11 ޖުލައި 2023 - 17:15 0
11 ޖުލައި 2023 - 17:15 0
ރާއްޖޭގެ އެތުލެޓިކްސް އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ، އަހުމަދު މުންތަގިމް (މުންތޭ)، އޭޝިއާގެ އެތުލެޓިކްސް އަށް ކޮށްދިން ހިދުމަތުގެ އަގުވަޒަންކޮށް، އޭޝިއާގެ އެތުލެޓިކްސް ރައީސް އޭޝިއާ އެތުލެޓިކްސްގެ ރައީސް ގަތަރުގެ ދަހްލާން އަލް ހަމަދު ދެއްވާ ލީޑަޝިޕް ޕިން ދެއްވައިފި އެވެ.
މިއަދު ބޭއްވި އޭޝިއާ އެތުލެޓިކްސްގެ 25 ވަނަ އަހަރީ އާންމު ބައްދަލުވުމުގެ ތެރެއިން މުންތަގިމް އަށް މި ޕިން ދެއްވިއިރު، ރާއްޖޭގެ އެތުލެޓިކްސް އެސޯސިއޭޝަންގެ ނައިބު ރައީސް އަހުމަދު އަޒީލް އަށް ވަނީ ޑަބްލިއު އޭ ރެފްރީ ބްރޯންޒް ލެވަލް ހާސިލްކޮށްފަ އެވެ. މިއީ، ނެޝަނަލް އެތުލެޓިކްސް ރެފްރީ ލެވަލަށް ފަހު ދެން އިންނަ ލެވަލްގެ ސެޓްފިކެޓް އެކެވެ.
ހަތަރު ވަނަ ދައުރަކަށް އެތުލެޓިކްސް އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީއެއްގެ ޒިންމާ އަދާކުރަމުން އަންނަ މުންތަގިމް އަކީ ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަންތަކުގެ ތެރެއިން ޖެހިޖެހިގެން އެންމެ ގިނަ ދައުރު އެ ޒިންމާ އަދާކުރަމުން އަންނަ ފަރާތެވެެ.
ޖަޕާނުގެ ޖިފޫގައި 2018 ވަނަ އަހަރު ބޭއްވި ޖޫނިއާ އެތުލެޓިކްސް މުބާރާތުގައި ސްޓާޓް ރެފްރީކަންކޮށް މުންތަގިމް ވެފައިވަނީ އޭޝިއާގެ މުބާރާތެއްގައި އެފަދަ ޒިންމާއެއް ނެގި ފުރަތަމަ ދިވެއްސަށެވެ. އަދި ނޭޕާލުގައި 2019 ވަނަ އަހަރު ކުރިއަށްދިޔަ ސައުތު އޭޝިއަން ގޭމްސްގެ އެތުލެޓިކްސް އިވެންޓްތަކުގެ އިންޓަނޭޝަނަލް ޓެކްނިކަލް އޮފިޝަލް (އައިޓީއޯ) އަކަށް މުންތަގިމް މަސައްކަތް ކުރިއިރު، އޭނާ އަކީ ގޭމްސް އެއްގެ އެތުލެޓިކްސްގެ އެ ފަދަ ޒިންމާއެއް އަދާކުރި ރާއްޖެ އަށް ނިސްބަތްވާ ފުރަތަމަ މީހާ އެވެ.
އެންމެ ފަހުން، 2021 ވަނަ އަހަރު ބޭއްވި އޮލިމްޕިކްސްގައި ރާއްޖޭގެ ޝެފް ޑި މިޝަނަރަކަށް މަސައްކަތް ކުރި މުންތަގިމް ވަނީ މިދިޔަ އަހަރު ވިއެޓްނާމްގެ ހަނޯއިގައި ބޭއްވި 31 ވަނަ ސައުތު އީސްޓް އޭޝިއަން ގޭމްސް (ސީގޭމްސް) ގައި ޓެކްނިކަލް އޮފިޝަލުންގެ ތެރޭގައި މަސައްކަތް ކޮށްފަ އެވެ.
ޑާކާ މެރަތަން އާއި އޭޝިއަން ކްރޮސް ކަންޓްރީ ޗެމްޕިއަންޝިޕްގައި ވެސް ރެފްރީ އަކަށް މަސައްކަތްކުރި މުންތަގިމް، މިދިޔަ މަހު ދެކުނު ކޮރެއާގައި ކުރިއަށްދިޔަ އޭޝިއާގެ 20 އަހަރުން ދަށުގެ އެތުލެޓިކްސް މުބާރާތުގައި ވެސް ޓެކްނިކަލް އޮފިޝަލެއްގެ ގޮތުގައި މަސައްކަތް ކޮށްފަ އެވެ.
Comment