އީގަލްސްގެ ކުޅުންތެރިން ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު
އެމްޑަބްލިއުއެސްސީ ދިވެހި ޕްރިމިއާ ލީގުގައި މިއަދު ކުޅުނު މެޗުން 7-3 އިން ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ބަލިކުރުމަށް ފަހު، ކްލަބް އީގަލްސް އަލުން ލީގުގެ ދެ ވަނަ އަށް ޖެހިލައިފި އެވެ.
މިއީ، އީގަލްސްގެ ކޯޗުކަމާ މުހައްމަދު ޝިޔާޒް (މޯހަން)، އަލުން ހަވާލުވި ފަހުން އެ ޓީމުން ކުޅުނު ފުރަތަމަ މެޗެވެ. އީގަލްސް އިން މި މެޗުން މޮޅުވެ، ލީގުގެ ދެ ވަނަ އަށް ޖެހިލީ ހަތަރު މެޗުން 10 ޕޮއިންޓާ އެކު އެވެ.
އެއް ވަަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަށް ވަނީ ހަަތަރު މެޗުން 12 ޕޮއިންޓް ލިބިފަ އެވެ. އިއްޔެ، ހަވީރު ބުރު ސްޕޯޓްސް ކްލަބުން ގްރީން ސްޓްރީޓްސް ބަލިކޮށް އެ ވަގުތު ދެ ވަނަ އަށް ޖެހިލި ނަމަވެސް މިއަދު އީގަލްސް މޮޅުވުމުން ބުރު މިހާރު ތިން ވަނައިގައި އޮތީ ހަތަރު މެޗުން ނުވަ ޕޮއިންޓާ އެކު އެވެ.
ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގެ ހަ ވަނަ މިނިޓްގައި އީގަލްސް އިން ލީޑުނެގީ ނިޝާމް މުހައްމަދު ރަޝީދު (ޕޮގްބާ) ޖެހި ގޯލުންނެވެ. މެޗުގެ ފުރަަތަމަ 38 މިނިޓް ތެރޭ އީގަލްސް އިން ވަނީ ފަސް ގޯލުގެ ލީޑެއްނަގައިފަ އެވެ. އެ ޓީމުގެ އަނެއް ލަނޑުތައް ޖެހީ ބްރެޒިލްގެ ފޯވާޑް، އިވާން ކާލޯސް، އަހުމަދު ރިޒުވާން (ރިޒޭ)، އިބްރާހިމް މަހުދީ ހުސެއިން (ފޭދޫ އިއްބެ) އަދި ޒައިން ޒަފަރު އެވެ.
އީގަލްސް އިން ބޮޑު ލީޑެއްނަގައި ފަސޭހަކޮށްލުމުގެ ފައިދާނަގައި، ސަސް އިން ފުރަތަމަ ހާފުގައި ދެ ގޯލު ޖެހި އެވެ. އެ ޓީމުގެ ލަނޑުތައް ޖެހީ އަލީ ނަސޫހު ރަޝީދު (ޕިލާ) އާއި އަހުމަދު ހުސާމް (ހުސާންކޮ) އެވެ.
ސަސްގެ މުހިންމު ދެ ކުޅުންތެރިން ކަމަށްވާ އައިހަމް އަހުމަދު (އައިހު) އާއި އަހުނަފް ރަޝީދު (އަހުއްކޮ) މިއަދު ހަވީރު ވަނީ ކްލަބް މޯލްޑިވްސް ކަޕްގައި ކުޅެފަ އެވެ.
ދެ ވަަނަ ހާފުގައި އީގަލްސްގެ އަނެއް ދެ ގޯލު ޖެހީ ރިޒޭ އާއި އިވާން ކާލޯސް އެވެ. ސަސްގެ ފަހު ގޯލު ކާމިޔާބުކުރީ އިބްރާހިމް އަތީގް ހަސަން އެވެ.
ލީގުގައި މިރޭ ކުޅޭ މެޗުގައި ކްލަބް ވެލެންސިއާ ބައްދަލުކުރާނީ ޔުނައިޓެޑް ވިކްޓަރީ (ޔޫވީ)އާ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment