30 ޖުލައި 2023 - 13:43 0
މަރިޔަމް އަފާ ނިޒާމް
ޖަޕާނާއި ރާއްޖެއާއި ދެމެދު މަޝްވަރާތައް ކުރުމުގެ ތެރެއިން -- ފޮޓޯ: ފޮރިން މިނިސްޓްރީ
30 ޖުލައި 2023 - 13:43 0
ޖަޕާނުން ރާއްޖެއަށް ސްކޮލާޝިޕްތަކަކާއި ވިސާގެ ލުއި ދޭން ނިންމައި އެއްބަސްވުންތަކެއްގައި ސޮއިކޮށްފި އެވެ.
ފޮރިން މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި މި އެއްބަސްވުންތަކުގައި ރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ. ޖަޕާނުގެ ފަރާތުން ސޮއިކުރެއްވީ ރޭގެ ވަގުތެއްގައި ރާއްޖެ ވަޑައިގަތް އެ ގައުމުގެ ފޮރިން މިނިސްޓަރު ހަޔާޝީ ޔޮޝިމަސާ އެވެ.
މިނިސްޓަރު ހަޔާޝީ ރާއްޖެއަށް ވަޑައިގެންނެވީ ދެ ދުވަހުގެ ރަސްމީ ދަތުރުފުޅެއްގަ އެވެ. ޖުލައި 29 އިން 30 އަށް ކުރައްވާ އެ ދަތުރުފުޅަކީ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުالله ޝާހިދުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.
ޖަޕާން ސަރުކާރުން ރާއްޖެއަށް ދޭން ނިންމާފައިވަނީ ހިއުމަން ޑިވެލޮޕްމެންޓު ސްކޮލާޝިޕްތަކެކެވެ. އަދި ޑިޕްލޮމެޓިކް އަދި އޮފިޝަލް ޕާސްޕޯޓަށް 90 ދުވަހުގެ މުއްދަތަށް ވިސާގެ ޝަރުތުތައް އިސްތިސްނާ ކުރުމަށް ވެސް ދެ ގައުމުން ވަނީ އެއްބަސްވެފަ އެވެ.
މި ދަތުރުފުޅުގައި މިނިސްޓަރު ހަޔާޝީ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީއާ ވެސް ބައްދަލުކުރައްވާނެ އެވެ. އަދި, އެމްއެންޑީއެފަށް ފަޔާބޯޓަކާއި އައިސީޓީ އާލާތްތައް ހަދިޔާ ކުރުމުގެ ރަސްމިއްޔާތުގައި ވެސް ޖަޕާނުގެ މިނިސްޓަރު ހަޔާޝީ ބައިވެރިވެވަޑައިގަންނަވާނެ އެވެ.
މިނިސްޓަރު ހަޔާޝީ ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި, ޖަޕާނު ސަރުކާރުގެ އެހީގައި މާލޭގައި އިމާރާތްކޮށްފައިވާ ކަލާފާނު ސްކޫލަށް ޒިޔާރަތް ކުރައްވާނެ އެވެ. އަދި ޖަޕާނާއި ރާއްޖެ ގުޅުމުގެ ރަމްޒެއްގެ ގޮތުން ބަހައްޓާފައުވާ ޓެޓްރާޕޮޑް މޮނިއުމެންޓް ބައްލަވާލައްވަން ވެސް ވަޑައިގަންނަވާނެ އެވެ.
މިއީ ޖެނުއަރީ 2018 ގައި, އޭރު ޖަޕާނުގެ ފޮރިން މިނިސްޓަރުގެ މަގާމުގައި ހުންނެވި ޓަރޯ ކޮނޯ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގެ ފަހުން ޖަޕާން ސަރުކާރުގެ އިސްވެރިޔަކު ރާއްޖެއަށް ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
Comment