Advertisement

ޔާމީނުގެ ހުކުމް ތަންފީޒުކުރުން ފަސްކުރުމާ މެދު އާދީއްތަ ދުވަހު ގޮތެއް ނިންމަނީ

10 އޮގަސްޓު 2023 - 17:37 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ރައީސް އަބްދުﷲ ޔާމީން ޝަރީއަތަކަށް ހާޒިރުކުރަން މާފުށީ ޖަލުން މާލެ ގެންނަވައި ކޯޓަށް ވައްދަވަން ކަރެކްޝަންސްގެ ވެހިކަލުން ފާބައިގެން ވަޑައިގަންނަވަނީ - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


ޔާމީނުގެ ހުކުމް ތަންފީޒުކުރުން ފަސްކުރުމާ މެދު އާދީއްތަ ދުވަހު ގޮތެއް ނިންމަނީ

10 އޮގަސްޓު 2023 - 17:37 0

އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފު ނިމެންދެން އެ ހުކުމް ތަންފީޒުކުރުން ފަސްކުރުމަށް އެދި ޔާމީނުގެ ފަރާތުން ހުށަހަޅުއްވާފައިވާ ހުށަހެޅުއްވުމަށް އާދީއްތަ ދުވަހު ގޮތެއް ނިންމަން ހައިކޯޓުން ނިންމައިފި އެވެ.

ހައި ކޯޓުގައި މި މައްސަލަ ބައްލަވަނީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު މުހައްމަދު ސަލީމެވެ. ދެން ތިއްބެވީ ފަނޑިޔާރު ހަސަން ޝަފީއާއި، ފަނޑިޔާރު ހުޒައިފާ މުހައްމަދެވެ.

އިސްތިއުނާފު މައްސަލާގައި މިއަދު ކުރިއަށްދާ އަޑުއެހުމުގައި އޮތް ކަމަކީ، ހުކުމް ތަންފީޒުކުރުން ފަސް ކުރުމަށް ޔާމީންގެ ފަރާތުން ހުށަހަޅުއްވާފައިވާ ހުށަހެޅުއްވުމަށް ވާހަކަ ދެއްކުމެވެ. ޔާމީނުގެ ވަކީލުންނާއި، ދައުލަތުގެ ވަކީލުން ،އެ ހުށަހެޅުމަށް ގާތްގަނޑަކަށް ދެ ގަޑިއިރާއި 30 މިނެޓު ބަހުސްކުރެއްވި އެވެ.

ދެ ފަރާތަށް ވާހަކަ ދެއްކުމަށް ފުރުސަތުތަކެއް ދިނުމަށް ފަހު، ރިޔާސަތުން ފަނޑިޔާރު މުހައްމަދު ސަލީމް ވިދާޅުވީ އެ ކަމުގައި ގޮތެއް ނިންމަވަން އަންނަ އާދީއްތަ ދުވަހު އަޑުއެހުމެއް ބާއްވާނެ ކަމަށެވެ.

ޖިނާއީ މައްސަލަތަކުގައި ކަފާލާތު ދެވެން ނެތް ކަމަށް އަދި ޖަލު ހުކުމް ތަންފީޒުކުރުން ފަސްކުރެވޭނެ ހަމައެއް ރާއްޖޭގެ ގާނޫނުތަކުގައި ބަޔާން ކޮށްފައި ނެތް ކަމަށް އެންމެ މަތީ މަރުހަލާގެ ކޯޓު، ސުޕްރީމް ކޯޓުން ކަނޑައަޅާފައި ވެ އެވެ. އެއީ ވެސް، މީގެ ކުރިން ޔާމީން ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ހުކުމެއްގެ އިސްތިއުނާފެއްގަ އެވެ. އެ ހުކުމް ސުޕްރީމް ކޯޓުން ބާތިލްކުރި އެވެ.

ދައުލަތުގެ ވަކީލުން މިއަދު މައިގަނޑު ގޮތެއްގައި ފާހަގަ ކުރެއްވީ އެ ނުކުތާ އެވެ. ސުޕްރީމް ކޯޓުން އެ ފަހަރު، ޖޫރިމަނާގެ ހުކުމް ތަންފީޒުކުރުން ފަސްކުރަން އަމުރު ނެރެދިނެވެ. ދައުލަތުގެ ވަކީލުން މިއަދު ވަކާލާތު ކުރެއްވީ އެ ކަމަށް ޔާމީނަށް އެދެވޭނީ ފައިސާ ހޯދަން އޭޖީ އޮފީހުން ސިވިލް ކޯޓަށް ގޮސްފިނަމަ، މަދަނީ އިޖުރާއަތުގެ ތެރެއިން ކަމަށެވެ.

ޔާމީންގެ ވަކީލުން ގަބޫލުކުރައްވާ ގޮތުގައި ކަފާލާތުގެ އިޖުރާއަތްތައް ބަޔާންކޮށްފައިވާ ގާނޫނެއް ނެތުމަކީ، އެ ހައްގު ނުދެވެންވީ ސަބަބެއް ނޫނެވެ. އަދި މީގެ ކުރިން ސުޕްރީމް ކޯޓުން ވެސް ޖޫރިމަނާގެ ހުކުމެއް ތަންފީޒުކުރުން ފަސް ކުރުމުން އެ ބައި ފަސްކުރެވޭނެ ކަމަށް ވަކާލާތު ކުރެއްވި އެވެ.

ޔާމީނަށް ވާހަކަ ދައްކަވަން ދެއްކެވި އެ ފުރުސަތުގައި އެމަނިކުފާނު އެދިވަޑައިގަތީ އެމަނިކުފާނުގެ ސިއްހީ ހާލަތަށް ރިއާޔަތް ކޮށްދެއްވައި ގޭބަންދަށް ބަދަލުކޮށްދިނުމަށެވެ.

ޔާމީނުގެ ވެރިކަމުގައި ހިނގި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ތެރެއިން ވ. އާރަށް ކުއްޔަށް ދޫކުރުމުގައި އެމަނިކުފާނު 1.1 މިލިއަން ޑޮލަރުގެ ރިޝްވަތު ނަންގަވައި އެ ފައިސާ ލޯންޑަކުރެއްވި ކަމުގެ ތުހުމަތުގައި އުފުލި ދައުވާތައް ސާބިތުވާ ކަމަށް ކަނޑައެޅުމަށް ފަހު ކްރިމިނަލް ކޯޓުން އިއްވީ 11 އަހަރުގެ ޖަލު ހުކުމަކާއި، ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް ދެއްކުމަށެވެ.

ހުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރެއް ނެރެދިނުމަށް އެދިފައިމިވަނީ، ކްރިމިނަލް ކޯޓުން ކުރި ހުކުމުގެ ދަށުން ހަ މަސް ދުވަހުގެ ތެރޭގައި ދައްކަން ޖެހޭ ފަސް މިލިއަން ޑޮލަރު ނުދައްކާ އޮތުމުން އެ ފައިސާ ހޯދުމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅާފައިވަނިކޮށެވެ.

އަދި ޔާމީން ޖަލުގައި ހުންނަވާތީ، ޕީޕީއެމް/ޕީއެންސީގެ މުހިންމު ނިންމުންތައް ނިންމުމުގައި އެމަނިކުފާނާ މުއާމަލާތް ކުރުމުގައި ދަތިތަކެއް ކުރިމަތިވާތީ އިދިކޮޅު ދެ ޕާޓީ ހިމެނޭ ޖޮއިންޓް ސެނެޓުގެ ތެރޭގައި އެ ކަންބޮޑުވުންތައް ވެސް ބޮޑުވެފައިވާ ދަނޑިވަޅެއްގަ އެވެ.

ޔާމީނަށް ވާދަނުކުރެވޭ ހާލަތަކަށް ތައްޔާރަށް ބެހެއްޓި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު އަދި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިހާރު ގެންދަވަނީ ރިޔާސީ ކެމްޕެއިނަށް ތައްޔާރުވަމުންނެވެ. މުއިއްޒު ވެސް ވަނީ ޔާމީން ގޭބަންދަށް ބަދަލުކޮށްދިނުމަށް ސަރުކާރަށް ގޮވާލައްވައިފަ އެވެ.

ޔާމީނަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ހުކުމް ހައި ކޯޓުގައި އިސްތިއުނާފު ކުރި އިރު ވެސް ސިޓީއެއް މެދުވެރިކޮށް ހުކުމް ތަންފީޒުކުރުމަށް އެދުނެވެ. ނަމަވެސް އެއީ އެ ކަމަކަށް އެދި ހުށަހަޅަން އޮންނަ އިޖުރާއަތުގެ ތެރެއިން، އޮންނަ ގޮތް ނޫން ކަމަށް ބުނެ ހައި ކޯޓުން އޭރު ޖަވާބު ދީފައި ވެ އެވެ.

ޔާމީންގެ ވަކީލުން މިއަދު ވިދާޅުވި ގޮތުގައި ސާފުނުވެ ދިޔަ ކަމަކީ ހައި ކޯޓުގައި ހިމެނޭ ޖިނާއީ އިޖުރާއަތުގެ ފޯމުތަކުގެ ތެރޭގައި ހުކުމް ތަންފީޒުކުރުން ފަސްކުރުމަށް އެދޭ ފޯމު ނުހިމެނޭތީ، މަދަނީ އިޖުރާއަތުގައި ހިމެނޭ ހުކުމް ތަންފީޒުކުރުން ފަސްކުރުމަށް އެދޭ ފޯމުން އެ ކަން ކުރެވޭނެތޯ ނުވަތަ ނުކުރެވޭނެތޯ އެވެ.

މީގެ ކުރިން އިސްތިއުނާފު ޝަރީއަތުގެ ހަތަރު އަޑުއެހުމެއް ބޭއްވިއިރު ވެސް ވަކީލުންގެ ފަރާތުން އެކަން ފާހަގަނުކޮށް ދިޔުމުން ފަނޑިޔާރުން މިއަދު ސުވާލު ވެސް ކުރެއްވި އެވެ. ޔާމީނުގެ ވަކީލުން އޭގެ ޖަވާބުގައި ވިދާޅުވީ އޭރު ބޮޑަށް ބޭނުންވީ މައްސަލަ އަވަހަށް ނިންމުން ކަމަށެވެ. އެހެންވެގެން އިތުރު ހުށަހެޅުންތައް ކުރިއަށް ގެންދަން އޭރު ޕްރެޝަރު ކުރަން ބޭނުން ނުވީ ކަމަށް ވަކީލުން ވިދާޅުވި އެވެ.