Advertisement

ވިޒިޓް މޯލްޑިވްސް ޕްރޯ 2023: އާމިން ޖޫނިއާ ބައިގެ ކުއާޓާ ފައިނަލަށް!

9 އޮގަސްޓު 2023 - 09:46 0

އިސްމާއީލް އަޒްމީން

އިސްމާއީލް އަޒްމީން

އާމިން ގައުމީ ދިދަ ހިފައިގެން އުފާފާޅުކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


ވިޒިޓް މޯލްޑިވްސް ޕްރޯ 2023: އާމިން ޖޫނިއާ ބައިގެ ކުއާޓާ ފައިނަލަށް!

9 އޮގަސްޓު 2023 - 09:46 0

ވިޒިޓް މޯލްޑިވްސް ޕްރޯ 2023ގެ ޖޫނިއާ ޑިވިޝަންގެ ކުއާޓާ ފައިނަލުން ރާއްޖޭގެ އާމިން އުމަރު މޫސާ ޖާގަ ހޯދައިފި އެވެ.

މިމަހުގެ ތިން ވަނަ ދުވަހު މާލޭގެ ވަރުނުލާ ރާޅުގަނޑުގައި ފެށި މުބާރާތުގައި މިހާތަނަށް ޖޫނިއާ ބައިގެ ތިން ބުރުގެ ހީޓުތައް ވަނީ ނިމިފަ އެވެ.

މިހާތަނަށް ކުރިއަށްދިޔަ ހީޓުތަކުން ކުރި ހޯދައި ކުއާޓާ ފައިނަލުން ޖާގަ ހޯދި އެތުލީޓުންނަކީ އާމިންގެ އިތުރުން، ޕޯޗުގަލްގެ އެޑުއާޑޯ މަކޭޑޯ، މިދިޔަ އަހަރުގެ ޖޫނިއާ ބައިގެ ދުނިޔޭގެ ޗެމްޕިއަންކަން ހޯދި ސްޕެއިންގެ ޚޯރްހޭ ހެނާންޑޭޒް، އޮސްޓްރޭލިއާގެ ރްޔާން ހިލް-ސްމިތު، ސްޕެއިންގެ އެލެގްޒަންޑާ މޮންޓޭސް، ސައުތު އެފްރިކާގެ ހޫގޯ ނައުޑޭ، ބްރެޒިލްގެ ގުއިލާމޭ މޮންޓެނީގްރޯ އަދި ސްޕެއިންގެ ގަޑިއެލް ރޮމާނޯ އެވެ.

އާމިން ކުއާޓާގެ ޖާގަ ހޯދީ ތިން ވަނަ ބުރުގެ ހީޓު އެކަކުން އެއްވަނަ ހޯދައިގެންނެވެ. މި ހީޓުގައި އާމިން 12.25ގެ ސްކޯއެއް ހޯދިއިރު، އޮސްޓްރޭލިއާގެ ރްޔާން އަށް ލިބުނީ 8.40ގެ ސްކޯއެކެވެ. ހީޓުން ފުލަށް ގޮސް ކެޓި މުހައްމަދު ޝިބްތު އަށް ލިބުނީ 2.55ގެ ސްކޯއެކެވެ.

މިދިޔަ އަހަރު ދުނިޔޭގެ ޖޫނިއާ ޗެމްޕިއަންކަން ހޯދި ސްޕެއިންގެ ހޯރްހޭ ތިން ވަނަ ބުރުގެ ހީޓު ދޭއް ކާމިޔާބުކުރީ ޕޯޗުގަލްގެ އެޑުއާޑޯ އާއި ސްޕެއިންގެ ގެބްރިއެލް މެޑޯޒާ ބަލިކޮށްގެންނެވެ. ހޯރްހޭ 12.40ގެ ސްކޯއެއް ހޯދިއިރު، އެޑުއާޑޯ ހޯދީ 11.65ގެ ސްކޯއެކެވެ. ޖޫނިއާ ބައިން ކެޓި މެންޑޯޒާ އަށް ލިބުނީ 11.25ގެ ސްކޯއެކެވެ.

ތިން ވަނަ ބުރުގެ އަނެއް ދެ ހީޓުގައި ރާއްޖޭގެ ބޮޑީބޯޑަރުން ވާދަކުރި އެވެ. މިގޮތުން ހީޓު ތިނެއްގައި ވާދަކޮށް ރާއްޖޭގެ މުހައްމަދު ޖަރީޝް އަށް ލިބުނީ 7.25ގެ ސްކޯއެކެވެ. މި ހީޓުން އެއްވަނަ ސްޕެއިންގެ މޮންޓޭސް ހޯދީ 10.35ގެ ސްކޯއަކުންނެވެ. ދެވަނަ ހޯދި ސްޕެއިންގެ ގަޑިއެލް އަށް ލިބުނީ 9.50ގެ ސްކޯއެކެވެ.

ފަހު ހީޓުގައި ރާއްޖޭގެ އުއްމީދީ ބޮޑީބޯޑަރު އިޔަން އަހުމަދު ވާދަކުރި އެވެ. އޭނާ އަށް ހޯދުނީ 6.50ގެ ސްކޯއެކެވެ. މި ހީޓުން އެއްވަނަ ހޯދި ބްރެޒިލްގެ މޮންޓެނެގްރޯ އަށް 12.65ގެ ސްކޯއެއް ލިބުނުއިރު، ދެވަނަ ހޯދި ސައުތު އެފްރިކާގެ ހޫގޯ އަށް ލިބުނީ 11.75ގެ ސްކޯއެކެވެ.

ޖޫނިއާ ބައިގެ ކުއާޓާ ފައިނަލުގައި އާމިން ނުކުންނާނީ ޕޯޗުގަލްގެ އެޑުއާޑޯއާ ދެކޮޅަށެވެ.

އާމިން ވަނީ މިދިޔަ އަހަރު އޮތް ވިޒިޓް މޯލްޑިވްސް ޕްރޯގެ ޖޫނިއާ ބައިގެ ފައިނަލުގައި ވާދަކޮށްފަ އެވެ. އާމިން ވެފައިވަނީ އިންޓަނޭޝަނަލް ބޮޑީބޯޑިން ކޯޕަރޭޝަން (އައިބީސީ)ގެ އިވެންޓެއްގެ ފައިނަލެއްގައި ވާދަކުރި ފުރަތަމަ އަދި ހަމައެކަނި ބޮޑީބޯޑަރަށެވެ.