Advertisement

ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލާ "ބަދަލު ކުޅުންތެރިން"

14 އޮގަސްޓު 2023 - 08:06 4

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު


ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލާ "ބަދަލު ކުޅުންތެރިން"

14 އޮގަސްޓު 2023 - 08:06 4

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

އައްސުލްތާން އިބްރާހިމް އިސްކަންދަރު 1 ގެ އަނބިކަނބަލުން، ޅައިމަގު ކަނބާ ޢާއިޝަތު އަވަހާރަވުމަށްފަހު އެ ރަދުން ދެން ކައިވެނި ބައްލަވައި ނުގަންނަވަ އެވެ. އަނބިފިރިކަމުގެ ގުޅުމަށް ގެންގުޅުއްވީ އަށް ޖާރިޔާއިންނެވެ. މީގެ ތެރެއިން އެންމެ ރީތި ޖާރީޔާއެއް ކަމަށްވީ މާލިމީ ހުސައިންގެ މަރިޔަމެވެ. ދިވެހިރާއްޖޭގެ ތާރީހުގައި މަޝްހޫރު ގޮތުންނަމަ 'އެނދިމަރިޔަބު' އެވެ. އިސްކަންދަރު ރަސްގެފާނުގެ ހަމައެކަނި ދިރިހުރި ދަރިކަލުން އައްސުލްތާން މުހައްމަދު ލިބިވަޑައިގަތީ މި ޖާރިޔާގެ ބަނޑުންނެވެ.

އިސްކަންދަރު ރަސްގެފާނު އަވަހާރަވުމުން ރަސްކަން ވާރުތަވީ އުމުރުފުޅުން އެންމެ ހަ އަހަރާއި އަށް މަހުގެ ތުއްޕުޅު މުހައްމަދަށެވެ. ދަރިކަލުންގެ ނަންފުޅުގައި، ރަސްކަމުގެ ބާރުތައް ހިންގެވީ އެނދިމަރިޔަބެވެ. ރަދުންނާއެކު، އެނދިމަރިޔަބު އަވަހާރަވުމުގެ ހާދިސާ ހިނގަންދެން އެކަން އޮތީ އެހެނެވެ.

މުލީގޭ މަނިއްޕުޅު، ނުވަތަ އައްސުލްތާން މުހައްމަދު ޝަމްސުއްދީން ރާއްޖޭގެ ރަސްކަމަށް އިސްކުރެވުނީ އެއީ އައްސުލްތާން އިބްރާހީމް ނޫރައްދީން އާއި ވެޔޮދޮށުގޭ މަނިއްޕުޅުގެ ދޮން ގޮމާގެ ދޮށީ ދަރިކަލުންނަށް ވީތީއެއް ނޫނެވެ.

ރާއްޖޭގެ ރަދުން، ހާޖީ އިމާދުއްދީން މިސްރުގެ ސުވޭހުގައި ހުންނަވަނިކޮށް، އެރަދުން ވެރިކަމުން އަޒުލުކޮށް އައްސުލްތާން މުހައްމަދު ޝަމްސުއްދީންގެ ނަމުގައި މުލީގޭ މަނިއްޕުޅު ވެރިކަމަށް އިސްކުރުވީ އަތިރީގޭ ބޭފުޅުންނެވެ. ރާއްޖޭގެ ތަހުތުގެ ހަގީގީ ބާރު އޭރު އޮތީ އަތިރީގޭ ބޭފުޅުންގެ ކިބައިގަ އެވެ. އަތިރީގެ އާމިނާ ދީދީ ނުވަތަ އާގޭ ދީދީގެ އުމުރުފުޅުން 12 އަހަރުގައި އަމީރު އިއްޒުއްދީންއާ ކުރެއްވި ކައިވެނިފުޅު ނިމުމަކަށް އައުމާއި، އެ ކައިވެނީގެ ސަބަބުން އާގޭ ދީދީގެ 'ގެއްލުނު ފުރާވަރު' ވެގެން ދިޔައީ އަތިރީގޭ ބޭފުޅުންގެ ނުރުހުން ޝަމްސުއްދީނުގެ ވެރިކަމަށް އަމާޒުވި ވަރަށް ގިނަ ސަބަބުތަކުގެ ތެރެއިން ސަބަބަކަށެވެ.

އެ ހިސާބުން، އެ ވަރުގަދަ ވެރިކަން މުލުން ލުހިގެން ދިޔައީ އެވެ. އޭރު އަތިރީގޭ ބޭފުޅުންގެ ބާރުން، ގާނޫނު އަސާސީ އެކުލަވާލާފައި އޮތީ ޝަމްސުއްދީނުގެ ދަރިކަލަކަށް ރަސްކަން ވާރުތަވެސް ނުވާނޭ ގޮތަށެވެ. ތަހުތުގައި ޝަމްސުއްދީނު އިންނަވައިގެން، ކިތަންމެ ދިގު ވެރިކަމެއް ކުރެއްވި ނަމަވެސް، ވެރިކަން ހަގީގަތުގައި ހިންގަމުން ގެންދިޔައީ އަތިރީގެއިންނެވެ.

މިއީ ރާއްޖޭގެ ތާރީހުގައި އަލަށް ހިނގި ކަމެއް ނޫނެވެ. އަދި އެފަދަ އެންމެ ފަހު މިސާލެއްވެސް ނޫނެވެ. ފަހުގެ ތާރީހަށް ބަލާށެވެ. ދެހާސް ބާރަވަނަ އަހަރު، އޭރު އޮތް ވެރިކަން ބަދަލުވުމާއެކު، ވެރިކަމަށް އިސްވީ އޭރުގެ ނާއިބު ރައީސް ޑރ.ވަހީދެވެ. އެކަމަކު ވެރިކަމުގެ ބާރުތައް ހިންގަމުން ގެންދިޔައީ ޑރ.ވަހީދުގެ ފުރިހަމަ އިހުތިޔާރުގައި ނޫންކަން ބަލާންތިބި އެންމެނަށް އޮޅުމެއް ނާރާހާ ސާފެވެ.

ރާއްޖޭގެ އިންތިހާބުތަކުގައި ވާދަކުރައްވާ ބައެއް ކެންޑިޑޭޓުން ކެމްޕޭނުގައި ބޭނުންފުޅު ކުރައްވާ ފޮޓޯތަކުގެ ފަހަތުން ބޮޑުކޮށް ފެންނާން އެހުންނަ ފޮޓޯއިން އަޅުގަނޑަށް ސިފަކުރެވެނީ، ތާޖަކާއި ތަހުތެއް ނެތި އެނދިމަރިޔަބު ކުރެއްވި ވެރިކަމެވެ. އަތިރީގޭ ބޭފުޅުން ހިންގެވި ވެރިކަމެވެ. މަގާމާ ހަވާލުވާ މީހާއަކީ ވެރިކަން ހަވާލުކުރެވޭ މީހާގެ ބަދަލުގައި ދަނޑަށް އަރުވާ ބަދަލުކުޅުންތެރިއެއް ކަމުގަ އެވެ.

ޔާމީން މިނިވަން ކުރަން މުއިއްޒު ވެރިކަމަށް؟

ސެޕްޓެމްބަރު 9 އަށް ވަގުތު ކުޑަތަންވަމުން އަންނައިރު އިދިކޮޅު ލީޑަރު ހުންނެވީ 1.1 މިލިއަން ޑޮލަރުގެ ރިޝްވަތު ނަންގަވައި އެ ފައިސާ ލޯންޑަކުރެއްވިކަން ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއްގަ އެވެ. އެންމެ ފަހު ސިކުންތާ ޖެހެންދެން ވެސް ޕީޕީއެމްގެ ތާއީދު އެހެން މީހަކަށް ދެއްވަން ދެކޮޅު ހެއްދެވި އެވެ.

ޕްލޭން އޭ, ބީ, ސީ މިހެންގޮސް އިނގިރޭސި ހުރިހާ އަކުރަކަށް ތައްޔާރުވެގެން ތިބި ކަމަށް އިދިކޮޅުން ދެއްކި ނަމަވެސް ރިޔާސީ ޓިކެޓުގައި އަބަދުވެސް އޮތީ ރައީސް ޔާމީންގެ ނަންފުޅެވެ. ނަމަވެސް, ސުޕްރީމް ކޯޓުން ކެންޑިޑެސީގެ މައްސަލަ ނާކާމިޔާބުވުމާ އެކު އަތްޕުޅުގައި އޮތް ބާރުތައް ދޫވެ ޔާމީނަށް ވެސް ޖެހިވަޑައިގެންނެވީ އިތުރު ގޮތެއް ދައްކާށެވެ.

މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މަންޒަރުގެ ކުރިއަށް ހާމައަށް ގަދަކޮށް ފެންނާން ފެށީ އެ ހިސާބުންނެވެ. ރަނގަޅު ވަގުތު ރަނގަޅު ތަނުގައި ހުންނަވައި ޕީއެންސީގެ ޓިކެޓުގައި މައި އިދިކޮޅު ރިޔާސީ ކެންޑިޑޭޓުކަން ޔަގީންކުރައްވައި ފުރުސަތު ތަނަވަސް ކުރެއްވި އެވެ.

މުއިއްޒުގެ ފަހަތުގައި އިދިކޮޅު ރުކުރުވާލައި ކެމްޕޭން ފެށި ނަމަވެސް އަދިވެސް ލީޑާޝިޕްގެ ސަމުގާއަކީ ޖަލުގައި އޮންނެވި ޔާމީނެވެ. އެކަން މުއިއްޒު ވެސް ދަނެ އެވެ.

ކެންޑިޑެސީ ފޯމު އީސީއަށް ވެއްދުމަށް ފަހު މުއިއްޒު ބޭއްވި ފުރަތަމަ ބައްދަލުވުމުގައި ވެސް ވިދާޅުވީ ވެރިކަން ލިބިއްޖެ ހާލަތެއްގައި އެންމެ ފުރަތަމަ ކުރައްވާނެ ކަމަކީ ޔާމީން މިނިވަން ކުރެއްވުން ކަމަށެވެ. މުއިއްޒުގެ މުޅި ކެމްޕޭން ބިނާވެފައި އޮތީ ޖަލުގެ ކުޑަ ގޮޅިން ޔާމީން މިންޖު ކުރުމާ އެވެ.

"އާދެ އަޅުގަނޑުމެން މި ދެންނެވީ އަޅުގަނޑުމެންގެ ހުރިހާ މަސައްކަތެއް ވެސް ކުރިއަށް ގެންދަނީ އަދި ގެންދާނީވެސް ރައީސް ޔާމީނުގެ އިރުޝާދުގެ ދަށުން ކަމަށް،" ވެރިކަން ކުރައްވާނީ ޔާމީނުގެ އިރުޝާދުގެ ދަށުންކަން ހާމަކުރައްވަމުން މުއިއްޒު މީގެކުރިން ވިދާޅުވެފައިވެ އެވެ.

ކެމްޕޭނުގައި ޔާމީނުގެ އަމަލީ ބައިވެރިވުން ނެތް ނަމަވެސް މުޅި ޕީޕީއެމްގެ ގްރާސްރޫޓު ވެސް އޮތީ ޔާމީނުގެ ފަހަތުގަ އެވެ. ޖަހަނީ އެމަނިކުފާނުގެ ކެމްޕޭނަށް ހަދާފައިވާ ލަވަތަކެވެ. ކެންޑިޑޭޓުގެ ޕޯސްޓަރުގައި ހުންނަ ކެންޑިޑޭޓުގެ ފޮޓޯއަށް ވުރެ ބޮޑުކޮށް ޕޯސްޓަރުގެ މެއިން ފޯކަސްއަކަށް ވެސް ހުންނަނީ ޔާމީނުގެ ފޮޓޯއެކެވެ.

މުއިއްޒުއަށް އިދިކޮޅުގެ ސެންޓާ ސްޓޭޖު ލިބިވަޑައިގަންނަވާ ގޮތެއް ނުވެ އެވެ. މުއިއްޒުގެ ބަދަލުގައި އިދިކޮޅުގެ ހުރިހާ ޖަލްސާއެއްގައި ވެސް ސެންޓާ ސްޓޭޖު ލިބިވަޑައިގަންނަވަނީ ޔާމީނަށްޓަކައި ހާއްސަކޮށްފައިވާ ފިޔާތޮށި ކުލައިގެ ހުސް ގޮނޑިއަށެވެ.

އިލްޔާސް ކޮށްޓަވާނީ ނަޝީދަށް ބޮޑުވަޒީރުކަން ލިބޭނެ މަގު؟

ދަ ޑިމޮކްރެޓްސްއަކީ ރައީސް ނަޝީދުގެ "ބްރެއިންޗައިލްޑް" އެކެވެ. އެމްޑީޕީގެ ތެރޭގައި މޫލާފައި އޮތް އެމަނިކުފާނުގެ އާރާއި ބާރު ދޫވެ ކުރިއަށް ދެވޭނެ އިތުރު ގޮތެއް ނެތުމުން އުފަންކުރި ޕާޓީއެކެވެ. 17 އަހަރު ބާރުގައި ހުންނެވި "ވައްކަމުގެ ހާލިން" ނުކުމެ ޑިމޮކްރަސީ އަލުން ދިރުވުމުގެ ވުޖޫދުކުރި ޕާޓީއެކެވެ.

ޕާޓީ ރެޖިސްޓްރީކޮށް ޕްރައިމަރީއަކަށް ހުޅުވާލުމުން ގިނިކަންޏާ ވާދަކުރެއްވީ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބެވެ. ފެންނަ ނުފެންނަ ވޯޓެއް ނަގައި އޭނާއަށް ޕާޓީގެ ޓިކެޓު ދިނެވެ. ރަނިން މޭޓެއްގެ ގޮތުގައި ހުންނެވީ ޓިކެޓަށް ވާދަކުރައްވާނެ ކަމަށް ބެލެވުނު އެސްޓީއޯގެ އެމްޑީގެ މަގާމުގައި މާޗު 26, އާ ހަމައަށް ހުންނެވި ހުސައިން އަމްރު އެވެ.

"އަޅުގަނޑުގެ ސިޔާސީ ޓީޗަރަކީ، އަޅުގަނޑުގެ މުދައްރިސަކީ ރައީސް ނަޝީދު. އެބޭފުޅާގެ ފަހަތުގައި އަޅުގަނޑު ކުރިއަށްދަނީ އަދި ދެންވެސް ދާން އޮތީ އެ ބޭފުޅާގެ ފަހަތުގައި. އަޅުގަނޑަށް އެބޭފުޅާގެ މައްޗަށް އެރޭނެ ގޮތެއް ނޯންނާނެ،" ވެރިކަން ލިބިއްޖެ ނަމަ ހުންނަވާނީ ނަޝީދުގެ ފަހަތްޕުޅުގައިކަން ހާމަކުރައްވަމުން ޑިމޮކްރެޓުންގެ ހަރުގޭގައި ހުންނަވައި އިލްޔާސް ވިދާޅުވެފައިވެ އެވެ.

ކެމްޕޭން ފަށައި އަތޮޅު ތެރެއަށް ދަތުރުތައް ވެސް ފަށައިފި އެވެ. އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާ ދަތުރުތަކުގައި ފްލައިޓުން އެންމެ ފުރަތަމަ ފައިބައިވަޑައިގަންނަވަނީ ނަޝީދެވެ. ރަށްރަށަށް އެންމެ ފުރަތަމަ ފައިބައިވަޑައިގަންނަވަނީ އެމަނިކުފާނެވެ. "ސިޔާސީ މުދައްރިސު" ގެ ފަހަތްޕުޅުން ވިއްދާފައި ހުންނަވާތަން ފެންނަނީ އިލްޔާސެވެ.

ޖަލްސާތަކުގެ ފޯކަސް އޮންނަނީ ކެންޑިޑޭޓަށް ވުރެ ބޮޑަށް މަޖިލިސް ރައީސަށެވެ. އެމަނިކުފާނު ދެއްވާ ސިޔާސީ ރައްދުތަކާއި ފާޑުވިދާޅުވުންތައް ސިޔާސަތު ވިއްކުމަށް ދައްކަވާ ވާހަކަފުޅުތަކަށް ވުރެ އިތުރެވެ. ސިޔާސީ ލީޑަރުންގެ ފޮޓޯ ޖަހައިގެން ކެމްޕޭން ކުރުމަށް އެންމެ ދެކޮޅަށް ވާހަކަ ދައްކާ ޕާޓީގެ ޕޯސްޓަރުތަކުގައި ކެންޑިޑޭޓާއި ރަނިން މޭޓުގެ އިތުރުން ދެން ހުންނަވަނީ އިސް ލީޑަރެވެ.

ރައީސްކަމަށް ވަޑައިގަތުމަށް ބޭނުންފުޅު ނުވާ ކަމަށް ވިދާޅުވާ ނަޝީދުގެ އަސްލު ހަގީގީ އަމާޒަކީ ނިޒާމީ ވޯޓަކަށް ގޮސް ރާއްޖޭގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށް ބޮޑުވަޒީރަކަށް ވެވަޑައިގަތުމެވެ.

"2008 ގަ ގާނޫނުއަސާސީ އެކުލަވާލުމުގެ ކުރިން ނެގި ފެންނަ ނުފެންނަ ވޯޓާ ދޭތެރޭ ވެސް އެތައް ބަޔަކު ޝައްކުގެ ނަޒަރަކުން ބަލާ. އެއީ ސައްހަ ނަތީޖާތަކެއްތޯ ނޫންތޯ. އަދި މިއަދު ވެސް ސުވާލު އުފައްދާ," އޭރު ނެގި ވޯޓާ ގުޅޭގޮތުން އިލްޔާސް ވިދާޅުވެފައިވެ އެވެ.

ރައީސްކަމަށް އިންތިހާބުވެއްޖެ ނަމަ އިލްޔާސް މެދުވެރިކޮށް, ނަޝީދު އެ މަގު ކޮށްޓަވާނެ އެވެ. އެ ނޫން ނަތީޖާއެއް އެ ވެރިކަމުން ފެންނާނެ ކަމަށް ދެކޭނެ ޖާގަ ހަންޏެވެ.

"ޑިމޮކްރެޓުންގެ ސަރުކާރެއްގައި އަޅުގަނޑުމެން ރައްޔިތުންނާ ހަމައަށް އެ ފުރުސަތު ހުޅުވައި ދޭނަން. އެ ބޭފުޅުން ބޭނުންވަނީ ކިހިނެތްތޯ ދެނެގަތުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް. އެ ޖާގަ އަޅުގަނޑުމެން ރައްޔިތުންނާ ހަމައަށް ގެންގޮސްދޭނަން," ނިޒާމީ ވޯޓާ ގުޅޭގޮތުން އިލްޔާސް މީގެކުރިން ވިދާޅުވެފައިވެ އެވެ.

ޑިމޮކްރެޓުން އުފެެދުނު މައިގަނޑު އެއް އަސާސަކީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމެވެ. އެ މަގަށް ބޭނުންވާ ގޮތަށް މަޖިލިސް އެކުލެވޭ ގޮތް ބަދަލުކުރުމަށް ގާނޫނު އަސާސީއަށް ވެސް އެ ޕާޓީން ވަނީ އިސްލާހުތަކެއް ހުށަހަޅާފަ އެވެ. ރައީސްކަމަށް އިލްޔާސް އިންތިހާބުވާ ހާލަތުގައި ވެސް އަދި އިންތިހާބު ނުވާ ހާލަތުގައި ވެސް ޑިމޮކްރެޓުންގެ އެންމެ ބޮޑު އެއް އަމާޒަކަށް އޮންނާނީ ވެރިކަމުގެ ނިޒާމު ބަދަލުކުރުމެވެ. އެކަމާ ގޮތް ނިންމާނީ ރައްޔިތުންނެވެ.

ރައީސް މައުމޫންގެ ލެގަސީގައި ފާރިސް؟

ޑރ. މުއިއްޒުއާއި އިލްޔާސްގެ ފަހަތުން ރޫހާނީ އެހެން ލީޑަރުންތަކެއް ތިބެ 'އެނދިމަރިޔަބު' ކުރިފަދަ ވެރިކަމެއް އެހެން މީހަކު ކުރާތަން ފެނުމަކީ ވަރަށް ގާތް ކަމެކެވެ. އެހެނަސް، ފާރިސް މައުމޫންގެ ވެރިކަން 'އެނދިމަރިޔަބު' ކުރި ވެރިކަމަށްވުރެ ގާތީ އަތިރީގޭ ބޭފުޅުން ކުރި ވެރިކަމާއި ގާތްވުމުގެ މަންޒަރެވެ. ކިނބިގަސްދޮށުގޭ ރައީސް މައުމޫންގެ ބާރާއި ނުފޫޒު ވެރިކަމުގައި ނޯންނާނޭ ކަމަށް ދެކެން އުނދަގުލެވެ.

"އަހްމަދު ފާރިސް މައުމޫނަށް އަޅުގަނޑު ތާއީދު ކުރަނީ އޭނާއަކީ އަޅުގަނޑުގެ އުފަން ދަރިއަކަށް ވީމައެއް ނޫން" ފާރިސްއަށް ތާއީދު އިއުލާން ކުރައްވަމުން ރައީސް މައުމޫން ދޫކޮށްލެއްވި ވީޑިއޯ ފަށްޓަވަނީވެސް އެ ވާހަކައިންނެވެ. އެހެންނަމަވެސް، އިންތިހާބަށް ކުރިމަތިލުމާއި ހަމައަށް ފާރިސް ހުންނެވީ ރައީސް މައުމޫންގެ މޯލްޑިވްސް ރިފޯމް މޫވްމެންޓުގެ ރައީސްގެ މަގާމުގަ އެވެ.

އެމްއާރްއެމް އަކީ ރައީސް މައުމޫންގެ އަތުން ޕީޕީއެމް ބީވުމުން އެމަނިކުފާނު އުފެއްދެވި ޕާޓީއެވެ. އޭރު ޕާޓީ ބީވުމުގެ ފަހަތުގައި، ފާރިސް އަށް 2018 ވަނަ އަހަރުގެ ޕީޕީއެމްގެ ޓިކެޓު ދިނުމަށް ރައީސް މައުމޫން މަސައްކަތް ކުރައްވާ ކަމަށް ފެތުރުނު އަޑުތަކާއި ގުޅުމެއްވެ އެވެ. އޭގެ ފަހުން އެމަނިކުފާނު އުފެއްދެވީ އެމްއާރްއެމް އެވެ.

އެމްއާރްއެމްގެ އަބަދުމެވެސް ޒައީމަކީ ރައީސް މައުމޫނެވެ. ޕާޓީގެ ރައީސް ކަމުގެ މަގާމާއި ފާރިސް ހަވާލުވިނަމަވެސް، ޕާޓީގެ ހިންގުމުގެ ހުރިހާ ބަހެއް ވެސް ވިދާޅުވަނީ ރައީސް މައުމޫންކަމަށް ބެލެވެ އެވެ. އެހެންކަމުން، ފަރުދާގެ ފަހަތުން ފާރިސްގެ ވެރިކަމަށް މައުމޫންގެ ނުފޫޒު އޮންނާނެ ބުނުމުގެ ޖާގަ އެބައޮތެވެ.

'އެނދިމަރިޔަބު' އާއި ޝަމްސުއްދީންގެ ޒަމާނުގައިވެސް ވެރިކަމުގެ އާރާއި ބާރު ހިފެހެއްޓެނީ މަދު ބަޔަކު ފަހަތުގައި ތިބެ ވެރިކަމަށް އަތްގަދަކޮށްގެންނެވެ. ވެރިކަމުގެ ފޮނި މީރުކަން ލިބިގަތުމުގައި އެމީހުން އަބަދުމެހެން ޝާމިލްވެގެންނެވެ.

ޒަމާނީ ޑިމޮކްރަސީ ރާއްޖެއަށް ތައާރަފްކުރެވުނަސް، އޭރުގެ ހަގީގަތް އެންމެ އެކަށޭނެގޮތަށް ބަދަލު ކުރެވިއްޖެ ކަމަށް ގަބޫލުކުރަން ދައްޗެވެ. ވެރިކަމަކީ މިހާރު އިންތިހާބަކުން ލިބޭ އެއްޗެއް ނަމަވެސް، އަދިވެސް ފެންނަނީ ކުރިމަތިލައްވާ ބޭފުޅުންގެ ފަހަތުގައި 'އެނދިމަރިޔަބު' ނުވަތަ އަތިރީގޭ ބޭފުޅުން ގެންގުޅުއްވި ފަދަ ސިޔާސީ އަތްގަދަ ކުރުމެއް އޮތް މަންޒަރެވެ.