Advertisement

އެޖެންޑާއާ މެދު ކައުންސިލަރުން ތަކެއް ނުރުހި، މާލޭ ސިޓީ ކައުންސިލް ބައްދަލުވުމުގެ ކޯރަމް ނަގާލައިފި

6 ޖުލައި 2023 - 10:54 27

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

މާލޭގެ މޭޔަރު ޑރ.،މުހައްމަދު މުއިއްޒު ސިޓީކައުންސިލްގެ ބައްދަލުވުމެއްގެ ރިޔާސަތު ބަލަހައްޓަވަނީ. ފޮޓޯ: ސިޓީކައުންސިލްގެ އިދާރާ


އެޖެންޑާއާ މެދު ކައުންސިލަރުން ތަކެއް ނުރުހި، މާލޭ ސިޓީ ކައުންސިލް ބައްދަލުވުމުގެ ކޯރަމް ނަގާލައިފި

6 ޖުލައި 2023 - 10:54 27

މާލޭ ސިޓީ ކައުންސިލުން މިއަދު ހެނދުނު ފެށި ޖަލްސާގެ އެޖެންޑާއާ މެދު ކައުންސިލަރުންތަކެއް ރުހިވަޑައިނުގެން 'ވޯކްއައުޓް' ކުރެއްވުމުން ކޯރަމް ގެއްލިގެން ހުއްޓައިލަން ޖެހިއްޖެ އެވެ.

ޖަލްސާ ދޫކުރައްވައި އެންމެ ފުރަތަމަ ނުކުމެވަޑައިގެންނެވީ ހެންވޭރު ހުޅަނގު ދާއިރާގެ ޕީޕީއެމް ކައުންސިލަރު އަހުމަދު އައިފާނާއި ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝެވެ. ޖަލްސާ ދޫކުރައްްވައި ނުކުމެވަޑައިގެންނެވުމުގެ ކުރިން އެ ކައުންސިލަރުން ވިދާޅުވީ "ހުށަހަަޅާ އެއްޗިހި އެޖެންޑާކޮށްދެއްވަން ވާނެ" ކަމަށެވެ.

"ތާއީދެއް ނޫން ތިޔަހެން ހައްދަވާކަށް. އަޅުގަނޑުމެން ހުށަހަޅާ އެއްޗިހި މިތާ އެޖެންޑާކޮށްދެއްވަން ވާނެ،" މިއަދުގެ ޖަލްސާގެ އެޖެންޑާއަށް، މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވޯޓަށް އެއްސެވުމާ އެކު ޖަލްސާ ދޫކުރައްވައި ނުކުމެވަޑައިގެންނެވި ކައުންސިލަރުން އެއް އަޑަކުން ވިދާޅުވި އެވެ.

މުއިއްޒު "އަދަދު" އަށް ވިދާޅުވި ގޮތުގައި ބައެއް ކައުންސިލަރުން މިއަދު ހިތްހަމަނުޖެހުން ފާޅުކުރެއްވީ އެ ބޭފުޅުން ހުށަހެޅި ކަންތައްތަކެއް އެެެޖެންޑާ ނުކުރެވުމުން ކަމަށެވެ. އެހެން ނަމަވެސް އެ މައްސަލަ އެޖެންޑާ ނުކުރެއްވީ އޭނާ ވިދާޅުވި ގޮތުގައި ހުށަހެޅިލެއް ލަސްވުމުންނެވެ.

"ގާނޫނުގައި ބުނެފައި އޮތީ 72 ގަޑިއިރު ކުރިން ފޮނުވަން ޖެހޭނެ ވާހަކަ، މުއްދަތަށް ވުރެ ފަހުން ފޮނުވީމާ އަޅުގަނޑު ދެންނެވިން އަންނަ ހަފްތާއަށް އެޖެންޑާ ކޮށްދޭނަމޭ. ދެން އެކަމުގައި ކުޑަ ހިޔާލުތަފާތުވުމެއް އެއައީ އަސްލުގައި،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި މިއަދުގެ ބައްދަލުވުމުން ނުކުމެވަޑައިގެންނެވި ކައުންސިލަރުންގެ ތެރޭގައި ޕީޕީއެމް، އެމްޑީޕީ އަދި ޑިމޮކްރެޓްސްގެ ކައުންސިލަރުން ވެސް ހިމެނިވަޑައިގަންނަވަ އެވެ.

މިއަދަށް އެޖެންޑާ ނުކުރި މައްސަލަ އެެޖެންޑާ ނުކުރެއްވި ސަބަބު ލިއުމުން އަންގަވައި ދެއްވަން ކައުންސިލަރުން ޖަލްސާ ދޫކުރައްވައި ވަޑައިގެންނެވުމުގެ ކުރިން އެދިވަޑައިގެންނެވި އެވެ. މުއިއްޒު ވިދާޅުވީ އެޖެންޑާގައި ނުހިމެނޭ ކަމެއް އޮވެއްޖެއްޔާ ލިއުމުން ޖަވާބު ދެއްވާނެ ކަމަށެވެ.