓޯ: އަބްދުﷲ އިޔާން/އަދަދު


ޔާމީނު މިނިވަންކުރަން ކޮށްދެވޭނެ ކަމެއް އަދި ނެތް: ރައީސް

16 އޮގަސްޓު 2023 - 07:05 0

މާފުށީ ޖަލުގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުالله ޔާމީން މިނިވަން ކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން ކޮށްދެއްވޭނެ ކަމެއް އަދި ނެތް ކަމަށާއި ޝަރުއީ ނިޒާމަށް ނުފޫޒު ނުފޯރުއްވާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ސެޕްޓެމްބަރު 9، ގައި ބާއްވާ ރިޔާސީ އިންތިހާބަށް ކެމްޕޭން ކުރަން އއ.ރަސްދޫ ގައި އެމްޑީޕީން މިއަދު ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ރައީސް ޔާމީނަށް ކްރިމިނަލް ކޯޓުން ފުރަތަމަ އިއްވި ޖަލު ހުކުމް ސުޕްރީމް ކޯޓުން ބާތިލުކުރި ކަމަށާއި އޭރު ވެސް އެކަމާ އެއްޗެއް ވިދާޅުވެފައި ނުވާނެ ކަމަށެވެ. ރައީސް ވިދާޅުވި ގޮތުގައި ޖަލުތަކާއި ޕެރޯލް ގާނޫނުގެ ދަށުން ދެއްވެން އޮންނަ ލުއި ވެސް އެމަނިކުފާނަށް ދެއްވޭނީ ޝަރުއީ މަރުހަލާތައް ނިމުމުންނެވެ.

"ރައީސް ޔާމީނު ޖަލުގައި އިންނަވަން ޖެހުނު ޖެހުން އެއީ އެ ބޭފުޅުންގެ ކަންބޮޑުވުމަކީ. އަޅުގަނޑުމެން އެންމެން ވެސް ކަންބޮޑުވޭ އެކަމުގައި. އެހެން ނަމަވެސް ޝަރީއަތެއްގެ ތެރޭގައި، މެދުތެެރޭގައި އޮއްވައި، އެެއާ ދޭތެރޭގައި ގޮތެއް ނިންމުމުގެ ބާރެެއް އަޅުގަނޑަކަށް ނޯވޭ. ޝަރުއީ ހުރިހާ މަރުހަލާއެއް ނިމުނީމާ، ދެން އެ އޮންނަ ގާނޫނީ އިމުގެ ތެރެއިން ކޮށްދެވެން އޮންނަ ކަމެއް ކޮށްދިނުމުގެ އިހުތިޔާރު އަޅުގަނޑަށް އޮންނަނީ،" ރައީސް ވިދާޅުވި އެވެ.

ޔާމީނުގެ ޝަރީއަތުގެ ތެރެއަށް "އަތްބާނައި ނުފޫޒު ފޯރުވަން މަޖުބޫރު ނުކުރަން" އިދިކޮޅު ފަރާތްތަކަށް ރައީސް ސޯލިހު އިލްތިމާސްކުރެއްވި އެވެ.

"އެކަމެއް އަޅުގަނޑު ނުކުރާނަން،" ރައީސް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގައި ކެމްޕޭނުގައި ރައީސް ވަޑައިގެންނެވި ހުރިހާ ރަށެއްގައި ހެން އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ސަޕޯޓަރުން ނުކުމެ އެމަނިކުފާނާ ދެކޮޅަަށް އަޑު އުފުލި އެވެ. ހުރިހާ ރަށެއްގައި ހެން އެމީހުން އެންމެ ބޮޑަށް ނުރުހުން ފާޅުކުރީ ޔާމީނު ޖަލުގައި ބަހައްޓާތީ އެކަމާ އެވެ. ރައީސް ސޯލިހު މިއަދު ވިދާޅުވީ އެ ގޮތަށް އަޑު އުފުލުން އެއީ މައްސަލައެއް ނޫން ކަމަށެވެ.

"އަޑުއުފުއްލަވަން ވާނެ. އެއަކު މައްސަލައެއް ނެތް. އެކަމަކު ކަންކުރެވެން އޮތް ގޮތް އަަޅުގަނޑު ސާފުކޮށް މި ދެންނެވީ. އަޅުގަނޑަކަށް އެ މަރުހަލާ އަކު، އެއާ ދޭތެރޭ [ޔާމީނަށް އިއްވާފައިވާ ހުކުމާ ގުޅޭ ގޮތުން] ކުރެވޭނެ އެއްވެސް ކަމެއް އަދި އެއް ނެތޭ،" ރައީސް ވިދާޅުވި އެވެ.

ޔާމީންގެ މައްޗަށް ހިނގާ ޝަރީއަތްތައް

ޔާމީނުގެ ވެރިކަން ނިމުމާއެކު، އެ ވެރިކަމުގައި ހިނގި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލާގައި އެމަނިކުފާނު ފުލުހަށް ހާޒިރުކޮށް، އެމަނިކުފާނުގެ މައްޗަށް ތަހުގީގު ހިންގަން ފެށި އެވެ.

އޭގެ އިތުރުން، 2019 ގައި ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ އުފުލި އެވެ. އެއީ ގއ. ވޮޑަމުލާ ކުއްޔަށް ދޫކުރުމުގެ ތެރެއިން ހިންގި ކަމަށް ބުނާ ހިޔާނާތުގެ ތެރެއިން ޔާމީނުގެ އެކައުންޓަށް އެއް މިލިއަން ޑޮލަރުގެ ޗެކެއް ޖަމާވުމެވެ. އެ މައްސަލާގައި ކްރިމިނަލް ކޯޓުން ޔާމީނަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވީ ނޮވެމްބަރު 28، 2019 ގަ އެވެ. ހައި ކޯޓުން ވެސް އެ ހުކުމް ދެމެހެއްޓި އެވެ.

ސުޕްރީމް ކޯޓުގައި ހުކުމް އިސްތިއުނާފު ކުރުމުން ފެންމަތިވެގެން އައީ ކުރީ ދެ މަރުހަލާގައި ފާހަގަނުވި ކަމެކެވެ. އެއީ ޑިޕޮސިޓް ސްލިޕްގައިވާ ނަމްބަރާއި އެސްއޯއެފްގެ އެކައުންޓަށް ޖަމާވެފައިވާ އެއް މިލިޔަން ޑޮލަރުގެ މުއާމަލާތާ ގުޅޭ ތަފުސީލުގައި ހިމެނިފައިވާ ޗެކް ނަންބަރު ދިމާނުވެ އެވެ. އެހެންވެ ޔާމީނަށް ލިބުނީ ދައުލަތުގެ ފައިސާ ކަން ކަށަވަރުނުވާ ކަމަށް ސުޕްރީމް ކޯޓުން ނިންމީ އެވެ.

އެ ޗެކްގައި އޮތް ނަމްބަރަކީ، 0494502 އެވެ. މިއީ ޑިޕޮސިޓް ސްލިޕްގައިވެސް އޮތް ނަންބަރެވެ. އެކައުންޓް ސްޓޭޓްމަންޓްގައި އޮތީ 0495402 އެވެ.

ޔާމީން މިނިވަންވެ ހުންނަވަނިކޮށް އެމަނިކުފާނަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ޓިކެޓު ހަވާލުކުރީ އޮގަސްޓް 19، 2022 ގަ އެވެ. އޭރު ވެސް ޔާމީނުގެ މައްޗަށް އިތުރު ދެ މައްސަލައެއްގައި ދައުވާކޮށް ދަށު ކޯޓުގައި ޝަރީއަތް ހިނގަމުން ދިޔަ އެވެ. ވ. އާރަށުގެ މައްސަލައާއި ރ. ފުއްގިރީގެ މައްސަލާގައި ޔާމީނަށް 2021 ގައި، ދައުވާކޮށް ޝަރީއަތް ފަށާފައިވެ އެވެ.

ފުރަތަމަ ރ. ފުއްގިރި މައްސަލައިގެ އަޑުއެހުންތައް ކުރިއަށް ދަނިކޮށް، ވ. އާރަށް މައްސަލަ ކޯޓަށް ހުށަހެޅި އެވެ. ވ. އާރަށުގެ މައްސަލަ ފެށި ފަހުން ފުއްގިރި މައްސަލައިގެ ޝަރީއަތް އެއްކޮށް މަޑުޖެހުނެވެ. އަދި 2022 ވަނަ އަހަރު އާރަށުގެ މައްސަލައިގެ ހުކުމް ދަށު ކޯޓުން އިއްވުމާއެކު ފުއްގިރި ޝަރީއަތް އަވަހަށް ބާއްވައި، ކައިރިކައިރީ ގިނަ އަޑުއެހުންތަކެއް ވެސް މި ފަހުން ބޭއްވި އެވެ.

ވ. އާރަށު މައްސަލާގައި ޔާމީނަށް އިއްވި ފަސް އަހަރުގެ ޖަލު ހުކުމާއި ފަސް މިލިއަން ޑޮލަރު ޖޫރިމަނާގެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފު ކުރި ނަމަވެސް، މައްސަލައާ ހަވާލުވި ބެންޗުގައި ތިއްބެވި ފަނޑިޔާރުން އެކި ވަގުތު ޗުއްޓީ ނަންގަވަމުން ގެންދެވުމުން އިސްތިއުނާފު ފަހުން އޮތީ މަޑުޖެހިފަ އެވެ.