Advertisement

ޕީޕީއެމްއާ ކޯލިޝަން ހެދުން ފަސޭހައެއް ނޫން، ނިންމާނީ ޕާޓީން: ޑިމޮކްރެޓްސް

13 އޮގަސްޓު 2023 - 14:06 1

ނިމާ ހަސަން

ނިމާ ހަސަން

ޑިމޮކްރެޓްސްގެ ކެމްޕޭން ތަރުޖަމާނު އިމްތިޔާޒް ފަހުމީ; ޕީޕީއެމާ ކޯލިޝަން ހެދުން ޕާޓީގެ އާންމު މެންބަރުންނަށް ފަސޭހަ ނުވާނެ ކަމަށް ވިދާޅުވި -- ފޮޓޯ: އިޔާން /އަދަދު


ޕީޕީއެމްއާ ކޯލިޝަން ހެދުން ފަސޭހައެއް ނޫން، ނިންމާނީ ޕާޓީން: ޑިމޮކްރެޓްސް

13 އޮގަސްޓު 2023 - 14:06 1

މި އަހަރުގެ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރެއްގައި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއާއެކު ކޯލިޝަން ހެދުމަކީ ދަ ޑިމޮކްރެޓްސްގެ އާންމު މެމްބަރުންނަށް ފަސޭހަ ނުވާނެ ކަމަށް ދަ ޑިމޮކްރެޓްސްގެ ކެމްޕެއިން ތަރުޖަމާނު އިމްތިޔާޒް ފަހުމީ މިއަދު ވިދާޅުވެއްޖެ އެވެ.

ޑިމޮކްރެޓްސްގެ ޕާޓީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "އަދަދު" ނޫހުން ކުރި ސުވާލަށް ޖަވާބު ދެއްވަމުން އިމްތިޔާޒް ވިދާޅުވީ ޑރ. މުއިއްޒުއާއެކު ކޯލިޝަން ހެދުމަކީ އެ ޕާޓީގެ އާންމު މެންބަރުންނަށް ފަސޭހަ ކަމަކަށް ނުވި ނަމަވެސް, އެއީ އެ ހާލަތު އައިސްފި ނަމަ ޕާޓީން ނިންމަންޖެހޭނެ ނިންމުމެއް ކަމަށެވެ.

އިމްތިޔާޒް ވިދާޅުވި ގޮތުގައި ޑރ. މުއިއްޒުއާ ކޯލިޝަން ހެދުމާއި ނުހެދުމަކީ މުޅި ޕާޓީން ނިންމާނެ ނިންމުމެއް ކަމަށެވެ.

ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ކޯލިޝަން ހެދުމުގެ ވާހަކަ ދައްކާއިރު, މިފަހުން އެ ޕާޓީގެ ބާނީ ރައީސް މުހައްމަދު ނަޝީދު ވަނީ, ޑިމޮކްރެޓްސް ދެ ވަނަ ބުރަކަށް ނުގޮސްފާނެ ކަމަށް ބެލެވޭ ފަދަ މޭރުމަކުން ވާހަކަ ދައްކަވައިފަ އެވެ.

"އަޅުގަނޑު މިރޭ ޕީޕީއެމްގެ މެމްބަރުންގެ ގާތުގައި އިހުލާސްތެރިކަމާ އެކުގައި ދަންނަވަން އޮތް ނުކުތާއެއް އެބަ އޮތް. ދެވަނަ ބުރެއްގައި އަޅުގަނޑުމެން ލައްވާ އެމްޑީޕީއަށް ވޯޓުދޭން ޖެހޭ ގޮތެއް ތިޔަ ބޭފުޅުން ނުހައްދަވާތި،" މިދިޔަ ހަފްތާގައި ފުވައްމުލަކުގައި ބޭއްވި ޖަލްސާއެއްގައި ނަޝީދު ވިދާޅުވި އެވެ.

އެކަމާ ބެހޭގޮތުން އިމްތިޔާޒް ވިދާޅުވީ ކެމްޕެއިނުގައި އެކި ރަށްތަކަށް ދަތުރުކުރާއިރު, އެ ޕާޓީއަށް އޮތް ސަޕޯޓު ފެންނަމުންދާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ޕާޓީން ފުރަތަމަ ބުރަށް ކެމްޕެއިން ކުރަމުން ދަނީ ކާމިޔާބު ވާނެ ކަމުގެ ވަރަށް ބޮޑު އިތުބާރަކާއެކު އެވެ. އަދި އެ ނޫން ގޮތަކަށް ނުވެސް ވިސްނަވާ ކަމަށް އިމްތިޔާޒް ވިދާޅުވި އެވެ.

އެހެން ނަމަވެސް ދެ ވަނަ ބުރުގެ ވޯޓުލުން އޮންނާނެ ގޮތް އެއަށް ވުރެ އަދި ސާފުކޮށް ތަސައްވުރު ކުރައްވަމުން ނަޝީދު ފުވައްމުލަކުގައި ވިދާޅުވި ގޮތުގައި އެ ބުރުގައި ތިއްބަވާނެ ކެންޑިޑޭޓުން ކަނޑައެޅޭނީ ޕީޕީއެމްގެ މެމްބަރުން ވޯޓު ދޭ ގޮތެއްގެ މައްޗަށެވެ.

"ޑިމޮކްރެޓުން އެމްޑީޕީއަށް ވޯޓު ލާން ޖެހޭ ގޮތަކަށް އެ ބުރުގެ ކަންތައް ތިޔަ ބޭފުޅުން ނުބާއްވަވާތި. މިއަދު ޕީޕީއެެމްއަށް އެކަން އެހެން ކޮށްދެވެން އެބަ އޮތް،" ނަޝީދު ވިދާޅުވި އެވެ.

ޑރ. މުއިއްޒު ވެސް ގެންދަނީ ރިޔާސީ ކެމްޕޭނަށް ރަށްރަށަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވަމުންނެވެ. އިދިކޮޅު ޕީޕީއެމް/ޕީއެންސީން ވަނީ އެ ޕާޓީން އެހެން ކެންޑިޑޭޓެއްގެ ފަހަތަށް ފުރަތަމަ ބުރުގައި ނާރާނެ ކަން ހާމަކޮށްފަ އެވެ.