Advertisement

ޓޮޓެންހަމް ދޫކޮށް ކޭން ބަޔާން މިއުނިކަށް

12 އޮގަސްޓު 2023 - 18:33 0


ޓޮޓެންހަމް ދޫކޮށް ކޭން ބަޔާން މިއުނިކަށް

12 އޮގަސްޓު 2023 - 18:33 0

މިއުނިކް (އޮގަސްޓް 12) - އިންގްލެންޑްގެ ކެޕްޓަން ހެރީ ކޭން ޓޮޓެންހަމް ހޮޓްސްޕާ ދޫކޮށް، ޖަަރުމަންގެ ބަޔާން މިއުނިކް އަށް ބަދަލުވެއްޖެ.

ޓޮޓެންހަމްގައި 20 އަހަރު ހޭދަކޮށްފައިވާ ކޭން ބުނީ ބަޔާނަށް އޭނާ ބަދަލުވީ ޓޮޓެންހަމް "ދޫކޮށްލަން ޖެހޭ ވަގުތު ޖެހިއްޖެ" ކަމަށް ގަބޫލުކުރެވުމުން ކަމަށެވެ.

ކޭން ބުނީ އުމުރުން 11 އަހަރުން ފެށިގެން ޓޮޓެންހަމްގައި ހުރުމަށް ފަހު، އެ ކްލަބު ދޫކޮށްލުމަކީ ފަސޭހަކަމެއް ނޫން ކަމަށެވެ.

"އަހަރެންގެ އުމުރުގެ 20 އަހަރު ހޭދަކުރި ކްލަބު ދޫކޮށްލުމަކީ ފަސޭހަކަމެއް ނޫން. އުމުރުން 11 އަހަރުން ފެށިގެން، 30 އަހަރުވަންދެން އަހަރެން ހުރީ ޓޮޓެންހަމްގައި. ދުވަހަކުވެސް ހަނދާން ނުނެތޭނެ ދުވަސްތަކެއް މި ކްލަބާއެކު ވަނީ ހޭދަކުރެވިފައި،" ކޭން ،30، ބުންޏެވެ.

ބަޔާން އާއި ޓޮޓެންހަމްގެ މެދުގައި ދިގު ދެމިގެންދިޔަ މަޝްވަރާތަކަކަށް ފަހު، ކޭންގެ ޓްރާންސްފާ އަށް ދެ ކްލަބުގެ މެދުގައި އެއްބަސްވުމަކަށް އާދެވުނީ ބުރާސްފަތި ދުވަހުއެެވެ. ރިޕޯޓްތަކުން ބުނާގޮތުގައި ކޭން ބަޔާނަށް ބަދަލުވީ 100 މިލިއަން ޔޫރޯގެ ޓްރާންސްފާ ފީއަކަށެވެ. އަދި އިތުރު "އެޑްއޮން"ތަކާ އެކު، މި އަދަދު 110 މިލިއަން ޑޮލަރަށް އެރުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

ޓޮޓެންހަމްގެ ޗެއާމަން ޑެނިއެލް ލެވީ ބުނީ އެ ކްލަބުން ކޭން ދޫކޮށްލީ "ހިތާ ދެކޮޅަށް" ކަމަށެވެ.

"ކޭންގެ ކޮންޓުރެކްޓް އާކުރަން މި ކްލަބުން ވަރަށް ގިނަ މަސައްކަތްތަކެއްކުރި. އެކަމަކު އާ ޗެލެންޖެއް ބޭނުންވާކަން ކޭން ވަނީ ވަރަށް ސާފުކޮށް ކްލަބަށް އަންގައިފަ،" ލެވީ ބުންޏެވެ.

ކޭން ޓޮޓެންހަމް ދޫކޮށްލިއިރު، އޭނާ އަކީ އެ ކްލަބުގެ ތާރީހުގައި އެ ޓީމަށް އެންމެ ގިނަ ލަނޑު ޖަހާފައިވާ ކުޅުންތެރިޔާއެވެ. ކޭން ވަނީ 435 މެޗުން 280 ލަނޑު ޖަހައިފައެވެ. އަދި އޭނާ ވަނީ ޕްރިމިއާ ލީގުގެ ރަންބޫޓު ތިން ފަހަރު ހޯދައިފަ އެވެ.