14 އޮގަސްޓު 2023 - 13:31 0
މުހައްމަދު ނަސީމް
ނ.މާފަރުގައި އެމްޑީޕީން ބޭއްވި ޖަލްސާގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވާހަކަފުޅުދައްކަވަނީ. ފޮޓޯ: މުހައްމަދު ޝާބިން/އަދަދު
14 އޮގަސްޓު 2023 - 13:31 0
ސެޕްޓެމްބަރު ނުވައެއްގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އެހެން ހުރިހާ ކެންޑިޑޭޓުން ކުރައްވަން އުޅުއްވަނީ އަމިއްލަ ކަންތައްތަކެއް ކަމަށް ވިދާޅުވެ، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެ އެންމެ ބޭފުޅުންނަށް ވަރުގަދަ ބަހުގެ ހަމަލާއެއް ދެއްވައިފި އެވެ.
ރިޔާސީ އިންތިހާބަށް ކެމްޕޭނުކުރަން ނ.މާފަރުގައި އެމްޑީޕީން ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ މިފަހަރު ކުރިމަތިލެއްވި އެހެން ކޮންމެ ކެންޑިޑޭޓަކު އިންތިހާބުވިޔަސް، ރައްޔިތުންނަށް ކޮށްދެއްވާނެ ކަމެއް ނެތް ކަމަށެވެ. އެ ކެންޑިޑޭޓުންގެ ތެރޭގައި އެހެން ސިޔާސީ ލީޑަރުންނާ ގުޅިވަޑައިގެން މަސައްކަތް ކުރެއްވޭނެ ބޭފުޅަކު ނެތް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"ވެރިކަން އެެއިން ބޭފުޅަކަށް ލިބުނަސް އަޅުގަނޑަށް ހަމަ ޔަގީން، ރައްޔިތުންނަށް ކޮށްދޭނެ ކަމެއް ނޯންނާނެ. އަމިއްލަ އަމިއްލައަށް ބޭނުންވާ ކަންތައްތަކެއް ނޫން ކަމެއް ކުރާނެ މީހެއް މި ފަހަރަކު، މި އިންތިހާބަކު އަޅުގަނޑު ނޫނީ ނެތް،" ރައީސް ވިދާޅުވި އެވެ.
އެހެން ބޭފުޅުންނަކީ ސިޔާސީ ގޮތުން އަމިއްލަ ނަފުސަށް ކަންތައްތަކެއް ހާސިލުކުރައްވަން ނުކުމެވަޑައިގެން ތިއްބެވި ބޭފުޅުން ކަމަށް ސިފަކުރެއްވުމާ އެކު ރައީސް ވިދާޅުވީ ސިޔާސީ ގޮތުން އެމަނިކުފާނު ހާސިލުކުރައްވާނެ އިތުރު ކަމެއް ނެތް ކަމަށެވެ.
"އަޅުގަނޑު އަރާނެ ހަރުފަތެއް ނެތް. ހުރިހާ ކަމެއް ފުރިހަމަވެފައި [ހުރީ]،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މިފަހަރުގެ އިންތިހާބަށް ކޯލިޝަނެއް ހެދުމުގެ ފުރުސަތު ލިބުނީ ހަމަ އެކަނި އެމްޑީޕީއަށް ކަމަށާއި އެެހެން ބޭފުޅުން އެކަމަށް ކިތަންމެ މަސައްކަތްތަކެއް ކުރެއްވި ނަމަވެސް ކާމިޔާބު ނުކުރެއްވުނު ކަމަށެވެ. ކޯލިޝަނެއް ހަދަން ވާދަވެރިން ކުރި މަސައްކަތްތަކަށް އެމަނިކުފާނު ހަޖޫވެސް ޖެއްސެވި އެވެ.
"ރެއާ ދުވާލު، އެއްރަށުން އަނެއް ރަށަށް [ވަޑައިގެން] މަޝްވަރާކޮށް، ފޮޓޯތައް ފެނޭ އަަޅުގަނޑަށް. ޕްރެސް ކޮންފަރެންސްތައް ވެސް ބޭއްވި، ދެޕާޓީ ތިން ޕާޓީ އެެއްވެގެން. މާދަމާ ސޮއިކުރާނެއޭ ވެސް ހީވި. ނަމަވެސް [ނުކުތީ] ކޮންމެ މީހަކު ވަކިވަކިން. ބައިވެރިވާނެ އެކަކު ވެސް ނުވި،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ތުހުމަތުކުރެއްވި ގޮތުގައި އެހެން އެކަންވީ އެ ހުރިހާ ބޭފުޅުން ވެސް ވެރިކަން ބޭނުންވާތީ އެވެ. ރިޔާސީ އިންތިހާބުގެ ކުރިން ކޯލިޝަން ހަދަން މަަސައްކަތްކޮށް ނާކާމިޔާބުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްކޮށް ހުންނެވި ދަ ޑިމޮކްރެޓްސް އާއި ގާސިމް އިބްރާހީމްގެ ޖުމްހޫރީ ޕާޓީ އަދި އިދިކޮޅު ޕީޕީއެމް/ޕީއެންސީންނެވެ. އެ ޕާޓީތަކުން ކުރި މަސައްކަތް އެކަމަކު ކާމިޔާބެއް ނުވެ އެވެ.
Comment