22 ޖުލައި 2023 - 12:23 0
އިސްމާއީލް އަޒްމީން
ގައުމީ ކްރިކެޓް ޓީމުގެ ކޯޗު ޕަސިންދު: އޭނާ ޕްލޭނަކާ އެކު އައިސް ހުރީ ދިވެހި ކްރިކެޓަށް ބަދަލުތަކެއް ގެންނަން.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު
22 ޖުލައި 2023 - 12:23 0
ރާއްޖޭގައި ހުނަރުވެރި ތަފާތު މޮޅު ކުޅުންތެރިން އެބަތިބި ކަމަށާއި، ނަމަވެސް ބައިނަލްއަގްވާމީ ލެވެލްގައި ކުރިއެރުން ހޯދަން ބަލާއިރު ކުޅުންތެރިންގެ ފިޒިކަލް ކަންޑިޝަން ރަނގަޅުކުރަން ޖެހޭކަމަށް ގައުމީ ކްރިކެޓް ޓީމާ އަލަށް ހަވާލުވި ސްރީލަންކާގެ ޕަސިންދު ލިޔަނާރަޗީ ބުނެފި އެވެ.
ގައުމީ ކްރިކެޓް ޓީމާއި ޕަސިންދު ހަވާލުވީ މިދިޔަ ޖޫން މަހުގެ ތެރޭގަ އެވެ. ގައުމީ ޓީމާ އެކު މަހެއްހާ ދުވަހު ފަރިތަކުރުމަށް ފަހު ޕަސިންދު، "އަދަދު" އަށް ދިން އިންޓަވިއުއެއްގައި ވަނީ ކުޅުންތެރިންގެ ކުރިއެރުން ފާހަގަކޮށްފަ އެވެ.
އޭނާ ބުނީ މިވަގުތު ރާއްޖޭގެ ކުޅުންތެރިންނަށް އެންމެ މުހިންމީ ފިޒިކަލީ ރަނގަޅުވުން ކަމަށާއި ރާއްޖޭގައި ހުނަރާއި ޓެކްނިކަށް ބަލާއިރު ރަނގަޅު ކުޅުންތެރިން ގިނަ ކަމަށެވެ. އަދި ރާއްޖޭގެ ކްރިކެޓު އާ މިސްރާބަކަށް ގެންގޮސްދޭނެ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.
"ހުނަރުހުރި ކުޅުންތެރިން އެބަތިބި ރާއްޖޭގައި. ފިޒިކަލީ ހުރިހާ ކުޅުންތެރިންވެސް ރަނގަޅުވާން އެބަ ޖެހޭ. އެންމެ މުހިންމު ކަމަކީ ފިޒިކަލް ލެވެލް ރަނގަޅުކުރުން. ދެން މެންޓަލީ ރަނގަޅުވުން. އޭގެ ފަހުން ޓެކްނިކްސްއަށްވެސް ވޯކްކުރުން މުހިންމު." ސްރީ ލަންކާގެ ޑިސްޓްރިކްޓް ކްރިކެޓް ޑިވެލޮޕްމަންޓް ކޯޗެއްގެ ގޮތުގައި އެންމެ ފަހުން މަސައްކަތްކުރި ޕަސިންދު ބުންޏެވެ.
އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލްގެ ލެވެލް ތިނެއް ފުރިހަމަކޮށްފައިވާ ކޯޗު ޕަސިންދު ބުނީ ރާއްޖޭގަ ގައުމީ ކޯޗުކަން ލިބުމަކީ އޭނާގެ ކޯޗިން ކެރިއަރުގައި ލިބުނު ބޮޑު ފުރުސަތެއް ކަމަށާއި، ރާއްޖޭގެ ކްރިކެޓް ޓީމު ކުރިއެރުވުމަށް ރަނގަޅު ޕްލޭނަކާއިއެކު މަސައްކަތް ކުރާނެ ކަމަށެވެ. އޭނާ ބުނީ މީގެ ކުރިން ރާއްޖޭގެ ޓީމު ލަންކާއަށް ގޮސް ކުޅެފައިވާ މެޗުތައް އޭނާއަށް ފެނުނު ކަމަށާއި، ރާއްޖޭގެ ކްރިކެޓްގެ ފެންވަރާއި ހާލަތު އެނގޭ ކަމަށެވެ.
ޕަސިންދު އަކީ އޭނާގެ ކޯޗިން ކެރިއަރުގައި ސްކޫލް ކްރިކެޓް އަދި ކޮލެޖް ކްރިކެޓުގައި ސްރީ ލަންކާގައި ފާހަގަކޮށްލެވޭ ކޯޗެކެވެ. އޭނާ ވަނީ މިދިޔަ 12 އަހަރު ސްރީ ލަންކާގެ ފާހަގަކޮށްލެވޭ ސްކޫލްތަކާއި ކޮލެޖުތަކުގައި ކޯޗުކަންކޮށްފަ އެވެ. އެ ގޮތުން އޭނާ ކޯޗުކަންކޮށްދިން ބައެއް ކުޅުންތެރިން ސްރީ ލަންކާގެ އެކި އުމުރުފުރާތަކުގައި ގައުމީ ޓީމްތަކަށްވެސް ވަނީ ކުޅެފަ އެވެ.
ޕަސިންދު، "އަދަދު" އަށް އިންޓަވިއު ދެނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު
ޕަސިންދު ބުނީ ސަރަހައްދީ މުބާރާތްތަކުގައި ވާދަކުރަން ބަލާއިރު އެންމެ މުހިންމު ކަމަކީ މުބާރާތްތަކަށް ރަނގަޅަށް ތައްޔާރުވުންކަމަށެވެ. ރާއްޖޭގެ ކުލަބު މުބާރާތްތަކުގައިވެސް ގިނަ ކުޅުންތެރިން ކުޅެނީ އެންމެ އެކަށީގެންވާ ޕްރެކްޓިސް ނެތި ކަމަށާއި، ޕްރެކްޓިސް މެޗުތަކެއްވެސް ނުކުޅޭ ކަމަށެވެ.
މީގެ އިތުރުން ކުޅުންތެރިން އެނަލައިޒް ކުރެވޭނެ ރަނގަޅު ސިސްޓަމެއް ގާއިމްކުރުުން މުހިންމުކަންވެސް ކޯޗު ޕަސިންދު ފާހަގަކުރި އެވެ.
"އެންމެ މުހިންމު ކަމަކީ މުބާރާތްތަކަށް ދުރާލާ ރަނގަޅަށް ތައްޔާރުވުން. ދެން އެނަލައިޒިން ސިސްޓަމެއް އޮތުން މުހިންމު. ކުޅުންތެރިންގެ ރަނގަޅު ކަންކަން ފާހަގަކޮށް، ރަނގަޅުކުރަން ހުރި ކަންކަންވެސް އިނގޭނެކަހަލަ ސިސްޓަމެއް ގާއިމްވެފައި ހުރުން މުހިންމު. ދެން ޓީމެއްގެ ގޮތުގައިވެސް އެންމެން ގުޅުން ރަނގަޅުވާން ޖެހޭ." ޖޫނިއާ ކްރިކެޓްގައި ސްރީލަންކާގެ އެންމެ މަޝްހޫރު އެއް ކޮލެޖު ކަމަށްވާ ތާސްޓަން ކޮލެޖުގެ ހެޑު ކޯޗަކަށްވެސް މީގެ ކުރިން މަސައްކަތްކުރި ޕަސިންދު ބުންޏެވެ.
އޭނާ ބުނީ ރާއްޖޭގެ ގައުމީ ޓީމްގައި ތިބި ގިނަ ކުޅުންތެރިންގެ ހުނަރު ވަރަށް ރަނގަޅުކަމަށެވެ. ނަމަވެސް ގައުމީ ޓީމާއިއެކު ކުޅޭ މެޗުތަކުގައި ތަފާތު ދެއްކޭ ފެންވަރަށް އެ ހުނަރު ތަރައްގީކުރަން ޖެހޭކަމަށެވެ. ޕަސިންދު ބުނީ ގައުމީ ޓީމު މެޗުތަކުން މޮޅުވާން އޭނާ ބޭނުންވަނީ ރަނގަޅު ސްކޯތަކަކާއިއެކުކަމަށެވެ. އިންޑިވިޖުއަލީ ކުޅުންތެރިންނަށް މެޗުތަކުގައި ތަފާތު މޮޅު ކުޅުމެއް ދެއްކޭކަމަށްވާނަމަ އެ ޓާގެޓް ހާސިލްކުރެވޭނެކަމަށްވެސް އޭނާ ބުންޏެވެ.
ޕަސިންދު ވަނީ ގައުމީ ޓީމްގައި ތިބި ކުޅުންތެރިންނާއި ރާއްޖޭގެ ޖޫނިއާ ކުޅުންތެރިންނާ ދެމެދު ހުރި ފަރަގު ފާހަގަކޮށްފަ އެވެ. އޭނާ ބުނީ ޖޫނިއާ ޓީމްތަކުގައި އެންމެ އެކަށީގެންވާ ވަރަށް ކުޅުންތެރިން ނެތްކަމަށާއި، އެ ކުޅުންތެރިންގެ ތަމްރީންތަކަށްވެސް އެކަށީގެންވާ ވަރަށް މަސައްކަތް ނުކުރެވޭކަމަށެވެ. އެހެންކަމުން އެ ކުދިންނަށް ތަމްރީން ދީ ގިނަ މެޗުތަކެއް ހޯދައިދިނުމަށް ޕްލޭންތަކެއް ރޭވުމަށް އެސޯސިއޭޝަނާ މަޝްވަރާ ކުރާނެކަމަށެވެ.
"ދެން ވަރަށް މުހިންމު ޖޫނިއާ ޓީމްތައް ވަރުގަދަ ކުރުން. 14، 16 އަދި 19 އަހަރުން ދަށުގެ ޓީމްތައް ވަރުގަދަވާން ޖެހޭ. ޖޫނިއާ ކްރިކެޓަށްވެސް ބޮޑު ފޯކަސްއެއް ދޭން ޖެހޭ. ތަފާތު ބޮޑު ގެޕެއް އެބައޮތް ޖޫނިއާ ކުޅުންތެރިންނާ ދެމެދު. އެކަން ކުޑަކުރަން މަސައްކަތްކުރަން ޖެހޭ. އެކަން ރަނގަޅުކުރެވޭނީވެސް ޖޫނިއާ ކްރިކެޓަށް ހާއްސަ މެޗުތަކެއް ލިބިގެން." 40 އަހަރުގެ ކޯޗު ބުންޏެވެ.
ގައުމީ ޓީމުގައި މަސައްކަތްކުރަން މި ލިބުނު ފުރުސަތުގައި އޭނާގެ ފެންވަރު ހުރި މިންވަރުން ރާއްޖޭގެ ކުޅުންތެރިންނަށް ރަނގަޅު މިސްރާބު ދައްކައި ކުރިއެރުމަށް އެހީވާނެކަމަށް ކޯޗު ޕަސިންދު ލިޔަނާރަޗީ ބުންޏެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment