Advertisement

ޕާޓީތައް ވަކިން ވާދަކުރުމާމެދު ނަޝީދުގެ ވިސްނުން ބަދަލުވި ސަބަބު ވިދާޅެއް ނުވި

19 ޖުލައި 2023 - 15:52 1

އަހުމަދު އާއިދު

އަހުމަދު އާއިދު

ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު. ފޮޓޯ: މުހައްމަދު ޝާބިން / އަދަދު


ޕާޓީތައް ވަކިން ވާދަކުރުމާމެދު ނަޝީދުގެ ވިސްނުން ބަދަލުވި ސަބަބު ވިދާޅެއް ނުވި

19 ޖުލައި 2023 - 15:52 1

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ހުރިހާ ޕާޓީއަކުން ވަކިން ވާދަކުރަން ޖެހޭ ކަމަށް ކުރިން ވިދާޅުވުމަށްފަހު، މިއަދު އިދިކޮޅު އެއް ކެންޑިޑޭޓަކު ނެރުމަށް އެއްބަސްވެ ވަޑައިގެންނެވުމަށްފަހު، އެމަނިކުފާނުގެ ހިޔާލު ބަދަލުވި ސަބަބު ވިދާޅުވާން ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެކޮޅު ހައްދަވައިފި އެވެ.

ރިޔާސީ އިންތިހާބުގައި ކޯލިޝަން ހަދަން ޖެހޭނީ ދެވަނަ ބުރުގައި ކަމަށާއި ފުރަތަމަ ބުރުގައި ހުރިހާ ޕާޓީތަކުން ވަކިން ވާދަކުރަން ޖެހޭ ކަމަށް ނަޝީދު އެންމެ އަޑުގަދަކޮށް ވިދާޅުވީ ޖެނުއަރީ މަހު އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ތެރޭގަ އެވެ.

"ފުރަތަމަ ބުރުގައި ގިނަ ޕާޓީތަކުން ވާދަކުރީމައި ދެން ދާނީ ދެވަނަ ބުރަކަށް، އޭރަށް ކޯލިޝަން ހަދާނީ ވެސް ތާއީދު ބޮޑު ޕާޓީއަކާއެކު، ސަރުކާރުގައި ހިއްސާ ދޭން ވާހަކަ ދެކެވޭނީ ވެސް އެ ޕާޓީއަކަށް ލިބުނު ވޯޓެއްގެ ނިސްބަތަކަށް،" ޖެނުއަރީ 9 ގައި ނ. ކެނދުކުޅުދޫގައި ހުންނަވާ ނަޝީދު ވިދާޅުވި އެވެ.

ނަމަވެސް، އެ ވިދާޅުވުމާ މުޅިން ހިލާފަށް އެމަނިކުފާނު މިއަދު ވަނީ ޖުމްހުރީ ޕާޓީ އާއި އެމްއެންޕީއާ އެކު އެއް ކެންޑިޑޭޓަކު ނެރުމަށް އެއްބަސްވެފަ އެވެ.

މިހާބޮޑަށް ރިޔާސީ އިންތިހާބާމެދު ނަޝީދުގެ ވިސްނުން ބަދަލުވި ސަބަބު ހޯދުމަށް "އަދަދު" އިން ސުވާލުކުރުމުން ނަޝީދު ސީދާ ޖަވާބެއް ނުދެއްވި އެވެ. ވިދާޅުވީ، ތިން ޕާޓީން އެއްބަސްވި ގޮތަށް ކުރިއަށް ދިއުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

ނަމަވެސް، އެމްޑީޕީގައި ހުންނެވިއިރު، ފުރަތަމަ ބުރުގައި ކޯލިޝަން ހައްދަވަން ރައީސް ސޯލިހު މަސައްކަގތް ފެއްޓެވުމުންވެސް އެންމެ ބޮޑަށް ފާޑުވިދާޅުވީ ނަޝީދެވެ. ޕާޓީއަކަށް އޮތް ތާއީދު ޔަގީން ނުކޮށް، އިންތިހާބުގެ ކުރިން ކޯލިޝަން ހެދުމުން ސަރުކާރުގައި އެ ޕާޓީއަކަށް ދެވޭނީ އެންމެ ހައްގު ހިއްސާއެއް ނޫން ކަމަށާއި ތާއީދު އޮތް ޕާޓީގެ ސަޕޯޓަރުންގެ ހިޔާލާއި ފަލްސަފާ ވަރަށް ބޮޑަށް ބާކީވެގެން ދާނެ ކަމަށްވެސް އޭރު ވިދާޅުވި އެވެ.

ޖޭޕީ، ޑިމޮކްރެޓްސް އަދި އެމްއެންޕީން މިއަދު އެއްބަސްވި އެއްބަސްވުމާ މެދު ޕީޕީއެމުން ދެކޭ ގޮތެއް އެ ޕާޓީން އަދި ނުބުނެ އެވެ. މީގެ ކުރިން ނަޝީދު އެ ހިޔާލު ފާޅު ކުރެއްވުމުން، ޕީޕީއެމްގެ ލީޑާޝިޕުން އޭރު ގޮވާލީ އިދިކޮޅު ހުރިހާ ޕާޓީއަކުން އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ތާއީދުކުރުމަށެވެ.

ނަމަވެސް ޔާމީން ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އެ ހުކުމް ދެމިއޮތްހާ ހިނދަކު ޔާމީނަށް އިންތިހާބުގައި ވާދައެއް ނުކުރެވޭނެ އެވެ. ފަނޑިޔާރަކު ޗުއްޓީގައި ހުންނެވުމުން ހުކުމުގެ އިސްތިއުނާފު ހައި ކޯޓުގައި ހުއްޓުމަކަށް އައިސްފަ އެވެ.

އެހެންވިޔަސް ޔާމީން ނޫން ކެންޑިޑޭޓެއްގެ ވާހަކަ ފާޅުގައި ދައްކަން ލީޑާޝިޕުން ދަނީ ދެކޮޅު ހަދަމުންނެވެ. އޭގެ މަޝްވަރާތައް އެތެރޭގައި އޮތް އިރު، ލީޑާޝިޕްގެ އެތެރޭގައި ކެންޑިޑޭޓަކާ މެދު ހިޔާލުތަފާތުވުންތަކެއް އޮތް ކަން ވަނީ އެނގިފަ އެވެ.