Advertisement

އުރުނު އުޅަނދުތަކުގެ ގެއްލުން އިންތިހާ، ލިބުނީ ކުޑަ ބަދަލެެއް!

20 ޖުލައި 2023 - 07:34 0

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް


އުރުނު އުޅަނދުތަކުގެ ގެއްލުން އިންތިހާ، ލިބުނީ ކުޑަ ބަދަލެެއް!

20 ޖުލައި 2023 - 07:34 0

މޯހަން މުތާ އެކްސްޕޯޓްސް (އެމްއެމް އެކްސްޕޯޓްސް) ގެ ބާޖެއް ފުވައްމަލު ފަރަށް އުރުނުކަން އެރަށު މީހުންނަށް އެނގެ އެވެ. ތިމާވެށީގެ އެފަދަ ކާރިސާތަކުގެ ކަންތައް ސާވޭކޮށް ބަލަން ހަވާލުވެފައިވާ އިދާރާ، އެންވަޔަރްމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އަށް އެ މައުލޫމާތު ލިބި، ފިޔަވަޅެއް އެޅުމުގެ މަސައްކަތް ފެށި އިރު ބާޖް ފުންކޮށް ރާއްޖޭން ވެސް ވަނީ ފުރައިފަ އެވެ. އީޕީއޭގެ ޑިރެކްޓާ ޖެނެރަލް އިބްރާހީމް ނައީމް ވިދާޅުވި ގޮތުގައި އެކަން އެގޮތަށް ކުރީ ބާޖްގެ ރާއްޖޭގެ އެޖެންޓް މެދުވެރިވެގެންނެވެ.

"އެ ބާޖް ރާއްޖޭން ފުރައިގެން ދިޔައީ ފަރަށް ނާރާ ކަމަށް ބުނެ ދޮގު މައުލޫމާތު ދީގެން ކަސްޓަމްސް ކްލިއަރެންސް ހޯދައިގެން،" އޭނާ ވިދާޅުވި އެވެ.

އެ މައްސަލާގައި އީޕީއޭ އިން މިހާރު ދުވަނީ ބާޖްގެ ރާއްޖޭގެ އެޖެންޓް ފަހަތުންނެވެ. ނައީމް ވިދާޅުވި ގޮތުގައި ބާޖް އެރުމުގެ ސަބަބުން ފުވައްމުލަކުގެ ފަރަށް ލިބުނު ގެއްލުން ސާވޭ ކުރަން އީޕީއޭގެ މާހިރުން މިހާރު ވަނީ ފުވައްމުލަކަށް ގޮސްފަ އެވެ. ގެއްލުންތައް ބެލުމަށް ފަހު ފިޔަވަޅު ވެސް އަޅާނެ އެވެ.

އެމްއެމް އެކްސްޕޯޓްގެ އެހެން ބާޖަކުުން އިއާދަނުކުރެވޭ ވަރުގެ ގެއްލުންތަކެއް

އިމާރާތް ކުރަން ބޭނުންވާ ބާވަތްތަކުން ކާބޯތަކެއްޗާއި ގެވެހިސާމާނަށް ދަންދެން ގާތްގަނޑަކަށް ހުރިހާ ބާވަތެއް ރާއްޖެއަށް އިމްޕޯޓްކުރާ އިންޑިއާގެ އެމްއެމްްއެކްސްޕޯޓްގެ ހިލަ ބާޖެއް ތ. ފުނައްޑޫ ފަރަށް އުރިފައި އޮންނަތާ މިހާރު މިވަނީ ހަ އަހަރެވެ.

މުޅި ދުނިޔޭގެ ރާޅާ އެޅުންތެރިންގެ މެދުގައި މަޝްހޫރު ރާޅުޕޮއިންޓަކާ ދާދި ކައިރިއަށް 2017 ވަނަ އަހަރު އުުރުނު އެ އުޅަނދު އަދިވެސް އޮތީ ފަރުމަތީގަ އެވެ. ތ. އަތޮޅުގައި ހިންގި މަޝްރޫއަކަށް ބޮޑުހިލަ ބަރުކޮށްގެން ދަތުރުކުރި އެ އުޅަނދު ފަރަށް އަރައި ހަލާކުވެ، ގިނަ އަދެެއްގެ ހިލަތައް ދަނީ ފަރުމައްޗަށް ފައިބަމުންނެވެ. ރާޅާއަޅާ މީހުން ބުނާ ގޮތުގައި އެކަމުގެ ސަބަބުން ރާޅުގަނޑަށް ވެސް ދަނީ ބަދަލު އަންނަމުންނެވެ. އެހެން ނަމަވެސް އެ ބާޖުގެ ސަބަބުން ލިބުނީ ކިހާވަރެއްގެ ގެއްލުމެއް ކަން އަދި ރަނގަޅަށް ބެލިފައެއް ނެތެވެ.

"އެތަނަށް ލިބިފައިވާ ގެއްލުން ރަނގަަޅަށް ސާވޭ ކުރެވޭނީ ވެސް ބާޖު އެތަނުން ނަގައިގެން. ބާޖު ނެގުމަކީ ބާޖްގެ ވެރި ކުންފުނީގެ ޒިންމާއެއް،" އީޕީއޭގެ ޑިރެެކްޓާ ޖެނެރަލް ނައީމް ވިދާޅުވި އެވެ.

ޖޫރިމަނާ ކުރިޔަސް ފައިސާއެއް ނުދައްކާ

ފަރުތަކަށް އުރުނު އުޅަނދުތަކާއި އެކިއެކި މަޝްރޫއުތައް ހިންގުމުގެ ތެރެއިން ފަރުތަކަށާއި ގުދުރަތީ އެހެނިހެން މާހައުލުތަކަށް ލިބުނު ގެއްލުންތަކާ ގުޅިގެން އީޕީއޭ އިން ވަނީ އެތައް ކުންފުންޏެއް ޖޫރިމަނާކޮށްފަ އެވެ. އެ އެޖެންސީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެކި ފަރާތްތަކުން ދައްކަން ޖެހި ނުދައްކާ ހުރި ޖޫރިމަނާ ފައިސާގެ އަދަދު 900 މިލިޔަނަށް ވުރެ މައްޗެވެ.

އެއީ 2013 ވަނަ އަހަރުން ފެށިގެން ކޮށްފައިވާ ޖޫރިމަނާތަކެވެ. އެ މުއްދަތުން ފެށިގެން މިހާތަނަށް ލިބިފައިވަނީ 200 ވަރަކަށް މިލިއަން ރުފިޔާ އެވެ. ލިބުނު ފައިސާއިން 154 މިލިއަން ރުފިޔާ އަކީ ރަސްފަރީ ފަރަށް އުރުނު ބޯޓުގެ ޖޫރިމަނާ އާއި އެ ފަރުގެ މަރާމާތަށް ދެއްކި ފައިސާ އެވެ. ނުލިބި ހުރި ޖޫރިމަނާގެ ތެރޭގައި 100 މިލިއަން ރުފިޔާގެ މައްސަލަތައް ވެސް ހިމެނެ އެވެ.

ފައިސާ ނުލިބޭ މައްސަލަތަކުގެ ތެރެއިން ބައެއް މައްސަލަ ހުރީ އެންވަޔަރަމެންޓު މިނިސްޓްރީގައި "އިސްތިއުނާފު މަރުހަލާ"ގަ އެވެ. ބައެއް މައްސަލަތައް "ވާނުވާގައި" އެހެން ބައެއް މިިނިސްޓްރީތަކުގަ އެވެ. އަދި ފައިސާ ހޯދުމުގެ މަރުހަލާގައި އޭޖީގައި ހުރި މައްސަލަތައް ވެސް އެބަ ހުއްޓެވެ.

އީޕީއޭގެ ޑިރެކްޓާ ޖެނެރަލް އިބްރާހީމް ނައީމް ވިދާޅުވި ގޮތުގައި ޖޫރިމަނާ ފައިސާ ނުދައްކައި ތިބި ފަރާތްތަކާ ދެކޮޅަށް ދައުވާ ކުރުމުގެ މަަސައްކަތް އެޓާނީ ޖެނެރަލްގެ އޮފީހުން ކުރަމުން އަންނަ ކަން އޭނާއަށް އެނގިވަޑައިގަންނަވަ އެވެ. އެހެން ނަމަވެސް އެކަމާ ބެހޭ ގޮތުން އޭޖީ އޮފީހުގެ ބަހެއް ނުލިބޭތީ އޭގެ ތަފްސީލެއް އަދި ނުލިބެ އެވެ.

މިފަދަ މައްސަލަތައް ތަންފީޒު ނުކުރެވޭއިރު، ހިލަ ބާޖާއެކު ފުވައްމަލަކުން ތިލަވި މައްސަލަ ފެންމަތީގައި އޮތްވައި، އުޅަނދު ފިލައިގެން ދިޔުމަކީ ވެލި ފުކެއްވަރުގެ މައްސަލައެއް ނޫނެވެ. މިފަހަރު އެ ދިޔައީ ބާޖެވެ. އެ ކުންފުނިން ރާއްޖޭގައި ކުރާ ވިޔަފާރި މިލިއަން ޑޮލަރަށް އަރައެވެ. ކުރަންވީ މަސައްކަތަކީ ފުރިހަމައަށް ގާނޫނު ތަންފީޒު ކުރަން ކެރުމުގެ ހިތްވަރު ހުރުމެވެ. ނޫންނަމަ މި ރީތި ފަރާއި ފަޅަށް ލިބޭ ގެއްލުމުގެ ބަދަލު ހޯދަން ގާނޫނުގައި ލިޔެފައި އޮތުމުގެ މާނައެއް، އޭގެ ބޭނުމެއް، ބާރެއް ނެތެވެ.