8 ޖުލައި 2023 - 13:00 0
8 ޖުލައި 2023 - 13:00 0
އިއްޔެ މާލޭގައި ފެށި 13 ވަނަ ސައުތު އޭޝިއަން ބޮޑީބިލްޑިން ޗެމްޕިއަންޝިޕުގައި ވާދަކޮށް ރާއްޖޭގެ އެތުލީޓުން ހަތަރު ރަން މެޑަލް އާއި ތިން ރިހި މެޑަލް އަދި ލޯ މެޑެއްޔެއް ހޯދައިފި އެވެ.
ޒުވާނުންގެ މަރުކަޒުގެ އިންޑޯ ހޯޅުގައި ކުރިއަށްދާ ސައުތު އޭޝިއަން ބޮޑީބިލްޑިން ޗެމްޕިއަންޝިޕުގައި މި އަހަރު ހަ ގައުމަކުން އެތުލީޓުން ވާދަކުރެ އެވެ. އޭގެ ތެރޭގައި ހިމެނެނީ އިންޑިއާ، ނެޕާލް، ޕާކިސްތާން، އިންޑިއާ، އަފްގާނިސްތާން އަދި ރާއްޖެ އެވެ.
އިއްޔެ ކުރިއަށްދިޔަ ގިނަ އިވެންޓުތަކަށް ފަހު ރާއްޖެއަށް ރަން މެޑަލް ހޯދައިދިން އެތުލީޓުންނަކީ އަޒްނީން ރަޝާދު، އަބްދުﷲ އަހުސަން، މުހައްމަދު ޔާމީން (ޔާމްބެ) އަދި މުހައްމަދު މޫސާ (މޯޑް) އެވެ.
އަޒްނީން ރަން މެޑަލް ހޯދީ 170 ސެންޓިމީޓަރުގެ ސްޕޯޓްސް ފިޒީކް ކެޓަގަރީ އިންނެވެ. މީގެ ކުރިން 2019ގައި ނޭޕާލްގައި އޮތް ސައުތު އޭޝިއަން ބޮޑީބިލްޑިން ޗެމްޕިއަންޝިޕުންވެސް އަޒްނީން ރަން މެޑަލް ހޯދި އެވެ. އަޒްނީން ވަނީ ދާދި ފަހުން ނިމުނު މިސްޓަ މޯލްޑިވްސްގެ ސްޕޯޓްސް ފިޒީކް ކެޓަގަރީ އިންވެސް އެއް ވަނަ ހޯދައިފަ އެވެ.
ރާއްޖޭގެ މިސްޓަ މޯލްޑިވްސްގެ މަގާމް މިދިޔަ ދެ އަހަރު ހޯދި މުހައްމަދު ޔާމިން ސައުތު އޭޝިއަން ބޮޑީބިލްޑިން ޗެމްޕިއަންޝިޕުން އެއްވަނަ ހޯދީ 85 ކީލޯގެ ކެޓަގަރީ އިންނެވެ.
އަބްދުﷲ އަހުސަން އެއް ވަނަ ހޯދީ އެތުލެޓިކް ފިޒީކްގެ 175 ސެންޓިމީޓަރު ކެޓަގަރީ އިންނެވެ. އަދި މުހައްމަދު މޫސާ ރަން މެޑަލް ހޯދީ 55 ކިލޯ މީޓަރު ކެޓަގަރީ އިންނެވެ.
މި މެޑަލްތަކުގެ އިތުރުން ރާއްޖޭގެ ފަތުހުﷲ މުހައްމަދު އާއި މުހައްމަދު އިމްރާހް ވާދަކުރި އިވެންޓުން ސިލްވާ މެޑަލް ހޯދިއިރު ޖޫނިއާ ކެޓަގަރީގައި ވާދަކުރި ރާއްޖޭގެ ދެ އެތުލީޓަކު ވަނީ ރިހި މެޑެއްޔަކާއި ލޯ މެޑަލެއް ވެސް ހޯދައިފަ އެވެ.
ތޭރަ ވަނަ ސައުތު އޭޝިއަން ބޮޑީބިލްޑިން ޗެމްޕިއަންޝިޕުގެ އިވެންޓުތައް މިއަދު ވެސް ކުރިއަށްދާނެ އެވެ.
މި އަހަރުގެ ބާކީ އޮތް ދުވަސްތަކަކީ ރާއްޖޭގެ ބޮޑީބިލްޑަރުންނަށް ބުރަ ދުވަސްތަކެކެވެ. އެ ގޮތުން މިހާރު ކުރިއަށްދާ ސައުތު އޭޝިއަން ބޮޑީބިލްޑިން ޗެމްޕިއަންޝިޕަށް ފަހު އަންނަ ސެޕްޓެމްބަރު މަހު ނެޕާލްގައި އޮންނަ އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ވެސް ރާއްޖެ ވާދަކުރާނެ އެވެ. އޭގެ ފަހުން އަންނަ ނޮވެމްބަރު މަހު ދެކުނު ކޮރެއާގައި ވޯލްޑް ބޮޑީބިލްޑިން ޗެމްޕިއަންޝިޕް ކުރިއަށްދާނެ އެވެ.
Comment