18 ޖުލައި 2023 - 17:32 0
އަހުމަދު އާއިދު
އިދިކޮޅު ލީޑަރުން މިއަދު ހައި ކޯޓުގައި : އެބޭފުޅުން އެސްއޯ ފުލުހުން މިއަދު ސުވާލުކޮށް އެދުނީ ނުރަސްމީ ގަޑީގަ ނުތިބުމަށް -
18 ޖުލައި 2023 - 17:32 0
ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓުގެ އިސްތިއުނާފީ މައްސަލައާ ގުޅޭ ގޮތުން އިއްޔެ ހުށަހެޅި ސިޓީގެ ޖަވާބު ހޯދަން އެ ކޯލިޝަންގެ އިސްވެރިން ހައިކޯޓަށް ވަޑައިގެން އިހުތިޖާޖު ކުރުމުގެ ގޮތުން ނުނިކުމެ ތިބުމުން އެސްއޯ ފުލުހުން ހާޒިރުވެ ސުވާލުކޮށްފި އެވެ.
އިދިކޮޅު ކޯލިޝަންގެ އިސް ބޭފުޅުން ހައިކޯޓަށް ވަޑައިގަތީ މިއަދު ހެނދުނު 10:00 ހާއިރު އެވެ. އެ ބޭފުޅުން ކޯޓު ދޫކުރައްވައި ވަޑައިގަތީ ތިނެއްޖެހި ފަހުން ފުލުހުން ގޮސް ސުވާލުކުރުމުން ނެވެ.
ހައިކޯޓުގެ އިންފޮމޭޝަން އޮފިސަރު އަމީން ފައިސަލް ވިދާޅުވީ އިއްޔެ ފޮނުވި ސިޓީއާ ގުޅޭ ގޮތުން ޖަވާބެއް ދޭނެ ވާހަކަ އެންގި ކަމަށާއި ނަމަވެސް އެ ބޭފުޅުން ބޭނުންފުޅުވީ ޖަވާބެއް ލިބެންދެން ކޯޓުގައި މަޑުކޮށްގެން ތިއްބެވުމަށް ކަމަށެވެ.
"އަޅުގަނޑުމެން ބުނިން ވަޑައިގަންނަވާށޭ. ޖަވާބެއް ދޭނަމޭ. ނަމަވެސް އޮފީސް ބަންދުކުރުމުގެ ވަގުތު ޖެހުނުއިރު ވެސް އެ ބޭފުޅުން ކޯޓުގައި ތިއްބެވި. އަޅުގަނޑަކަށް ނޭނގެ އެ ބޭފުޅުން ދިޔައީ ފުލުހުން ބުނެގެން ކަމެއް، ނުވަތަ ނޫން ކަމެއް،" އަމީން ވިދާޅުވި އެވެ.
އަދަދަށް އެނގިފައިވާ ގޮތުގައި އެ ސިޓީއާ ގުޅޭ ގޮތުން ވަކި ޖަވާބެއް އަދި ނުދެ އެވެ.
ފުލުހުން ގޮސް ޕީޕީއެމްގެ ލީޑަޝިޕްގެ ބޭފުޅުންނާ ސުވާލުކުރީ ކޯޓުގެ ރަސްމީ ވަގުތު ދިޔައިރު އެ ބޭފުޅުން އެތަނުން ނުނިކުންނަވައި ތިއްބެވުމުންނެވެ. އޮފީހުގެ ނުރަސްމީ ވަގުތެއްގައި އޮފީހުގައި ނުތިއްބެވޭނެކަން ފުލުހުން އެންގި އެވެ.
"އެހެންވެ މިއަދަށް ނިންމާލާފައި ނުކުތީ،" އަދަދު ނޫހާ ވާހަކަ ދެއްކެވި ޕީޕީއެމްގެ އިސް އޮފިޝަލަކު ވިދާޅުވި އެވެ.
ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ޕީޕީއެމްގެ ރިޔާސީ ޓިކެޓު ހަވާލުކޮށްފައިވާ ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވީ މިދިޔަ ޑިސެމްބަރު މަހުގެ 25 ގަ އެވެ. އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ހިމެނޭ ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ހިފާ އެ ފައިސާ ލޯންޑާ ކުރިކަން ޔާމީންގެ މައްޗަށް ސާބިތުވި ނަމަވެސް އެމަނިކުފާނުގެ ލޯޔަރުންގެ ޓީމުން ވަނީ އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ.
އިސްތިއުނާފީ މައްސަލަ ލަސްވަމުންދާތީ އިދިކޮޅުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ފޯމު ހުށަހެޅުމު ފުރުސަތު އަންނަ އާދިއްތަ ދުވަހު ހުޅުވާލާއިރު، މިހާރު މިއޮތް ހާލަތުގައި ޔާމީނުގެ ކެންޑިޑެސީ ބަލައިގަތުމުގެ ފުރުސަތު ކުޑަ އެވެ. އެހެންކަމުން، އިދިކޮން ވަނީ ޔާމީނަށް "އިންސާފު ލިބެންދެން ރިޔާސީ އިންތިހާބު ފަސްކުރަން" ގޮވާލައިފަ އެވެ.
Comment