Advertisement

އީސީ މެންބަރުންގެ ސުލޫކު ގެއްލި އިންތިހާބަށް ގެއްލުން!

25 ޖުލައި 2023 - 08:23 1

އަހުމަދު އާއިދު

އަހުމަދު އާއިދު

ފޮޓޯ: ރައްޔާން މުހައްމަދު/އަދަދު


އީސީ މެންބަރުންގެ ސުލޫކު ގެއްލި އިންތިހާބަށް ގެއްލުން!

25 ޖުލައި 2023 - 08:23 1

ރިޔާސީ އިންތިހާބަށް ދޮޅު މަހަށް ވެފައި ވަނިކޮށް އިއްޔެ އިވުނު އަޑަކީ، ރިޔާސީ އިންތިހާބުގެ ހުރިހާ މަސްއޫލިއްޔަތެއް އުފުލާ އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސްގެ މަގާމުގައި ހުންނެވި ފުއާދު ތައުފީގުގެ އިތުބާރު ނެތްކަމަށް އެ ކޮމިޝަނުގެ ތިން މެންބަރުންގެ ވޯޓުން ފާސްކުރި ހަބަރެވެ.

އެއާއެކު ފުއާދު ވަނީ މަގާމު ދޫކޮށްނުލައްވާނެ ކަމަށް ވިދާޅުވެ، ރަނގަޅު ގޮތަކީ ދެން ތިބި މެންބަރުން އިސްތިއުފާ ދެއްވުން ކަމަށް ވިދާޅުވެފަ އެވެ. އީސީގެ މެންބަރުން އަމަލުކުރައްވަމުން ގެންދަވަނީ ގާނޫނާ ހިލާފަށް ގައުމުގެ މަސްލަހަތަށްވެސް ބެލުމެއް ނެތި ކަމަށްވެސް ފުއާދު ވިދާޅުވި އެވެ.

އަނެއްކޮޅުން މިއަދު، އެ ކޮމިޝަނުގެ މެންބަރެއްގެ ގޮތުގައި ހުރި އަލީ ނަޝާތުގެ ދައުރު މިވަނީ ހަމަވެފަ އެވެ. ދައުރު ހަމަވާތީ އޭނާ އިތުރު ދައުރަކަށް އައްޔަނު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މެއި 29، ގައި މަޖިލީހަށް ފޮނުއްވާފަ އެވެ. ނަމަވެސް، މަޖިލީހުގެ ބޮޑު ކޯޅުމަކަށްފަހު ޗުއްޓީއަށް ދިޔައީ ނަޝާތުގެ ނަން އާ ދައުރަކަށް ފާސްނުކޮށެވެ.

ރިޔާސީ އިންތިހާބު ކައިރިވެފައިވާ މިންވަރަކީ ކުރިމަތިލައްވާ ކެންޑިޑޭޓުން ފޯމު ފުރަމުން ގެންދިއުމެވެ. އެޖެންޓުން ކަނޑައަޅައި ކުށުގެ ރެކޯޑު ސާފުކުރަމުން ގެންދިޔުމެވެ.

ނަމަވެސް، އިންތިހާބީ އިދާރާ މިއޮތީ ބޮޑު ކޯޅުމެއްގެ ތެރޭގަ އެވެ. ގާނޫނީ އަދަދު ހަމަނުވެ އެވެ. ތިބި މެންބަރުންގެ ތެރޭގައި މަސްލަހަތާއި އިތުބާރު ގެއްލިފަ އެވެ. ސުލޫކުން ބޭރުވެ އެ ކުރައްވާ އަމަލުތަކުގެ ސަބަބުން ގައުމުގެ އިސްވެރިޔާ ހޮވާ އިންތިހާބަށް އެ ދެއްވެނީ ވަރަށްވެސް ބޮޑު ގެއްލުމެކެވެ.

"ރިޔާސީ އިންތިހާބެއް ކަހަލަ ބޮޑު އިންތިހާބެއް މިހާ ކައިރިވެފައި ވަނިކޮށް އިލެކްޝަންސް ކޮމިޝަންގެ ތެރޭގައި މައްސަލަތައް ނުކުމެ އެތަނުގެ މަސައްކަތްތަކަށް ބުރޫއަރާ ނަމަ އެކަމުގެ ނޭދެވޭ އަސަރު ރިޔާސީ އިންތިހާބަށް އަންނާނެ.. އެގޮތަށް ބަލާއިރު އިލެކްޝަންސް ކޮމިޝަން 'ސްޓޭބަލް' ކޮށް އޮތުން ވަރަށް މުހިންމު ވަގުތެއް މިއީ" 2000 ގެ ކުރީކޮޅު ރާއްޖެއަށް ގެނައި ސިޔާސީ އިސްލާހީ ހަރަކާތުގައި އިސްވެ އުޅުއްވި، އިބްރާހިމް އިސްމާއިލް (އިބްރާ) ވިދާޅުވި އެވެ.

މެންބަރުން ސިޔާސީ ނުފޫޒުގައި ތިބި ކަމުގެ ތުހުމަތު

އީސީގެ ރައީސާ މެދު ކޮމިޝަނުގެ މެންބަރުންގެ އިތުބާރު ގެއްލެންފެށި ކަމުގެ ފުރަތަމަ ސިގްނަލެއް ލިބުނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަލަށް އުފެއްދެވި ދަ ޑިމޮކްރެޓްސް ޕާޓީ ރަޖިސްޓްރީ ކުރަން ކުރި މަސައްކަތުގެ ތެރެއިންނެވެ.

އެގޮތުން ނިމިދިޔަ ޖޫން މަހުގެ 18 ގައި އެ ޕާޓީ އުފެއްދުމުގެ ހުއްދަ ދިނުމަށް ނެގި ވޯޓު ދެ ވޯޓުގެ މަގުން އެއްވަރުވުމަށްފަހު ފުއާދު ވިދާޅުވީ އޭނާ މަސައްކަތް ކުރަނީ ނުފޫޒެއްގެ ދަށުގައި ކަމަށް ބައެއް މެމްބަރުން ގަބޫލު ކުރައްވާ ކަމަށެވެ. އޭގެ އެއް މަސް ފަހުން ފުއާދުގެ އިތުބާރު ނެތް ކަމަށް ފާސްކުރީ މި މަހުގެ 18 ގަ އެވެ.

"މިފަދައިން ހިންގާ ކަންކަމަކީ އޭގެ ސަބަބުން އިންތިހާބަށް އަސަރުކުރާނެ ކަމެއް، ނާޖާއިޒް ގޮތުގައި ބޭބޭފުޅުންގެ ނުފޫޒު އެތަނަށް ފޯރާކަން އަނެއްކާވެސް އަޅުގަނޑުމެންނަށް ފެނިގެންދާނެ ފަދަ ކަމެއް އެއީ ކޮމިޝަނުގެ ރައީސްގެ އިތުބާރުނެތް ކަމަށް ކުއްލިއަކަށް ފާސްކުރުމުން" އީސީ މެންބަރުންގެ ދެބަސްވުމަކަށްފަހު ހުއްދަދީ އުފެއްދި ޑިމޮކްރެޓްސްގެ ވަގުތީ ޗެއާޕާސަން ހަސަން ލަތީފު އިއްޔެ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވި އެވެ.

އިދިކޮޅު މައި ޕާޓީ ޕީޕީއެމްގެ ވިސްނުންވެސް ހުރީ އެ ބީދައިންނެވެ. އެގޮތުން، ސިޔާސީ ނުފޫޒާހުރެ އެ ކޮމިޝަނުގެ މެންބަރުން ހިފަހައްޓަވަން ޖެހޭ ސުލޫކާއި އަހުލާގު ނުހިފޭއްޓެވޭ ކަމަށް އެ ޕާޓީގެ ނައިބު ރައީސް އަހުމަދު ޝިޔާމް އެއްބަސްވެ ލައްވަ އެވެ. އެގޮތުން ޝިޔާމް ވިދާޅުވީ މި ނިންމުމާއެކު ފެނިގެން އެ ދަނީ ކޮމިޝަނުގެ މެންބަރުން "ސިޔާސީ ފިކުރުގައި މަސައްކަތް ކުރައްވާތަން" ކަމަށެވެ.

މި ރިޕޯޓަށް ކުރިން މައުލޫމާތު ދެއްވި، އިބްރާ ވެސް އެއްބަސްވެލައްވާ ގޮތުގައި ގާނޫނީ ސަބަބެއް، ނުވަތަ ގާނޫނާ ހިލާފަށް ކުރެއްވި ކަމެއް ނުދެއްކޭ ހާލަތެއްގައި ފުއާދުގެ އިތުބާރު ނެތްކަމަށް މެންބަރުން ނިންމީ ސިޔާސީ ނުފޫޒުގެ ސަބަބުންނެވެ.

"ފުއާދު އެފަދައިން ކުރެއްވި ގާނޫނާ ހިލާފުކަމެއް ރައްޔިތުންނަށް ކަށަވަރުވާ ވަރަށް ނުދައްކާ އެވަރު ކަމެއް ކުރަން އުޅުންވެސް އެއީ އެކަމެއް ކުރާ މެންބަރުންގެ ޒިންމާދާރުކަން ކުޑަކަން، ޕޮލިޓިކްސް، މީގެ ތެރެއަށް ނުވަންނާން ޖެހޭ އެއްޗެއް މީގެ ތެރެއަށް ވަނީތާ" އިބްރާ ވިދާޅުވި އެވެ.

މަޖިލީހުގެ ދައުރުން ބޭރުން ޖަލްސާ ބޭއްވުމުގައި ހުރަސްތަކެއް

އިލެކްޝަންސް ކޮމިޝަނަށް މިހާރު ދިމާވެފައި މިއޮތް މައްސަލަ އެންމެ އެދެވޭ ގޮތުގައި ހައްލުކުރެވެން އޮތީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިންނެވެ. ފުއާދުގެ އިތުބާރާއި ނަޝާތުގެ މެންބަރުކަމުގެ ދައުރު އިތުރުކުރުންވެސް ގުޅެނީ މަޖިލީހުގެ ނިންމުމަކާ އެވެ.

ނަމަވެސް، މި ރިޕޯޓަށް މައުލޫމާތު ދެއްވި މަޖިލީސް މެންބަރުންގެ ރާގު ހުރީ އެއް ޕާޓީއަކުން އަނެއް ޕާޓީގެ ބޮލަށް ޒިންމާ ޖެހުމުގެ ރާގަށެވެ. ޗުއްޓީގައި އޮތް މަޖިލީހުގެ ދައުރުން ބޭރުން ޖަލްސާއެއް ބޭއްވުމަށް ރިޔާސަތުން އެއްބާރުލުން ނުދޭ ކަމަށް ވެރިކަންކުރާ އެމްޑީޕީން ބުނާއިރު، އިދިކޮޅުން ބުނަނީ އެމްޑީޕީގެ ސުޕަ މެޖޯރިޓީ ބޭނުންކޮށްގެން، އެބޭފުޅުން ބޭނުންނަމަ މި މައްސަލަ ހައްލުކުރެވޭނެ ކަމަށެވެ.

"ދައުރުން ބޭރުން އަޅުގަނޑުމެން މިހާރު އެދިގެން އުޅޭ ޖަލްސާތައްވެސް ނުބާއްވަދީގެން މިއުޅެނީ، މަޖިލީހުގެ ގަވާއިދު ބުނާގޮތުން ދައުރުން ބޭރުން ޖަލްސާ ބާއްވައިގެން މިކަންކަން ހައްލުކުރެވެން ޖެހޭނެ، މަޖިލީހުގެ ގަވާއިދަށް ހުރުމަތްތެރިކޮށް ހިތާނެ ބަޔަކު މަޖިލީހުގެ ރިޔާސަތުގައި ތިބި ދުވަހަކުން ދެއްތޯ ކަމެއް ކުރެވޭނީ" އެމްޑީޕީ ޕީޖީ ގްރޫޕުގެ ލީޑަރު، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވި އެވެ.

އެބޭފުޅާގެ ބަސް ރައްދުކުރެއްވީ އިތުބާރުނެތްކަމުގެ މައްސަލަ ހުށަހެޅިފައިވާ، އެމްޑީޕީ ދޫކޮށް ޑިމޮކްރެޓްސްއާ ގުޅިވަޑައިގެން ނަޝީދު އަދި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އަށެވެ.

މަޖިލީހުގެ ގަވައިދުގައިވާ ގޮތުން ދައުރުން ބޭރު ޖަލްސާއެއް ބާއްވަން، މަޖިލީހުގެ ތިންބައިކުޅަ އެެއްބައި މެމްބަރުން އެދިވަޑައިގެންފި ނަމަ 14 ދުވަހެއް ތެރޭގައި އެ ޖަލްސާ ބާއްވަން ޖެހެ އެވެ. އެގޮތަށް އެމްޑީޕީން އެދުމުން، މި ޗުއްޓީގެ ތެރޭގައިވެސް ދެ ޖަލްސާއެއް ބާއްވާފައިވެ އެވެ.

އަސްލަމް އިތުރަށް ވިދާޅުވީ މަޖިލީހުގެ ކޮމިޓީތައް އެކުލަވާލުމުގެ މަސައްކަތް ނިންމިފައިވީނަމަވެސް މި މައްސަލަތަކަށް ހައްލެއް ހޯދުނީސް ކަމަށެވެ. ނަމަވެސް ކުރިން ބުނެވުނު ދައުރުން ބޭރު ޖަލްސާގައި އެމްޑީޕީން ހުށަހެޅި ގޮތަށް ފާސްކުރުމަށްފަހު ކޮމިޓީތައް އެކުލަވާލުމުގެ އިތުރު މަސައްކަތެއް ކުރިއަށް ނުދާ ކަމަށް އަސްލަމް ވިދާޅުވި އެވެ.

"ކޮމިޓީތައް ހުރި ނަމަ ކޮމިޓީތަކުން ނިންމަންޖެހޭ ކަންކަން ނިންމޭނެ ނޫންތޯ، އިލެކްޝަން ކޮމިޝަންގެ މައްސަލައެއް އޮތިއްޔާ އެކަމާ ބެހޭ ކޮމިޓީން އެކަން ބަލާފަ ލަފައެއްވެސް ދެވުނީސް ނޫންތޯ" އަސްލަމް ވިދާޅުވި އެވެ.

ނަމަވެސް، އިދިކޮޅު ޕީޕީއެމްގެ ވިސްނުން ތަފާތެވެ. ނައިފަރު ދާއިރާގެ މެންބަރުކަންވެސް ކުރައްވާ ޝިޔާމް ވިދާޅުވީ، މަޖިލީހުން މިކަމަށް ހައްލު ހޯދޭނެ މަގު އޮތް ނަމަވެސް އެކަން ކުރަން އެމްޑީޕީއިން ބޭނުން ނުވަނީ ކަމަށެވެ.

"ރައީސް އެބަ ވިދާޅުވޭ ތިމަންނަގެ ބާރޭ މަޖިލީހުގަ އޮތީ، އެއީ އެމަނިކުފާނުގެ ޕާޓީއަށް އަގުލަބިއްޔަތު އޮތް މިންވަރުން، އެހެން ވިދާޅުވުމަކުން އަދި ނުފުދޭ.. އެކަން [ދައުރުން ބޭރުން ޖަލްސާ ބާއްވާ މައްސަލަތައް ހައްލުކުރުން] ކުރެވޭނެ، އެކަން ކުރުމުގެ އެންމެ ބޮޑު ޒިންމާއެއްވެސް އޮތީ މިއަދު ވެރިކަންކުރާ ޕާޓީއަށް، އެކަމު އެކަން ކުރައްވާތަނެއް ނުފެނޭ" ޝިޔާމް ވިދާޅުވި އެވެ.

ދައުރުން ބޭރު ޖަލްސާއެއް ބޭއްވުމަށް ޕީޕީއެމުން އިދިކޮޅު އެހެން ޕާޓީތަކާއެކު މަސައްކަތް ކުރައްވާނެތޯ އެހުމުން ޝިޔާމް ވިދާޅުވީ، އިދިކޮޅު ހުރިހާ ޕާޓީތައް އެކުވި ނަމަވެސް ފާސްކުރަން ބޭނުންވާ އަދަދަށް ވޯޓު ހަމަނުވާނެ ކަމަށެވެ. ފާހަގަ ކުރެއްވީ 'ސިޔާސީ މަގުސަދުގައި މަސައްކަތް ކުރައްވާ' އެމްޑީޕީގެ ބިޔަ ބޮޑު މެޖޯރިޓީ މަޖިލީހުން ބަލިނުކުރެވޭނެ ކަމެވެ.

ފުއާދުގެ ގާބިލުކަމާމެދު ސުވާލެއް ނެތް

މި ރިޕޯޓަށް މައުލޫމާތު ދެއްވި ގިނަ ބޭފުޅުން އެއްބަސްވާ އެއްކަމެއް އެބަ އޮތެވެ. އެއީ މި މަހުގެ 18 ގައި ކޮމިޝަނުގެ ތިން މެންބަރުން އިތުބާރު ނެތްކަމަށް ނިންމި ރައީސް، ފުއާދުގެ ގާބިލުކަމާމެދު އެބޭފުޅުން ވެލެއްވި އެއްބަސްވުމެވެ.

ސަބަބެއްގެ ގޮތުގައި އެބޭފުޅުން ދެއްކެވީ ޕްރެޝަރުގައި މަސައްކަތް ކުރައްވައި، ނަތީޖާ ދެއްކުމުގައި މީގެކުރިން ފުއާދު ދެއްކެވި މިސާލުތަކެވެ.

"ފުއާދުގެ ކޭޕެބިލިޓީއާ ބެހޭގޮތުންނެއް ސުވާލެއް ނުއުފެއްދޭނެ، ރާއްޖޭގެ އެންމެ ޕްރެޝާގައި ދިޔަ ތިން އިންތިހާބު ބަލަހައްޓަވައިފި ފުއާދު އެ ތަނުގައި ހުންނަވައިގެން.. އަދި، މިހާތަނަށް ދެއްކިފައެއް ނެތް ފުއާދުގެ އިންޓެގްރިޓީގެ މައްސަލައެއް" އެމްޑީޕީގެ ފުރަތަމަ ރައީސްކަންވެސް ކުރެއްވި އިބްރާ ވިދާޅުވި އެވެ.

އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގައި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފާއި، މި ރިޕޯޓަށް މައުލޫމާތު ދެއްވި ޕީޕީއެމްގެ ނައިބު ރައީސް ޝިޔާމް ވެސް އިންތިހާބީ މަސައްކަތުގައި ފުއާދުގެ ގާބިލުކަމާމެދު ޔަގީންކަން ދެއްވި އެވެ.

"ފުއާދު ތައުފީގަކީ ވަރަށް ތަޖުރިބާކާރު ބޭފުޅެއް، ފުއާދަށް އެއްބާރުލުން ނުދެއްވާ ދެން [ކޮމިޝަނުގައި] ތިއްބެވި ބޭފުޅުން ކުރައްވަމުން ގެންދަވާ ކަންކަން ބަލަންޖެހޭނެ" ޝިޔާމް ވިދާޅުވި އެވެ.

ކޮމިޝަނުގެ ވޯޓުތަކުގައި އޮނަހިރި އަދަދެއް ލިބޭނެ؟

އިލެކްޝަންސް ކޮމިޝަނުގެ މެމްބަރަކު މަދުކޮށް އިންތިހާބެއް މީގެ ކުރިން ކުރިއަށް ގެންގޮސްފައި ވެސް އެބަހުއްޓެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ 2009 ވަނަ އަހަރުގެ އިންތިހާބު ބާއްވާފައި ވަނީ އިލެކްޝަންސް ކޮމިޝަނުގައި ތިބެންޖެހޭ ގާނޫނީ އަދަދު ފުރިހަމަނުވެ އެވެ.

ނަމަވެސް، މިއަދު ދައުރު ހަމަވި މެންބަރުގެ މުހިންމުކަން އެންމެ ބޮޑަށް ހާމަވާނީ، ގާނޫނުން ލާޒިމުކުރާ އަދަދު ހަމަވުމަށްވުރެ، ކޮމިޝަނުން ނިންމަންޖެހޭ ނިންމުންތަކާ ޖެހުމުންނެވެ. މިހާރު ކޮމިޝަނުގައި ތިބި ހަތަރު މެންބަރުން ތިބީ ފަޅިއަކަށް ދެބޭފުޅުންގެ މަގުންނެވެ. އިންތިހާބީ މުހިންމު ނިންމުމެއްގައި އެއްކޮޅަށް އޮނަހިރި އަދަދެއްގެ ވޯޓު ނުލިބުމަކީ މިކަމުގެ އާހިރު ނަތީޖާއަށް ވެދާނެ އެވެ.

"އިލެކްޝަން ކޮމިޝަންގެ ފަސް މެންބަރުން ނިންމަންޖެހޭ ކަންތައްތައް ރިޔާސީ އިންތިހާބަކަށް ދާއިރު އަންނާނެ ބައިވަރު، ކޮމިޝަންގެ މެންބަރެއްގެ ދައުރު މި ހަމަވީ، އެހެންވެއްޖެ ކަމަށް ވަންޏާ ކިހިނެއްތޯ އެކަންކަން ނިންމާނީ، މިކަންކަމާ ރައްޔިތުން ސުވާލު އުފައްދާނެ" ޝިޔާމް ވިދާޅުވި އެވެ.

އިންތިހާބާމެދު ގިނަ ސުވާލުތަކެއް

ރައްޔިތުން ކޮންމެ ފަސް އަހަރަކުން ގައުމުގެ އިސްވެރިޔާ ހޮވުމަށް ބާއްވާ އިންތިހާބަށް މަސްދުވަހާ ގާތްވެފައިވާ މި ދަނޑިވަޅުގައި ގާނޫނުން އެ އިންތިހާބު މަތިކުރާ މިނިވަން މުއައްސަސާ ގެ ހާލަތު މި ދަރަޖައަށް ވެއްޓުމަކީ ހަމަ ގައިމުވެސް އިންތިހާބާމެދު ސުވާލު އުފެއްދުމަށް ފުރުސަތު ދެވޭ ސަބަބެކެވެ.

އިންތިހާބާމެދު އެންމެ ބޮޑަށް ސުވާލު އުފައްދަނީ އިދިކޮޅު ޕީޕީއެމުންނެވެ. އެ ޕާޓީގެ ރިޔާސީ ޓިކެޓު ދީފައިވަނިކޮށް ކުރީގެ ރައީސް ޔާމީނަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވުމުން، އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ގެއްލިފައިވާތީ އެއީ އިންތިހާބަށް ނުފޫޒު ފޯރުވުމުގެ އަމަލެއްކަމަށް އެ ޕާޓީން ބުނާތާ މިހާރު އަށް މަސް ވީ އެވެ. އީސީގެ މި ކޯޅުންވެސް ވެގެންމިދަނީ އެބޭފުޅުންގެ އުދާސްތައް އިތުރުކުރުވި ކަމަކަށެވެ.

"އެ ކޮމިޝަނުގަ ހާލަތު މި އޮތްގޮތާ ދޭތެރޭ އަޅުގަނޑުމެންވެސް ވަރަށް ބޮޑަށް ކަންބޮޑުވޭ، އެއީ ރިޔާސީ އިންތިހާބަށް މަހެއްހާ ދުވަސް މިއޮތީ، އޮތްއިރުގައި އިލެކްޝަންސް ކޮމިޝަން އެއީ އިންތިހާބު، މިނިވަން އިންސާފުވެރި އިންތިހާބަކަށް ހެދުމަށް އެންމެ މުހިންމު ދައުރެއް އަދާކުރައްވަން ޖެހޭ ފަރާތް އަދި ގާނޫނުން އެކަން މަތިކުރާ ފަރާތް" ޝިޔާމް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރާ ޑިމޮކްރެޓްސްގެ ވިސްނުންވެސް ދާދި އެއްގޮތެވެ. އިއްޔެ މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ހަސަން ލަތީފުވެސް ވިދާޅުވީ މި ހާލަތުގައި ހިޔާލުތަފާތުވުންތައް ދޫކޮށް ކޮމިޝަނުގެ މެންބަރުން އެކުގައި މަސައްކަތް ކުރައްވާތަން ރައްޔިތުންނަށާއި ބޭރުގެ ގައުމުތަކަށްވެސް ފެންނަން ޖެހޭ ކަމަށެވެ.

"[މިކަންކަމާ ގުޅިގެން] އިލެކްޝަންސް ކޮމިޝަނާ ދޭތެރޭ އޮންނަ އިތުބާރަށް ބުރޫއަރާތަން އެބަފެނޭ، މިނިވަން މުއައްސަސާއެއްގެ ގޮތުގައި އޮންނައިރު ކޮމިޝަންގެ އިތުބާރު ދެމެހެއްޓޭ ގޮތަކަށް ކަންތައް ނުކުރެވެންޏާ އިންތިހާބާ ދޭތެރޭ ރައްޔިތުން ކުރާ އުންމީދު ބަދަލުވެގެންދިއުމަކީ ވަރަށް އެކަށީގެންވާ ކަމެއް" އޭނާ އިތުރަށް ވިދާޅުވި އެވެ.

ނަމަވެސް، ވެރިކަންކުރާ ޕާޓީގެ ޕީޖީ ލީޑަރުގެ ވިސްނުން ހުރި ގޮތަކީ އީސީގެ މެންބަރަކު މަދުވުން އެއީ އެ ކޮމިޝަނުގެ މަސައްކަތް ހުއްޓި ކަންކަން ނުނިންމި ހުއްޓެންޖެހޭ ސަބަބެއް ނޫން ކަމަށެވެ.

"ކޮމިޝަނުގެ މެންބަރުން ހަމަނުވުމަކީ ކަންކަން ނުނިންމެންޖޭހޭ ކަމެއް ނޫން، އެކަމު އެންމެ ރަނގަޅު ގޮތަކީ ގާނޫނީ އަދަދު ހަމަވުން، އަޅުގަނޑުގެ އުންމީދަކީ އިންތިހާބުގެ ކުރިން އެ އަދަދު ހަމަވުން" އަސްލަމް ވިދާޅުވި އެވެ.

ޕާޓީތަކުގެ ޝަކުވާތަކާ ގުޅުވައި އިބްރާ ވިދާޅުވީ، މި ހާލަތުގައި ކޮމިޝަނުގެ މެންބަރުންވެސް، ފުއާދުވެސް އަދި ރައްޔިތުންގެ މަޖިލީހުންވެސް އަމަލުކުރަންވީ އިންތިހާބީ މަސައްކަތްތަކަށް ބުރޫނާރާ ގާނޫނުން ބަޔާންކުރާ މަގުން ހިނގުމަށް ކަމަށެވެ.

އަދުގެ ހާތަށް ބަލާނަމަ މިކަންކަމުގެ ސަބަބުން އިންތިހާބަށް އެތަކެއް ގެއްލުމެއް ވާނެ ކަމަށް، ރިޕޯޓަށް މައުލޫމާތު ދެއްވި ކުރީގެ ފޮރިން މިނިސްޓަރު އަދި ޕޮލިޓިކަލް އެނަލިސްޓް ޑރ. އަހުމަދު ޝަހީދު ވިދާޅުވި އެވެ.

"ވޯޓުލާން މި ލިބޭ ފުރުސަތު އިންސާފުވެރިނުވެ، އެ ފުރުސަތާމެދު ސުވާލުއުފެދޭ ހިސާބަށް ދިއުމަކީ ހަގީގަތުގައި ރައްޔިތުންގެ އަތުގައި އޮތް ބާރަކަށް އަންނަ އުނިކަމެއް.. މިއީ ވަރަށް ބޮޑަށް ކަންބޮޑުވާންޖެހޭ ކަމެއް" ޝަހީދު ވިދާޅުވި އެވެ.

އެގޮތުން ކުރީގެ ރައީސް މައުމޫނުގެ ދިގު ވެރިކަން ރައްޔިތުންގެ ވޯޓަކުން ނިންމުނީވެސް އިންތިހާބު އިންސާފުވެރިވުމުން ކަމަށާއި، މިފަދަ މައްސަލަތަކުގެ ނަތީޖާ ވޯޓުލާ ދުވަހު ފެނިގެންދާނެ ކަމަށް ބެލެވޭ ކަމަށް ޝަހީދު ވިދާޅުވި އެވެ. އެގޮތުން ރާއްޖޭގެ ތާރީހުގައި ވާދަވެރި އިންތިހާބެއްގައި އެންމެ މަދުން މީހުން ވޯޓުލާން ނިކުންނަ އިންތިހާބަށް މި އިންތިހާބުވެގެން ގޮސްދާނެ ކަމަށް އޭނާ ދެކިލައްވަ އެވެ.