ބުރު ސްޕޯޓްސް ކްލަބް އަތުން 2-0 އިން މޮޅުވެ، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަލުން އެމްޑަބްލިއުއެސްސީ ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.
ލީގުގައި އިއްޔެ ހަވީރު ޔުނައިޓެޑް ވިކްޓަރީ އަތުން މޮޅުވެ، ކްލަބް އީގަލްސް ވަނީ އެއް ވަނަ އަށް ޖެހިލައިފަ އެވެ. އެކަމަކު، މިއަދުގެ މޮޅާ އެކު މާޒިޔާ އެއް ވަނައިގައި އޮތީ ފަސް މެޗުން 15 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް އީގަލްސްގެ އޮތީ ފަސް މެޗުން 13 ޕޮއިންޓެވެ. ލީގުގެ ތިން ވަނައިގައި އޮތް ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާއި ހަތަރެއްގައި އޮތް ބުރަށް ވަނީ ފަސް މެޗުން ނުވަ ޕޮއިންޓް ލިބިފަ އެވެ.
ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗު ފަށައިގެން މާޒިޔާ އިން ކުރިއަށް ޖެހިގެން ކުޅެމުންދިޔަ ނަމަވެސް އެ ޓީމަށް ބުރުގެ ޑިފެންސް ފަހަތުން ލިބޭ ޖާގައިގެ ބޭނުންކޮށް، ގޯލެއް ޖެހުންވީ އުނދަގޫ ކަމަކަށެވެ. އެ ގޮތުން، މާޒިޔާ އިން ލީޑުނެގީ 32 ވަނަ މިިނިޓްގައި ހަމްޒާ މުހައްމަދު (ހަމްޕު) ޖެހި ހިލޭ ޖެހުމުންނެވެ. މާޒިޔާގެ ހަސަން ރާއިފް އަހުމަދު (ހަންނަ) އަށް ކުރި ފައުލަކަށް އޭރިއާ ރޮނގުކައިރިން ދިން ހިލޭ ޖެހުން ހަމްޕު ވަނީ ގޯލުގެ މަތީ ކަނަށް ފޮނުވާލައިފަ އެވެ.
ފުރަތަމަ ހާފުގައި އިތުުރު ގޯލެއް ޖަހަން، މާޒިޔާގެ ހަންނަ އަށް ލިބުނު ފުރުސަތުގެ ބޭނުމެއް ނުހިފުނެވެ.
މެޗުގެ 60 ވަަނަ މިނިޓްގައި މާޒިޔާ އިން ލީޑުފުޅާކުރި ގޯލު ޖެހީ ހަންނަ އެވެ. މިއީ އޭރިއާތެރެއަށް މާޒިޔާގެ މިސްރު މިޑްފީލްޑަރު ހަލީލް ޖަމާލް ނަގައިދިން ބޯޅައަކަށް ބުރުގެ ކީޕަރު އަބްދުﷲ އަރުޝަން އެރި ވަގުތު އަރިމަތިން ނާއިޒު ހަސަން (ދާދު) މަތިމަތިން ޖައްސާލި ބޯޅައަށް އަރަައި، ހަންނަ ވަނީ ބޮލުން ގޯލަށް ބޯޅަ ވައްދާލައިފަ އެވެ.
މެޗުގައި މާޒިޔާ އަށް ގޯލު ޖަހާނެ އިތުރު ފުރުސަތުތަކެއް ލިބުނު ނަމަވެސް ބޭނުމެއް ނުކުރެވުނެވެ.
މި ސީޒަނުގައި ބުރުން ވަނީ ޕްރެޒިޑެންޓްސް ކަޕްގެ ގްރޫޕް ސްޓޭޖުގައި މާޒިޔާ އަތުން 2-1 އިން މޮޅުވެފަ އެވެ. އެކަމަކު، މިއަދުގެ މެޗުގައި މާޒިޔާ އިން ވަނީ ބުރުން ގޯލެއް ޖެހިޔަނުދީ ހިފަހައްޓައިފަ އެވެ.
ލީގުގައި މިރޭ 9 ޖަހާއިރު، ކުޅޭ މެޗުގައި ޓީސީ ސްޕޯޓްސް ކްލަބް ބައްދަލުކުރާނީ ކްލަބް ގްރީން ސްޓްރީޓްސްއާ އެވެ.
Comment