Advertisement

އިންތިހާބުގައި ވަކިން ވާދަކުރުމަކީ ރައްޔިތުންނަށް ހެޔޮ އެދިގެން ކުރާ ކަމެއް ނޫން: އިމްރާން

30 ޖުލައި 2023 - 10:05 2

އެމްއާރުއެމް ފާރިސް، ދަ ޑިމޮކްރެޓްސްގެ ނަޝީދު އަދި ޖޭޕީގެ ގާސިމް


އިންތިހާބުގައި ވަކިން ވާދަކުރުމަކީ ރައްޔިތުންނަށް ހެޔޮ އެދިގެން ކުރާ ކަމެއް ނޫން: އިމްރާން

30 ޖުލައި 2023 - 10:05 2

ސެޕްޓެމްބަރު 9، ގައި ބާއްވާ ރިޔާސީ އިންތިހާބުގައި މި ސަރުކާރު ހިންގާ ކޯލިޝަންގެ ބައެއް ޕާޓުނަރުން ވަކިން ވާދަކުރުމަކީ "ރައްޔިތުންނަށް އެންމެ ހެޔޮ އެދިގެން ކުރާ ކަމެއް ނޫން" ކަމަށް، އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

"ފަހަރެއްގައި ވެރިކަން ކޮށްލުމުގެ ޝައުގުވެރިކަމާއި އެކަމުގެ ވިސްނުން ވަރަށް ގިނަ ބޭފުޅުންގެ ހުރެދާނެ. އެކަމަކު ވެރިކަން ހަމަ ކުރާ ހިތްވުމަކީ އެކަމަށް އަދި ނުކުންނަންޖެހޭ ކަމެއް ވެސް ނޫން. އެކަމަށްޓަކައި މާބޮޑެތި މަސައްކަތްތަކެއް ކުރަންޖެހޭ ވެސް ކަމެއް ނޫން. ހާލަތާއި ވަގުތާއި ކަންކަން އަންނާނެ އެއަށް މަގުފަހިވާ ގޮތަށް،" މި ނޫހުން ރޭ ގެނެސްދިން "އެތެރެފުށް" ޕްރޮގްރާމުގައި، މި ސަރުކާރުގެ ބައެއް ޕާޓުނަރުން އިންތިހާބުގައި ވާދަކުރާން ނިންމާފައިވާތީ އެކަމަށް އިޝާރާތްކޮށް، ހޯމް މިނިސްޓަރުގެ މަގާމުގައި ވެސް ހުންނެވި އިމްރާން ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަނޑައަޅުއްވާފައިވާ ތަސައްވުރުގެ ތެރޭގައި އުފާވެރި އަމާން ރާއްޖެއަކަށް އެދޭ ކަމަށްވާ ނަމަ، މި ސަރުކާރު އުފެދިގެން އައުމާއި، މިހާތަނަށް ކުރި ދަތުރުގައި އެއްވެސް ހިއްސާއެއް އޮތް ބޭފުޅަކު ވަކިން އިންތިހާބުގައި ވާދަ ނުކުރައްވާނެ ކަމަށް އިމްރާން ވިދާޅުވި އެވެ.

މި ސަރުކާރުގެ ބައިވެރިންގެ ގޮތުގައި ހިމެނޭ ޖުމްހޫރީ ޕާޓީ އާއި އެމްއާރުއެމްއިން ވަނީ ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހާއެކު ކޯލިޝަން ނުހަދައި، ވަކިން ކެންޑިޑޭޓުން ނެރެން ނިންމައިފަ އެވެ. ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓެއްގެ ގޮތުގައި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަދި އެމްއާރުއެމްގެ ރައީސް ފާރިސް މައުމޫންގެ ވެސް އިންތިހާބުގައި ވާދަކުރަން ދަނީ ތައްޔާރު ވަމުންނެވެ.

ނަމަވެސް އަދިވެސް ގާސިމް ވިސްނަވާނެކަން ގަބޫލު ކުރައްވާ ކަމަށް އިމްރާން ވިދާޅުވި އެވެ.

އެތެރެފުށް ޕްރޮގްރާމްގައި އިމްރާން ވާހަކަ ދައްކަވަނީ. -- ފޮޓޯ: މިރާޝް ނާޝިމް/ އަދަދު


ވޭތުވެދިޔަ އިންތިހާބުތަކާ ހިލާފަށް މިފަހަރުގެ އިންތިހާބު ބޯމަތިވެ، ވޯޓުލާން މަހަކަށް ގާތްވާއިރު ކެމްޕޭނުގެ ފޯރި، ކުރީގެ އިންތިހާބުތަކާ އެއްވަރަށް ނެތުން އިމްރާން ސިފަކުރެއްވީ ސަރުކާރު ހިންގާ ގޮތް ގިނަ ބަޔަކު ބަލައިގަތުން ކަމަށެވެ.

"އަޅުގަނޑު ހިތުން އެއީ ސަރުކާރު ހިނގި ގޮތް ރަނގަޅުކަން ގިނަ ބަޔަކަށް ބަލައިގަނެވޭތީ. މިއަދު ފޯރިގަދަކުރުން ނޫންކަން އޮތީ، ހަލަބޮލިކުރުން ނޫންކަން އޮތީ ސިޔާސަތުތަކާއި ވައުދުތަކާއި ރައްޔިތުންނަށް ކަންކަން ކުރެވޭނެ ގޮތް، މަގު ހުށަހަޅައިދޭ މިންވަރާއި އެކަން ކުރެވޭނެ ގޮތުގެ ފުރިހަމަ ތަސައްވުރެއް ގެންނަ ބަޔަކާއެކުގައި ހަމަޖެހޭ މާހައުލެއްގައި ތިބެގެން ގޮސް އިންތިހާބަކާ ހަމައަށް ދިއުމުގެ ވިސްނުން އިސްކުރާ މީހުން ގިނަ ކަމަށް މިއަދު ފެންނަނީ،" އިމްރާން ވިދާޅުވި އެވެ.

ކުރިއަށް އޮތް ދައުރަށް ކޯލިޝަން ހެދިފައިވަނީ އެއްބަސްވެވޭ ހަމަތަކާއި އިންތަކުގެ ތެރޭގައި ކަމަށާއި ސަރުކާރުގައި ބައިވެރިވުން ބާއްވާނެ ގޮތާމެދު މަޝްވަރާ ކުރެވިފައިވާ ކަމަށް އިމްރާން ވިދާޅުވި އެވެ. އަދި އެކަންކަމުގައި ރައީސް ސޯލިހަށް ފުރިހަމައަށް އިތުބާރު އެބައޮތް ކަމަށް އިމްރާން ވިދާޅުވި އެވެ.

އަދި 2024 ގެ ރައްޔިތުންގެ މަޖިލީހަށް ވިސްނުންތަކެއް ހުރި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިދިޔަ ހުކުރު ދުވަހު ބޭއްވި ދަ ޑިމޮކްރެޓްސްގެ ރިޔާސީ ޕްރައިމަރީގައި ނަޝީދު ވޯޓު ލައްވަނީ. އެ ޕްރައިމަރީގައި ވާދަ ކުރެއްވީ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު އެކަނި. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


ނަޝީދަށް ތައުރީފާއި ފާޑުކިޔުން

ރާއްޖޭގައި މިއަދު މިއޮތް ސިޔާސީ ނިޒާމު އުފައްދައި ގެނައުމަށް ނަޝީދު ކުރެއްވި މަސައްކަތްތަކީ ފާހަގަ ކުރަންޖެހޭ، ބަލައިގަންނަންޖެހޭ އަދި އެއަށް ޝުކުރު ހައްގު މަސައްކަތްތަކެއް ނަމަވެސް ހިނގަމުން ވެރިކަމުގެ މި ފަސް އަހަރުގެ ދައުރުގައި ނަޝީދު މަސައްކަތް ކުރެއްވީ ރައީސް ސޯލިހު ވެރިކަން ކުރިޔަ ނުދެއްވަން ކަމަށް އިމްރާން ވިދާޅުވި އެވެ.

"އަޅުގަނޑަށް ހަމަ ރީތިކޮށް ފެންނަނީ އެހެން،" އޭނާ ވިދާޅުވި އެވެ.

"އެހެންވީމަ ރައީސް ރައީސްކަން ކުރައްވާއިރުގައި ރައީސެއްގެ ހައިސިއްޔަތުން ކޮންމެހެން އަދާކުރަންޖެހޭ ޒިންމާ އަދާކުރުމުގައި ފުރިހަމައަށް ދޭންޖެހޭ އެއްބާރުލުމާއި އެހީތެރިކަން ބަދަލުގައި އެހެން ގޮތަކަށް އެކަންކަން ކުރެވިގެން ދިޔައީމަ އެވަގުތަށް ހޯދަންޖެހޭ ހައްލު ރައީސް ހޯއްދަވާނެ، އެ ހޯއްދަވަންޖެހޭ އެންމެ ރަނގަޅު ގޮތުގައި."

ކުރީގެ ދެ މިތުރުން ކަމުގައި ރައީސް ސޯލިހާއި ނަޝީދުގެ ވެރިކަމުގެ ވާދަ އާއި ހިޔާލު ތަފާތުވުން ބޮޑުވެ، އެންމެ ފަހުން ޕާޓީގެ ޕްރައިމަރީން ލިބިވަޑައިގެންނެވި ނާކާމިޔާބާއެކު ނަޝީދު، ދަ ޑިމޮކްރެޓްސްގެ ނަމުގައި އާ ޕާޓީއެއް އުފެއްދެވި އެވެ.

އެ ޕާޓީން އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓަކަށް ހޮވާފައި ވަނީ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބެވެ.