13 އޮގަސްޓު 2023 - 22:58 0
ނިމާ ހަސަން
ޑރ. މުހައްމަދު މުއިއްޒު; އިސްލާމް މާއްދާ އިނގިރޭސިން ކިޔަވައިދިނުމުގެ ސިޔާސަތަށް ފާޑު ވިދާޅުވި -- ފޮޓޯ: ޕީޕީއެމް
13 އޮގަސްޓު 2023 - 22:58 0
އިނގިރޭސި ބަހުން އިސްލާމް މާއްދާ ކިޔަވައި ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެވަޑައިގެންނެވި ވައުދުފުޅަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.
މިއަހަރުގެ ރިޔާސީ އިންތިހާބަށް ރައީސް ސޯލިހު ނެރުއްވި ފުރަތަމަ ސިޔާސަތު ކަމަސްވާ އުފާވެރި ދިރިއުޅުމުގެ ދަށުން, އިނގިރޭސިން އިސްލާމް ކިޔަވަން ބޭނުންވާ ކުދިންނަށް އެ ފުރުސަތު ހޯދައިދިނުމަށް ވައުދު ވެފައިވަޑައިގެންފަ އެވެ.
ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރަން ޕީޕީއެމް/ޕީއެންސީން މިރޭ ހއ. އިހަވަންދޫގައި ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ އިނގިރޭސި ބަހުން އިސްލާމް މާއްދާ ކިޔަވައި ދިނުމަކީ ދިވެހި ގައުމިއްޔަތު ގެއްލުވާލުމަށް ކުރާ މަސައްކަތެކެވެ.
"މިހާރު މި އިވެނީ ދިވެހި ބަހުގެ ބަދަލުގައި އިނގިރޭސީ ބަހުން އިސްލާމް މާއްދާއާއި މިހުރިހާ އެއްޗެއް ކިޔަވައިދޭން އުޅޭވާހަކަ. ގައުމިއްޔަތު ގެއްލުވައިލުމުގެ މަސައްކަތް މިވަނީ ފެށިފައި" ރައްޔިތުން ތެދުވެ, ގައުމިއްޔަތު ސަލާމަތް ކުރުމަށް ރައީސް ސޯލިހުގެ ވެރިކަން ނިމުމަކަށް ގެންނަންޖެހޭކަން ފާހަގަކުރައްވަމުން ޑރ. މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވި ގޮތުގައި, ދިވެހި ބަހާއި, އިސްލާމް ދީނަކީ ގައުމިއްޔަތާއި ގުޅިފައިވާ ދެ ކަންތަކެވެ. އަދި އެ ދެ ކަންތައް ހިމާޔަތް ކޮށްގެން މެނުވީ ގައުމުގެ މުސްތަގުބަލު ސަލާމަތެއް ނުކުރެވޭނެ އެވެ.
"ގައުމުގެ މިނިވަންކަމާ ގުޅިފައި ވަނީ އިސްލާމް ދީން. އިސްލާމް ދީނާއި, ދިވެހި ބަހާ ހިމާޔަތްކޮށްގެން ގައުމުގެ މުސްތަގުބަލު ސަލާމަތްކުރެވޭނީ, އަމާން ކުރެވޭނީ, އުޖާލާ ކުރެވޭނީ" މުއިއްޒު ވިދާޅުވި އެވެ.
ކެމްޕޭން ޖަލްސާގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވި ގޮތުގައި, ރާއްޖޭގެ މިނިވަންކަމާއި ގައުމިއްޔަތުގެ ވާހަކަދައްކާ, އެ މަގުން މަސައްކަތް ކުރާ ފުރަތަމަ ޕާޓީއަކީ ޕީޕީއެމެވެ. ގައުމު ސަލާމަތް ކުރެވޭނެ ހަމައެކަނި ގޮތަކީ މުއިއްޒު ވިދާޅުވި ގޮތުގައި ޕީޕީއެމަށް ވެެރިކަން ހަވާލު ކުރުމެވެ.
"އެހެން ނޫނީ މިފެންނަ ގޮތަށް ކަންކަން ދާން ދޫކޮށްލާފިއްޔާމު ތާއަބަދަށް ގައުމުގެ މިނިވަންކަމާއި ގައުމީއްޔަތު އޭގެ ހަގީގީ މާނާގައި އެ ވާހަކަ ދެއްކުމުގެ ފުރުސަތެއް ނުލިބޭނެ." ނުސީދާކޮށް ރައީސް ސޯލިހަށް ފާޑުކިއުން އަމާޒުކުރައްވަމުން މުއިއްޒު ވިދާޅުވި އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment