Advertisement

އަމީނީމަގުގެ މަސައްކަތަށް މަގުތަކެއް ބަންދުކުރުމުން ޑިމޮކްރެޓުންގެ ނުރުހުން

5 ޖުލައި 2023 - 19:07 0

އަހުމަދު އާއިދު

އަހުމަދު އާއިދު

އަމީނީ މަގު ޒަމާނީ ފެންވަރަށް ހެދުމުގެ މަސައްކަތުގައި ބަޔަކު ހަރަކާތްތެރިވަނީ. ފޮޓޯ: އަބްދުﷲ އިޔާން/އަދަދު


އަމީނީމަގުގެ މަސައްކަތަށް މަގުތަކެއް ބަންދުކުރުމުން ޑިމޮކްރެޓުންގެ ނުރުހުން

5 ޖުލައި 2023 - 19:07 0

އަމީނީ މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރަން ކުރާ މަސައްކަތް ކުރިއަށް ދާތީ އެމަގާ ގުޅިފައިވާ ބައެއް ގޯޅިތައް ބަންދުވާނެކަން ފުލުހުން އިއުލާނުކުރުމުން، އެއީ 'ދި ޑިމޮކްރެޓްސް' އުފައްދަން މިރޭ ބާއްވާ ޖަލްސާއަށް ހުރަސް އަޅަން ކުރާ ކަމެެއްގެ ގޮތުގައި އެޕާޓީގެ ހަރަކާތްތެރިން ސިފަކޮށްފި އެވެ.

އެ ޕާޓީއަށް ސަޕޯޓުކޮށް ހިންގާ ސޯޝަލް މީޑިއާ އެކައުންޓަކުން، އަމީނީ މަގު ތަރައްގީ ކުރުމަށް އެ މަގު ބަންދުކޮށްފައިވާ މަންޒަރު ފެންނަ ވީޑިއޯއެއް ހިއްސާކުރަމުން ބުނީ 'އަމީނީމަގު ވަޅުލައި ބޮޑުތަކުރުފާނުމަގު ބުރިކޮށްލިޔަސް ޖަލްސާ އޮންނާނެ' ކަމަށެވެ.

މިރޭގެ ޖަލްސާ އޮންނަ ޣިޔާސުއްދީން ސްކޫލާ ހަމައަށް އަމީނީ މަގު ބަންދުކުރިކަން ފުލުހުންވެސް އިއުލާނުކުރީ ޑިމޮކްރެޓުންގެ ޖަލްސާ ފަށަން ތިން ގަޑިއެެއް ހާއިރަށް ވީފަހުންނެވެ. މިރޭ 6:00 ހާއިރު ފުލުހުން ކުރި ޓްވީޓެއްގައިވާ ގޮތުން އެ ސްކޫލުގެ ވަށައިގެން އޮތް ދެ މަގުވެސް މިހާރު ވަނީ ބަންދުކޮށްފަ އެވެ.

ނަޝީދު އިވެސް ހުންނަވާ މި ޕާޓީ އުފެއްދުން ލަސްކޮށް ހުއްޓުވުމަށް ސަރުކާރުން މަސައްކަތް ކުރާ ކަމަށް އެ ޕާޓީން އަންނަނީ ތަކުރާރުކޮށް ތުހުމަތުކުރަމުންނެވެ.

ދި ޑިމޮކްރެޓްސް އަކީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ކުރިމަތިވެވަޑައިގެންނެވި ނާކާމިޔާބީއަށް ފަހު، ނަޝީދު އުފެއްދެވި 'ފިކުރެއްގެ ދިރުން' ހަރަކާތުގައި އިސްކޮށް އުޅުއްވި ބޭފުޅުން އުފައްދަވާ ޕާޓީއެކެވެ. ވެރިކަންކުރާ އެމްޑީޕީން ވަކިވެ އާ ޕާޓީއެއް އުފައްދާއިރު، ނަޝީދު ވެސް ވަނީ މި ފަހުން އެމްޑީޕީން ވަކިވެވަޑައިގެންފަ އެވެ. އެކަމަކު އެމަނިކުފާނު އަދި އެ ޕާޓީއަކަށް ސޮޔެއް ނުކުރައްވަ އެވެ.

ޑިމޮކްރެޓްސްގެ ކެންޑިޑޭޓަކު އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކަމަށް ވެސް ވަނީ އެޕާޓީން އިއުލާންކޮށްފަ އެވެ. ނަމަވެސް އެ ޕާޓީން ވާދަކުރާނެ ކެންޑިޑޭޓެއް އަދި ނުނިންމަ އެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނާ ގޮތުން، ޕާޓީ އުފައްދަން ބާއްވާ ޖަލްސާގައި ޕާޓީގެ ނިޝާން، ކުލަ، ލޯގޯ، އަސާސީ ގަވާއިދު ފާސްކުރުމުގެ އިތުރަށް ޕާޓީގެ ފުރަތަމަ ކޮންގްރެސް ބޭއްވެންދެކަށް ޕާޓީ ހިންގާނެ ވަގުތީ ލީޑާޝިޕެއް ވެސް އިންތިހާބުކުރަން ޖެހެ އެވެ.