Advertisement

ގްރީން ސްޓްރީޓްސް ބަލިކޮށް ބުރު ކުރިއަށް

14 ޖުލައި 2023 - 18:06 0

ބުރުގެ ސާމިރު ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


ގްރީން ސްޓްރީޓްސް ބަލިކޮށް ބުރު ކުރިއަށް

14 ޖުލައި 2023 - 18:06 0

އެމްޑަބްލިއުއެސްސީ ދިވެހި ޕްރިމިއާ ލީގުގައި މިއަދު ކުޅުނު މެޗުން ބުރު ސްޕޯޓްސް ކްލަބުން 3-0 އިން ކްލަބް ގްރީން ސްޓްރީޓްސްގެ މައްޗަށް ކުރިހޯދައި ލީގުގެ ދެ ވަނަ އަށް ޖެހިލައިފި އެވެ.

މިއީ، މިދިޔަ މެއި 19 ވަނަ ދުވަހު، ސާފް ބަންގުބަންދު ޗެމްޕިއަންޝިޕަށް ލީގު މެދުކަނޑާލުމަށް ފަހު ކުޅުނު ފުރަތަމަ މެޗެވެ. ފަންސާސް ހަ ދުވަހުގެ މެދުކެނޑުމަކަށް ފަހު ލީގު އެނބުރި އައި މެޗުން މޮޅުވެ، ބުރުން ދެ ވަނަ އަށް ޖެހިލީ އެއް ވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަށް ވުރެ އެއް މެޗު އިތުރަށް ކުޅެ، އެ ޓީމާ އެއްވަރަށް ނުވަ ޕޮއިންޓް ހޯދައިގެންނެވެ.

ގަލޮޅު ދަނޑުގައި މިއަދު ކުޅުނު މެޗު ފަށައިގެން ގްރީން ސްޓްރީޓްސް އިން ކައުންޓަ އެޓޭކެއްގައި ލަނޑެއް ޖަހަން ފުރުސަތެއް ހޯދި އެވެ. ބުރުގެ ޑިފެންޑަރުން ކުރިއަށް ޖެހި ހުރި ވަގުތެއްގައި ގްރީން ސްޓްރީޓްސްގެ ފޯވާޑް، ހުސެއިން ހާފިޒް ބޯޅަ ހިފައިގެން އޭރިއާތެރެއަށް ވަދެ، ފޮނުވާލަން މަސައްކަތް ކުރި ހަމަލާ ހުއްޓުވިއިރު، އެ ބޯޅަ އަލުން ހޯދައި، ގްރީން ސްޓްރީޓްސްގެ ކެޕްޓަން، އަންސަރު އިބްރާހިމް (އަންކޮ) އަށް ރަނގަޅަށް ފޮނުވާނުލެވި ވީ ބްލޮކް އެވެ.

ބުރުން ކުރި އެޓޭކެއްގައި އެ ޓީމުގެ ވާތުބެކް، މުހައްމަދު ލީވާން ނަދީމް ނެގި ހުރަސް ކުޅުމުގެ ތެރެއަށް އައީ ހުރަސްދަނޑީގައި ޖެހިފަ އެވެ. މެޗުގައި ބުރުން ޖެހި ފުރަތަމަ ލަނޑު ޖެހީ 18 ވަނަ މިނިޓްގައި އެ ޓީމުގެ މުހައްމަދު ސާމިރު އެވެ. ސާމިރު ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ކަނަށެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ގްރީން ސްޓްރީޓްސް އަށް އެއްވަރުކޮށްދޭން އަންކޮ ޖެހި ބޯޅައެއް ވަނީ ހުރަސްދަނޑިއަށް އަމާޒުވެފަ އެވެ. އޭރިއާ ބޭރުން ގޯލު ތެރެއަށް އޮއްސާލަން އަންކޮ ޖެހި ޝޮޓް ބުރުގެ ކީޕަރު، އަބްދުﷲ އަރުޝަން އަތުގައި ޖެހިފައި އަމާޒުވީ ހުރަސްދަނޑިއަށެވެ.

ބުރުގެ ސާމިރު (ކ) އާއި ނާއިމް ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


ދެ ވަނަ ހާފުގައި ގްރީން ސްޓްރީޓްސް އިން ވަރަށް ބޮޑަށް ކުރިއަށް ޖެހިގެން ކުޅެ، ބުރުގެ ފަހަތަށް ބާރު ބޮޑުކުރި އެެވެ. ރަނގަޅު ހުރަސްތަކެއް ކުރި ނަމަވެސް ކީޕަރު އަރުޝަން ވަނީ އެ ބޯޅަތައް ހުއްޓުވައިފަ އެވެ.

ބުރުން ލީޑުފުޅާކުރަން ކުރި މަސައްކަތުގައި އޭރިއާތެރެއަށް ހުރަސްވި ބޯޅައަކަށް އަރައި، އެ ޓީމުގެ މުހައްމަދު ނާއިމް ޖެހި ބޯޅަ ގްރީން ސްޓްރީޓްސްގެ ކީޕަރު، މިފްޒާލް އިދްރީސް ވަނީ މަތަކޮށްފަ އެވެ. އޭގެ ފަހުން، ބުރުގެ ކެޕްޓަން، އަހުމަދު ރަޝީދު (އައްމަޑޭ) ޖެހި ބޯޅައެއް ވެސް ކީޕަރު މިފްޒާލް ވަނީ ހުއްޓުވައިފަ އެވެ.

އެކަމަކު، ބުރުން ވަނީ މެޗުގެ 87 ވަނަ މިނިޓްގައި ދެ ވަނަ ގޯލު ޖަހައިފަ އެވެ. ބުރުގެ އަލީ ހަމްދާން (އައްޔަ) ހުސްކޮށްލާފައި އޭރިއާތެރޭގައި ހުރި ނާއިމް އަށް ޖައްސާލުމުން، އޭނާ ވަނީ ހަމަޖެހިލައިފައި ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.

މެޗުގެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ފަސް މިނިޓް ތެރޭގައި ބުރުގެ ތިން ވަނަ ގޯލު ޖެހީ ސާމިރު އެވެ. އޭރިއާތެރެއިން ސާމިރު ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ކަނަށެވެ.

ލީގުގައި މިރޭ ކުޅޭ މެޗުގައި މާޒިޔާ ބައްދަލުކުރާނީ ޓީސީ ސްޕޯޓްސް ކްލަބާ އެވެ.